ތަނަވަސްކަމާ ޢިއްޒަތަކުން ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ތަނަވަސްކަމާ ޢިއްޒަތަކުން ޙަޤީޤީ އުފާވެރިކަމެއް ނުލިބޭނެ!

އެހެން މީހުންގެ ދިރިއުޅުމަށް ނުވަތަ އެމީހުން ދިރިއުޅޭ ފެންވަރަށް ބަލައި ނުވިސްނާށެވެ. މުހިންމީ މީހަކު ދިރިއުޅޭ ފެންވަރެއް ނޫނެވެ. ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅެވުމެވެ. އެކަންކަން ގުޅިފައިވަނީ މީހަކަށް ދިރިއުޅެވޭ ފެންވަރަކާއިއެއް ނޫނެވެ. 

އެއީ ދިރިއުޅެވޭ ފެންވަޜާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނަމަ އެންމެ މަތީ ފެންވަރުގައި ދިރިއުޅޭ ޢިއްޒަތްތެރިންނާއި އެންމެ ތަނަވަސް މީހުން ވާނީ އެންމެ އުފަލުގައި އުޅޭ މީހުންނަށް ނޫންހެއްޔެވެ؟ އެކަމަކު ބަލާށެވެ! އެފަދަ ގިނަ ބައަކު ދިރިއުޅެނީ އުފަލަކު ނޫނެވެ. ހިތްހަމަޖެހިގެނެއްވެސް ނޫނެވެ. ހާސްވުމާއި ކަންބޮޑުވުމުގައެވެ. 

އަހުރެމެންގެ ތެރެއިން ގިނަ ބައަކަސް މިއަދު ވެގެން މިއުޅޭ ގޮތަކީ މީހަކު ތަނަވަސްކަމުގައި ނުވަތަ ޢިއްޒަތެއް ލިބިގެން އުޅޭނަމަ ޤަބޫލުކުރެވެނީ އޭނާއަކީ ވަރަށް އުފަލުގައި ދިރިއުޅޭ މީހަކު ކަމުގައެވެ. މިއީ ކުރެވޭ ކުށްހީއެކެވެ. 

އުފަލުގައި ދިރިއުޅެވޭނެ ހަމައެކަނި މަގަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. އެކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ އެއީ ޝައްކުރަންވީ ކަމެއް ނޫނެވެ. އަދި ދުނިޔޭގައި އެންމެ އުފަލުގައި ދިރިއުޅެނީ އެންމެ ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ، ޛިކުރުކުރާ މީހުންކަން އެއީ ފެނިޘާބިތުވާ ކަމެކެވެ. ވީމާ މިބުނި ވަޙީ ބަސްފުޅަށް ޝައްކުކުރުމެއް ނެތެވެ. 

ތަނަވަސްކަން ނެތުމުން ރޭގަނޑު ނުކައި ނިދާ މީހުން ވަރަށް ގިނައެވެ. އެމީހުން ހައިހޫނު ކަމުގައި ތިބެ ނިދިނަމަވެސް ހޭލަނީ ހަމަ ހިތްހަމަޖެހިގެން ތިބެއެވެ. އަނެއް ދުވަހުވެސް ހައިހޫނުކަން ފިލުވައިލެވޭ ވަރަށް ﷲ ތަޢާލާ ރިޒުޤް ދެއްވަވަތެވެ. ވީމާ އުފާވެރިކަމާއި މީހަކު ހަދާ އަގުބޮޑު ކެއުމާއި އެއްވެސް ގުޅުމެއް ނެތެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން