އަންހެނުން ކުށްވެރިކުރުމުން ކުރާނެ ފައިދާއެއް ނެތް! ފާޙިޝް ޢަމަލުކުރުން މަދުކުރަން، ހުއްޓުވަން ބޭނުންނަމަ މިކަންކަމަށް މުޅިމުޖުތަމަޢުވެސް ވިސްނަން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
އަންހެނުން ކުށްވެރިކުރުމުން ކުރާނެ ފައިދާއެއް ނެތް! ފާޙިޝް ޢަމަލުކުރުން މަދުކުރަން، ހުއްޓުވަން ބޭނުންނަމަ މިކަންކަމަށް މުޅިމުޖުތަމަޢުވެސް ވިސްނަން އެބަޖެހޭ!

އަހުރެން ކުރިން ދެއްކި ވާހަކައާއި ގުޅުވާލަން ޖެހޭ ކަމެއް ފާހަގަކޮށްލާނަމެވެ. 

މިހާރަކަށް އައިސް ގިނަ މީހުން ބައްދަލުވެ ވާހަކަދައްކައި މިއުޅެނީ އޮންލައިންކޮށެވެ. އޮންލައިނުން ބައްދަލުވެ ވާހަކަދައްކާ މީހެއްގެ ގާތުގައިވެސް ނުވަތަ ފިރިހެނެއްގެ ގާތަށް ގޮސްނަމަވެސް އަންހެނަކު އޭނާ ދިރިއުޅެމުން އަންނަ ދަތިޙާލު ބަޔާންކޮށްފިނަމަ އަޑުއަހާނީވެސް މަދުމީހެކެވެ. އެހީތެރިވެދޭނީ އަދި މާމަދު ބައެކެވެ. 

އެކަމަކު ހަމަ އެމީހާގެ ގާތުގައި ދެމީހުން ބައްދަލުވެ ޖިންސީ ގުޅުން ހިންގާ ވާހަކަ ދައްކައިފިނަމަ އަވަސްއަވަހަށް ތެޅިފޮޅިގަންނާނެއެވެ. ބައްދަލުނުވިޔަސް އޮންލައިންކޮށް ބަރަހަނާ ދައްކަން ބުނި ނަމަވެސް އެކަމަށް އަވަސްވެގަންނާނެއެވެ. ބޭނުންވަނީ ކިހާ ފައިސާއެއްތޯ ވެސް ސުވާލުކުރާނެއެވެ. ވަޤުތުން ފައިސާ ފޮނުވަންވެސް ފޮނުވާނެއެވެ. 

އެއްވެސް ޙާލެއްގައި ފައިސާއަށް ހަށިވިއްކަން ހިތްވަރުދެނީއެއް ނޫނެވެ. އެކަމެއް ނުކުރާނަމެވެ. އެއީ މުސްލިމުންނަށް އޮތް އެންމެ ބޮޑު ޙަރާމްކަނަތްކެވެ. އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާ އެއް ފާފައެވެ. ބަނޑަށް މަރުވުންވެސް އެއަށްވުރެ މާރަނގަޅެވެ. އެއިރުން އޭނާ ދުނިޔެއިން ނުކުމެގެންއެދަނީ ޢިއްފަތްތެރިއެއްގެ ގޮތުގައެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އަޅެއްގެ ގޮތުގައެވެ. އެއރުން އެމީހަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ 

ނަމަވެސް ނިކަމެތި ޙާލުގައި އެތައް ހާސް އަންހެނުން ތިބިއިރު އެމީހުންގެ ބޭނުންތައް ފުއްދޭނެ އެހެން ގޮތެއް ނެތްނަމަ އެކަންކުރަން މަޖުބޫރުވެއްޖެކަމަށް ދެކޭނެ ބައަކުވެސް ނުތިބެ ނުދާނެކަން ޤަބޫލުކުރަން އެބަޖެހެއެވެ. ޙަޤީޤަތާއި ކުރިމަތިލާން އެބަޖެހެއެވެ. ޒިނޭކުރުމުގެ ވިޔަފާރި މިހައި ބޮޑަށް ޢާންމުވަމުން މިއަންނަނީ މިފަދަ އެތައް ސަބަބުތަކެއް ހުރުމުންނެވެ. 

އެއްކޮޅުން ވަރިކޮށްލައި ދަރިންކޮޅުވެސް ބޮލަށް ޖަހައި ޚަރަދުވެސް ނުދީ ނިކަމެތިކޮށްލަނީއެވެ. ދަތިޙާލުގައި ޖައްސުވަނީއެވެ. އަނެއްކޮޅުން އެހީތެރިކަމަކަށް އެދިއްޖެނަމަ މަޖުބޫރު މިކުރުވަނީ ޒިނޭކުރުމަށެވެ. މިޙާލަތު މެދުވެރިވެ މަޖުބޫރު ޙާލަތަށް ކަންކަން ގޮސްފައިވާ ނިކަމެތި އަންހެނުންގެ ޢަދަދު އެއްވެސް މީހަކަށް އެނގޭނެހެނެއްވެސް ހިއެއް ނުވެއެވެ. އެކަން ބަލަން ބައަކު އުޅޭކަމަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. 

އަހުރެން މިކުރާ ސުވާލަކީ ޒިނޭކުރުމުން ހަމައެކަނި އަންހެނުން ކުށްވެރިކޮށް ބަދުނާމުިކުރާއިރު އެމީހުން އެޙާލަތަށް ވައްޓައިލާ ފިރިހެނުންނަކީ މާތް ބައެއްގެ ދެކެވޭނެ ގޮތަކީ ކޮބައިހެއްޔެވެ؟ 

އަހުރެމެން މުސްލިމުން ގަދައަޅައި މަސައްކަތްކުރަންވީ މިޙާލަތުން މުޖުތަމަޢު ސަލާމަތްކުރުމަށެވެ. ނިކަމެތި އަންހެނުންގެ ކިބައިން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށެވެ. އެކަން ކުރެވިގެން ނޫނީ ފާޙީޝް ޢަމަލުކުރުމުގެ ވަބާއިން ސަލާމަތްވެވޭނެ ގޮތެއް ނެތެވެ.

 

- އަލަފް

މިއަދު އޮންލައިން