ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަދިވެސް މައިންބަފައިންގެ ގޭގައި ގިނަ ދަރިންތަކެއް އުޅެއެވެ. މިބުނަނީ ކައިވެނިކޮށްގެންވެސް މައިންބަފައިންގެ ގޭގައި އުޅޭވާހަކައެވެ. ކުދިކުދި ގިނަ ޢާއިލާތަކެއް އެކުގައި އެއް ގެއެއްގައި ދިރިއުޅޭ ވާހަކައެވެ.
މިފަދަ ގެއެއްގައި އެކަކު އޭނާގެ އަނބިމީހާއަށް އަނިޔާވެރި ވަމުންދަނީއެވެ. ހުތުރަ ބަސްތައްވެސް ބުނަނީއެވެ. ޖިސްމާނީ އަނިޔާވެސް ކުރަނީއެވެ.
މިފަދަ ޙާލަތެއް ކުރިމަތިވާނަމަ އެއީ އެދެމަފިރިންގެ އަމިއްލަ މައްސަލައެއް ކަމަށް ބަލައި އެކަން ހުއްޓުވަން މަސައް ކަތްނުކޮށް ތިބެން ހެޔޮނުވާނެއެވެ. އެކަމުގެ ކޯފާ ހުރިހާ އެންމެނަށްވެސް ލައްވަވައިފާނެ ކަމެއްކަމަށް ބިރުވެތިވާން އެބަޖެހެއެވެ. އަޢޫޛްބިﷲ
މިހެން މިބުނީ މީސްތަކުންނަށް އަނިޔާވެރިވަމުންދާ މީހަކު ނުހުއްޓުވައި ތިބެއްޖެނަމަ އެކަމުގެ އަސަރު މުޅި މުޖުތަމަޢުއަށް ކުރާނެ ކަމާއި އެހެންވެ އެކަން ހުއްޓުވަން ޢަމަލީ ގޮތުން މަސައްކަތްނުކޮށް ތިބެފައި އެޙާލަތުން ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުމުން ޢިޖާބަ ނުކުރައްވަވައިފާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އޭނާ މީސްތަކުންނަށް އަނިޔާވެރިވަމުން ދިއައިރުވެސް އޭނާގެ ޢަމަލުތައް ހުއްޓުވަން އެކަކުވެސް މަސައްކަތް ނުކުރީތީއެވެ.
މީސްތަކުންނޭވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއް ކަންތައްކަން އެނގެން އޮތުމުންނެވެ. އެކަން ނުއެނގޭނެ މުސްލިމަކު ނުހުންނާނެއެވެ. އަނިޔާވެރިކަމާއި ދެކޮޅަށް އެންމެންވެސް މަސައްކަތް ކުރަންޖެހޭނެއެވެ. ޢާއިލާގެ ތެރޭގައި ވަކިން ބޮޑަށް މަސައްކަތް ކުރަންޖެހޭނެއެވެ. އެއިރުން އެޢާއިލާއަކަށް ﷲ ތަޢާލާ ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން