ވަޒީފާއެއް ލިބުމުން ހުރިހާކަމެއް ފުރިހަމަވީކަމަށް ދުށުމަކީ ކަންނެތް މީހުންގެ ސިފައެކެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ވަޒީފާއެއް ލިބުމުން ހުރިހާކަމެއް ފުރިހަމަވީކަމަށް ދުށުމަކީ ކަންނެތް މީހުންގެ ސިފައެކެވެ!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ވަޒީފާއެއް ލިބި މުސާރަ ލިބޭނަމަ ހުރިހާ ކަމެއް ފުރިހަމަވެ ނިމުނީކަމަށެވެ. ނަމަވެސް އެކަމުގައި އަހުރެންގެ ވިސްނުން ވަރަށް ތަފާތެވެ. 

އަމިއްލައަށް މަސައްކަތެއް ފެށުމުގެ ތަނަވަސްކަން ނެތްނަމަ އެމީހަކަށް ވަޒީފާއެއް މުހިންމުވާނެއެވެ. އެއީ އަމިއްލައަށް މަސައްކަތެއް ފަށައިގަނެވޭނީ ކޮންމެވެސް ވަޒީފާއެއް އަދާކޮށްގެން ފައިސާކޮޅެއް އެއްކުރެވިގެން ކަމަށްވާތީއެވެ. 

އެހެނަސް އަބަދުވެސް ވިސްނަން ޖެހޭނީ އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅުން ކުރިއެރުވުމަށެވެ. ވީމާ ވަޒީފާއެއް ލިބުން ހަދަންޖެހޭނީ ފަށައިގަތުމެއް ކަމަށެވެ. އެއީ ހުރިހާ ކަމެއް ފުރިހަމަވުން ކަމަކަށް ނޫނެވެ. 

ވަޒީފާއަށް ބަރޯސާވުމަކީ އެމީހެއްގެ އުންމީދުތައް އެހިސާބުން ތަޅުލެވުމެވެ. އަދި އެއީ ވަރަށް ކަންނެތް މީހުންގެ ގޮތެކެވެ. ވަޒީފާގައި އުޅެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރާނަމަ އިތުރަށް ނުވިސްނިނަމަވެސް މަހުން މަހަށް މުސާރަލިބޭނެއެވެ. ނަމަވެސް އެލިބޭ މުސާރަވާނީ ކިރިޔާ ދިރިއުޅެލެވޭވަރުގެ އެއްޗަކަށެވެ. ދިރިއުޅެން ތިމާ އުންމީދުކުރާ ފެންވަރަށް މުސާރައަކުން ވާޞިލެއް ނުވެވޭނެއެވެ. ތިމާގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖައްސައިދޭނީ އެމީހާ އަމިއްލައަށް ހީވާގިވެ ކުރާ އިޚްލާޞްތެރި މަސައްކަތެވެ. 

ކިތަންމެ ގިނަ ބައަކު އަމިއްލައަށް މަސައްކަތްކުރި ނަމަވެސް ކުރާނެ މަސައްކަތް ހުހެއް ނުވާނެއެވެ. އާބާދީ އިތުރުވާވަރަކަށް މަސައްކަތުގެ ބޭނުން ދާނީ އިތުރުވަމުންނެވެ. މިޘާލަކަށް ވިޔަފާރިކުރުމަށް ބަލާށެވެ. ހީވާގިވެ ތެދުވެރިކަމާއިއެކު ވިޔަފާރިކުރަން މަސައްކަތްކުރާ އެއްވެސް މީހަކަށް ވިޔަފާރި ނުކުރެވިގެން އުޅޭކަށް ނުޖެހޭ ނޫން ހެއްޔެވެ؟ 

ވިޔަފާރި ނޫން އެހެން މަސައްކަތް ކުރަން އުޅޭ މީހުންނަށްވެސް ދުވަހަކުވެސް މަސައްކަތްކުރުމުގެ ފުރުޞަތު ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އޮންނާނީ އެމީހަކަށް ކުރަން ކެރުނުވަރެކެވެ. ހިތްވަރުކުރަން ކެރުނު ވަރެކެވެ. 

ވީމާ އަހުރެންނަށް ވިސްނޭ ގޮތުން އުފާވެރި މުސްތަޤްބަލަކަށް އެދޭމީހާއަށް އޮތީ އެމީހެއްގެ އަމިއްލަ މަސައްކަތަކުން ކުރިއަށް ދިއުމުގެ ވިސްނުން ބަހައްޓައިގެން ވަޒީފާއަދާކުރުމެވެ. ތަނަވަސްކަން ލިބި އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް މިބުނި ވާހަކައިގެ ހެކިތައް ފެންނާނެއެވެ. 

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން