އިންޑިއާގެ 75 ވަރަކަށް ސިފައިން ރާއްޖޭގައި ތިބެން ޑރ. މުއިއްޒުގެ ސަރުކާރެއްގައި ރުހޭނެކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިދައިން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެގެން ތިބުމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ރުހިލައްވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ހިންދޫ' އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އިންޑިއާގެ 75 ވަރަކަށް ސިފައިން ރާއްޖޭގައި ތިބެން ޑރ. މުއިއްޒުގެ ސަރުކާރެއްގައި ރުހޭނެކަމަށެވެ. އަދި ޑރ. މުއިއްޒުގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާ ދެމެދު މިހާރު އޮތް ހާރިޖީ އަދި އަސްކަރީ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ޑރ. މުއިއްޒުގެ ވެރިކަމުގައި ހީނަރުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ޑރ. މުއިއްޒަކީ ވަކި 'އެންޓި އިންޑިއާ' ނޫނީ 'ޕްރޯ ޗައިނާ' ބޭފުޅެއް ނޫން ކަމަށެވެ. މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، ބައިނަލްއަގްވާމީ މީޑިއާތަކުން ރާއްޖޭގެ ރިޔާސީ އިންތިޚާބަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ބޭއްވި އިންތިޚާބެއް ކަމަށާއި ޑރ. މުއިއްޒުއަކީ ހަމައެކަނި ޗައިނާއަށް ތާއީދުކުރާ ބޭފުޅެއްކަމަށް ބުނި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އެހެންނަމަވެސް ތަރުޖަމާނު ފިރުޒުލް ވަނީ މި ވާހަކަފުޅުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އެއީ ދޮގެއްކަން ހާމަކުރައްވައި ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ޑރ. މުއިއްޒު ތާއީދުކުރައްވާކަމަށް ދޭހަވާ މޭރުމަކުން ނަޝީދު ވާހަކަފުޅުދެއްކެވީތީ ހިތާމަ ކުރައްވާ ކަމަށާއި، އެއީ އިންތިޚާބީ ރައީސާ މަޝްވަރާ ކުރެވިގެން ދައްކަވާފައިވާ ވާހަކަފުޅެއް ނޫންކަމަށެވެ. އަދި އިންތިހާބީ ރައީސްގެ ސްޓޭންޑަކީ އިންޑިއާވިޔަސް އަދި އެހެން ގައުމެއްވިޔަސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ގެއްލޭގޮތަށް ގާއިމްވެ ތިބި ބޭރު ސިފައިން ފޮނުވާލުންކަމަށެވެ. ފިރުޒުލް ވަނީ ދިވެހި ރައްޔިތުންގެ ނިންމެވުމާމެދު ފުށުއަރާގޮތަށް މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވާފައިވާތީއާ އަދި މި ވާހަކަފުޅުތަކުގައި އިންތިހާބީ ރައީސްގެ ނަންފުޅު ބޭނުންކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.