ނަމާދުގަ ސަޖިދައަށާ ދެސަޖިދަމެދު އިނުމަށް އިތުރަށް ސަމާލުކަން ދޭންވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނަމާދުގަ ސަޖިދައަށާ ދެސަޖިދަމެދު އިނުމަށް އިތުރަށް ސަމާލުކަން ދޭންވާނެ!: މުފްތީ މެންކް

ނަމާދުގައި އަހުރެމެން ސަޖިދަ ކުރަމުއެވެ. އެއީ ތިމާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތެވެ. އެވަޤުތު އަހުރެމެން ކުރާ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ އެންމެ މަތިވެރިފަރާތަކީ ﷲ ތަޢާލާކަން ހާމަކުރުމެވެ. އަދި އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާކުރުމެވެ. 

ދެންމިކުރާ ކަމަކީ ތަކްބީރުކިޔަމުން، އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން ބަޔާންކުރަމުން ތެދުވެ ދެސަޖިދަމެދުގައި އިށީންނަނީއެވެ. އިށީނދެފައި މިކުރަނީ ކޮންކަމެއް ހެއްޔެވެ؟ 

ދައްކަން މިއުޅެނީ ދެސަޖިދަ މެދުގައި އިނދެ ކިޔާ ދުޢާގެ ވާހަކައެވެ. ބޭނުންނަމަ ދިގުކޮށްވެސް ދުޢާކުރެވިދާނެއެވެ. ނަމަވެސް ކުރުން މަޖުބޫރު ދުޢާއެއް އެބައޮތެވެ. އެދުޢާއަކީ "ރައްބިޣުފިރްލީ" އެވެ. ދުޢާގައި މިދަންނަވަނީ ކޮންކަމަކަށް އެދިހެއްޔެވެ؟ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދުމަށެވެ. އަނެއްކާވެސް ﷲ ތަޢާލާ މަތިވެރިކުރަމުން ސަޖިދަކުރަނީއެވެ. ދެވަނަ ސަޖިދައިގައިވެސް ތަކުރާރުކުރަނީ އެއްކަމެކެވެ. 

ނަމާދުގެ ކޮންމެ ކަމަކީވެސް މުހިންމު ކަމެކެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމީ ސަޖިދައެވެ. ދެސަޖިދަ އާއި ދެސަޖިދަމެދުގައި އިންނަ އިނުމުގައި އަހުރެމެންގެ ސަމާލުކަން އިތުރުކުރަންޖެހެނީ އެސަބަބުތަކަށްޓަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުޅި ނަމާދުގައިވެސް ޚުޝޫޢަތްތެރިވާން މަސައްކަތްކުރަން އެބަޖެހެއެވެ. ދެސަޖިދަ އާއި ދެސަޖިދަމެދު އިނުމުގައި ނަމާދުން ބޭރު އެއްވެސް ކަމެއް ހިތަށް ނުގެންނަން އިތުރަށް މަސައްކަތްކުރަން އެބަޖެހެއެވެ. 

ދުލުން ކިޔާ ޛިކުރުތަކުގެ މާނަ ހިތަށް ގެނެވޭނަމަ ބޭކާރު ޚިޔާލުތަކުން ސަލާމަތްވެވޭނެއެވެ. ވީމާ ކުރާ ކޮންމެ ނަމާދެއްގައިވެސް، އެއީ ފަރުޟް ނަމާދަކަށްވީނަމަވެސް އަދި ސުންނަތް ނަމާދަކަށްވީނަމަވެސް މިކަންކަމަށް ސަމާލުކަން އިތުރުކުރަން މަސައްކަތްކުރާށެވެ. ހިތްވަރުކުރާ އަޅުންނަށް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން