ހެޔޮކަމެއް ކުރުމުގެ ވިސްނުން ލިބި ޢަމަލުނުކޮށް ލަސްކުރީމާ އެލިބިގަނެވެނީ ކޮންފަދަ ބޮޑު ގެއްލުމެއްކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ހެޔޮކަމެއް ކުރުމުގެ ވިސްނުން ލިބި ޢަމަލުނުކޮށް ލަސްކުރީމާ އެލިބިގަނެވެނީ ކޮންފަދަ ބޮޑު ގެއްލުމެއްކަން އެނގޭހެއްޔެވެ؟

ތަނަވަސް ދިރިއުޅުމެއް އުޅެންވެސް، ދިރިއުޅުމުގައި ކުރިއަރައިދާންވެސް އަދި ތަޤްވާވެރިކަން އިތުރުކުރަން ނަމަވެސް އަމިއްލައަށް ވިސްނޭނަމަ އެކަންކަމަށް އެދިގެން މަސައްކަތްނުކޮށް ހުންނަން ހެޔޮނުވާނެއެވެ. ފަރުވާ ކުޑަކޮށްލައި ފަހުން ކުރަން މަޑުކުރަން ހެޔޮނުވާނެއެވެ. 

ސަބަބަކީ ރަނގަޅުކަންކަން ކުރުމުގެ ވިސްނުމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ވިސްނުމެކެވެ. އެވިސްނުމަށް ޢަމަލުކުރަން މަސައްކަތްކުރުމުން އެކަމެއް ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ  

ރަނގަޅުކަމެއް ކުރަން މަސައްކަތްކުރާނަމަ އެކަމެއް ނުކުރަން ވިސްނައިދެނީ ޝައިޠޯނާއެވެ. އެއީ އެކަމެއްގެ ސަބަބުން ތިބާއަށް ފައިދާކުރާނެތީއެވެ. ހެޔޮ ގޮތްތައް މެދުވެރިވުމުން ތިބާ ލައްވައި ނުބައި ޢަމަލުތައް ކުރުވުން އުނދަގޫވެދާނެ ކަމަށްޓަކައެވެ.

ތިމާއަށް ކުރެވޭ ފާފައެއް ނުވަތަ ނުބައި ޢަމަލެއް ކުރުން ހުއްޓާލަން ވިސްނުނު ނަމަވެސް ހުއްޓާލަން ފަސްޖެހި މަޑުކުރެވެނީ ޝައިޠޯނާ އެކަމަށް ހުރަސްއަޅާތީއެވެ. އެއީ ބިރުވެތިވާންޖެހޭނެ ޙާލަތެކެވެ. ސަބަބަކީ އެކަން ހުއްޓާލަން ވިސްނުން އެލިބެނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަށްވާތީއެވެ. ޢަމަލު ނުކުރެވި ލަސްވަނީ ޝައިޠޯނާގެ ބަހަށް ހެއްލެވޭތީކަމަށްވާތީއެވެ.

ނިކަން ވިސްނައިލަބަލާށެވެ. ފާފަކުރުން ހުއްޓާލަން ވިސްނުނު ނަމަވެސް ގިނަބައަކު މަރުވެގެންދަނީ އެކަމަށް ޢަމަލުނުކުރެވި ވަނިކޮށެވެ. ތައުބާބެ ހެޔޮ ޢަމަލުތައްކޮށް ސުވަރުގެ ހޯދަން ވިސްނުނު ނަމަވެސް ގިނަ ބައަކު މަރުވެގެންދަނީ އެކަންކަން ނުކުރެވި އުޅެނިކޮށެވެ. އެފަދަ ޙާލަތެއްގައި ވަނިކޮށް މަރު އައިސް ބައްދަލުކޮށްފިނަމަ އެމީހަކަށް އެލިބިގަނެވެނީ ކޮންފަދަ ނުބައި ނިމުމެއް ހެއްޔެވެ؟ އެއީ އަމިއްލައަށް ނަރަކައަށް ވަނުން ނޫންހެއްޔެވެ؟  

ވީމާ އެއްވެސް ހެޔޮކަމެއް ކުރުމުގެ ވިސްނުން ލިބިއްޖެނަމަ ހިނދުކޮޅަކަށްވެސް މަޑުނުކޮށް އެކަމެއް އަވަހަށް ކުރަން މަސައްކަތްކުރާށެވެ! ނޫންނަމަ އެދޫކޮށްލެވެނީ ސުވަރުގެ ވަންނަން ދެއްވަވާ ފުރުޞަތެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން