ތަރައްޤީ ބޭނުންކުރުމުގަ މުސްލިމުން ވިސްނަންޖެހޭނެ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ތަރައްޤީ ބޭނުންކުރުމުގަ މުސްލިމުން ވިސްނަންޖެހޭނެ ކަންކަން-

ކުރީގެ މީހުން އުޅުނު ގޮތް ކަމުނުދާކަމަށް ވިސްނައިދޭ ބައަކު އުޅެއެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނަކީވެސް މުސްކުޅި ފޮތެކެވެ. ބާވައިލެއްވެވީ މާކުރީ ޒަމާނެއްގައެވެ. މާކުރީގެ ބައަކަށެވެ. 

މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ކީރިތި ޤުރްއާން ބާވައިލައްވަވާފައިވަނީ ވަކިޒަމާނަކަށް ނޫނެވެ. ވަކިބައަކަށްވެސް ނޫނެވެ. ވަކި ބައަކު ޢަމަލުކުރުމަކަށްވެސް ނޫނެވެ. ކީރިތި ޤުރްއާން ބާވައިލެއްވެވީ އެއިގެ ފަހުން ދުނިޔޭގައި އުޅޭނެ އެންމެން އެފޮތަށް ޢަމަލުކުރަންކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. 

ޒަމާން ކުރިއަރައި މީހުން ތަރައްޤީވެ ވިސްނުން ކުރިއެރުމުން ލިބޭ ކުރިއެރުން ބަލައިގަންނަން ޖެހޭނީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމާއިއެކުގައެވެ. ފުރަތަމަ ކަމަކަށް އޮތީ ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. އެހެން ހުރިހާ ކަންކަން ގެންނަޖެހޭނީ އެއިގެ ފަހަތުންނެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރީ ޒަމާނުގައި ފޯނެއް ނެތެވެ. މިހާރު އެބަ ފޯނު ގެންގުޅެމުއެވެ. ފޯނުން ނުކުރެވޭ ބޭނުމެއް ނެތްކަމަށް ބުނެވޭ މިންވަރަށް ފޯނުގެ ބޭނުން އެބަހިފެއެވެ. އެއިގެ މާނައަކީ ފޯނުން ކުރެވޭ ކޮންމެ ބޭނުމެއް ކުރުން ހުއްދަވުމެއް ނޫނެވެ. 

ފޯނުގެ ބޭނުންވެސް ކުރަންޖެހޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި މިންވަރަށެވެ. ހުއްދަކުރެއްވެވި ކަންކަން ކުރުމަށެވެ. ކީރިތި ޤުރްއާނުގައި ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއްކުރަން ބޭނުންކޮށްފިނަމަ އެމީހަކު ފާފަވެރިވާނެއެވެ. 

އަދިވެސް އިތުރު މިޘާލެއް ބުނެލާނަމެވެ. ކުރީ ޒަމާނުގައި މީސްތަކުން ދަތުރުކޮށް އުޅުނީ ޖަމަލު، ޙިމާރު ފަދަ ޖަނަވާރުގެ މަތީގައެވެ. މިއަދު މިވަނީ އެންމެ ޒަމާނީ ކާރާއި އުޅަނދުތައް ލިބިފައެވެ. ބޭނުން ސްޕީޑެއްގައި ދަތުރުކުރެވެއެވެ. ބޭނުން ސްޕީޑެއްގައި ދުއްވާފައި ގޮސް އެކްސިޑެންޓްވެ ގެއްލުންތައް ލިބުނީމާ އެއީ ލިބުނު ތަރައްޤީގެ ބޭނުން ހެޔޮގޮތުގައި ހިފުނީ ކަމަކަށް ނުވާނެއެވެ. 

ކުރިން މިބަޔާންކުރި ފަދައިން ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކަންކަން ފޯނުން ކުރުމަކީވެސް ހަމަ އެފަދަ ކަމެކެވެ. ކުރެވޭ ބޮޑު ފާފައެކެވެ. އާޚިރަތް ގެއްލޭނެ ކަމެކެވެ. ވީމާ ލިބޭ ކުރިއެރުމާއި ތަރައްޤީ ބޭނުންކުރުމުގައި މުސްލިމުން މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. ނޫންނަމަ އެމީހަކަށް އާޚިރަތް ގެއްލިގެން ހިނގައިދާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން