ވަޒީފާއަދާކުރާ މީހުން ވިސްނާލަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ތިމާގެ ޙައިޞިއްޔަތެވެ. އެކަމުގެ ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ.
ފުރަތަމަ ކަމަކަށް ތިބާއަކީ ތަނުގެ ވެރިން ލޯބިވާ ނުވަތަ ރުހޭ މީހަކަށްވިޔަސް ވަރަށް ފަސޭހައިން ވަޒީފާއިން ވަކިކޮށްފާނެއެވެ. އެއީ ލޯބިވުމާއި ރުހުމަކީ ކޮންމެ ވވަޤުތަކުވެސް ބަދަލުކޮށްލެވިދާނެ ކަންކަމެވެ. އެކަމަކުން ތަނަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތެވެ.
ނަމަވެސް ތިބާގެ މަސައްކަތުގައި ހަރުދަނާވެ ތިބާއަކީ އާދައާޚިލާފަށް ރަނގަޅަށް މަސައްކަތްކުރާ، ތަނަށް ފައިދާ ހޯދައިދޭ މީހަކުނަމަ ވަޒީފާއިން ވަކިކުރަން ހުރަސްތަކެއް ހުންނާނެއެވެ. ސަބަބަކީ ތިބާގެ ސަބަބުން ތަނަށް ލިބެމުން އައި ފައިދާ ލިބުން ހުއްޓިދާނެތީއެވެ. އެކަމުގެ ސަބަބުން ތަނަށް މާލީ ގޮތުން ގެއްލުންތަކެއް ލިބިގެންދާނެތީއެވެ. ތަނަށް ފައިދާ ހޯދައިދޭ މުވައްޒިފަކު ދޫކޮށްލަން ބޭނުންނުވާނެތީއެވެ.
ވީމާ މަސައްކަތްކުރަންވީ ތިމާ ކުރާ މަސައްކަތުގައި އިޚްލާޞްތެރިވުމަށެވެ. ތިމާގެ ސަބަބުން ތިމާ މަސައްކަތްކުރާ ތަނަށް ފައިދާ ހޯދައިދޭ މުވައްޒިފަކަށްވާށެވެ! ވެރިންގެ ކިބައިން އެކަމަށް ލިބޭ ސަމާލުކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ.
ނަމަވެސް މިއަދު ގިނައިން މިފެންނަނީ ވެރިންގެ ރުހުން ހޯދައިގެން ކުރިއަށްދާން މަސައްކަތްކުރާ މުވައްޒިފުންނެވެ. އެހައި ފަސޭހައިން ވަޒީފާ ގެއްލޭ ސަބަބަކަށްވަނީ އެކަމެވެ.
މިއީ ސޯޝަލް މީޑިއާއިން އަޑުއެހި ވީޑިއޯއެއްގައި ބުނެފައިވާ މެސެޖެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެކަމަށް ޤަބޫލުކުރެވޭތީ ހުށަހަޅައިލީއެވެ.
- އަލަފް / މިއަދުނޫސް