ދަރިފުޅު މައިމީހާގެ ބަނޑުގައި އޮންނައިރު ދަރިފުޅަށް ކީރިތި ޤުރްއާނާ ދެމަފިރިން ލޯބިން ވާހަކަދައްކާ އަޑު އިއްވުމުގެ ފައިދާ ދަރިފުޅަށް ކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދަރިފުޅު މައިމީހާގެ ބަނޑުގައި އޮންނައިރު ދަރިފުޅަށް ކީރިތި ޤުރްއާނާ ދެމަފިރިން ލޯބިން ވާހަކަދައްކާ އަޑު އިއްވުމުގެ ފައިދާ ދަރިފުޅަށް ކުރާނެ!

ކޮންމެ ދަރިއަކުވެސް އުފަންވަނީ މައިމީހާގެ ބަނޑުގައި ދުވަސްތަކެއް ފާއިތުވުމަށްފަހުގައެވެ. ޢާންމުގޮތެއްގައި އެއީ 9 މަހާއި 10 ދުވަސްކަމަށް ބެލެވެއެވެ. އެދުވަސްތަކުގައި ކީރިތި ޤުރްއާނުގެ އަޑު ދަރިފުޅަށް އިއްވަންޖެހެއެވެ. ދެމަފިރިން ލޯބިން މުޢާމަލާތުކުރާ އަޑުވެސް އިއްވަންޖެހެއެވެ. އަދި ކީއްހެއއްޔެވެ؟ ދަރިފުޅަށް ލޯބިން ގޮވާލައި ދަރިފުޅާ ވާހަކަދައްކަންވެސް ޖެހޭނެއެވެ. އެއަޑުތައް ކުއްޖާއަށް އިވޭނެއެވެ.

މައިމީހާގެ ބަނޑުގައި އޮންނަ ކުޑަކުޑަ، ތުއްތުތުއްތު ދަރިފުޅުގެ ލޮލަށް ތަންތަން ފެނުމުގެ ކުރިން އެ ކުއްޖާގެ ކަންފަތަށް މައިމީހާގެ އަޑު އިވެންފަށާކަން ސައިންސްވެރިންނަށް ހޯދުނީ ދާދިފަހުންނެވެ. ނަމަވެސް މީގެ 1400 އަހަރުކުރިން ބާއްވަވައިލެއްވެވި ކީރިތި ޤްރުއާނުގައި އެކަން އެނގެން އެބައޮތެވެ.

ކީރިތި ޤްރުއާނުގެ އާޔަތްތަކުގައި ދަރިފުޅަށް ފެނުމުގެ ވާހަކައިގެ ކުރިއަށް ބަޔާންކުރައްވަވާފައިވަނީ އަޑުއިވުމުގެ ވާހަކައެވެ. "ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވެވީމެވެ." (އައްނިސާ: 2)

"އެކަލާނގެއީ، ތިއަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން ޝުކުރު ކުރަނީ، ވަރަށްވެސް މަދުންނެވެ." (އަލްމުއްމިނޫން: 78)

މިއާޔަތަށް ބަލައިފިނަމަ ފުރަތަމަ ފަށާނީ އަޑު އިވޭށެވެ! ދެން ފެންނަން ފަސާނީއެވެ! އިޙްޞާޞް ކުރެވެން ފަށާނީ 3 ވަނައަށެވެ.

މިއީ މައިން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ދަރިފުޅު ބަނޑުގައި އަށަގަތުމާއިއެކު ކީރިތި ޤްރުއާން ކިޔެވުން ގިނަކޮށް ހެޔޮ ލަފާ ބަސްތައް ނޫނީ ދުލުން ނުބުނަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ބަނޑުގައި އޮންނަ ދަރިފުޅަށް މައިމީހާގެ އަޑުތައް އިވޭނެތީއެވެ. ދަރިފުޅު ފުރަތަމަ ދަސްކުރާނީ މައިމީހާގެ އަޑުތައް ކަމުގައިވާތީއެވެ.

މިހެން ބުނުމުން ކުއްޖާއަށް އިވޭނީ މައިމީހާގެ އެތެރެހަށީގެ އަޑުތައް ކަމަށް ބުނެ ބަހަނާތައް ދައްކަން އުޅެފާނެއެވެ. ނަމަވެސް އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އަދި މިހައިތަނަށް ހޯދިފައެއް ނެތެވެ. އެއިގެ ބަދަލުގައި ފެނި ސާބިތުވާން އޮތީ ދަރިފުޅަށް ބަލިވެ އިނދެ ހޭދަކުރާ ދުވަސްތަކުގައި ތަޤްވާވެރިކަމުގައި ސާބިތުވާ މައިންނަށް ލިބޭ ކުދިންގެ އަޚްލާޤުން އެކަމުގެ އަސަރު ފެންނަކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން