ތިމާމެން ފާފަކުރަމުން ތިމާމެންގެ ދަރިން ޝައިޚުންނަށް ހަދަން އުޅުނީމާ ދަރިންވާނީ ފާފައިގެ ޝައިޚުންނަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ތިމާމެން ފާފަކުރަމުން ތިމާމެންގެ ދަރިން ޝައިޚުންނަށް ހަދަން އުޅުނީމާ ދަރިންވާނީ ފާފައިގެ ޝައިޚުންނަށް!: މުފްތީ މެންކް

މައިންބަފައިން ފާފަކުރަމުން ދަރިފުޅު ޝައިޚަކަށް ވުމަށް އެދުނީމައި ދަރިފުޅު ވާނީ މައިންބަފައިން ކުރާ ފާފައިގެ ޝައިޚަކަށެވެ. މައިންބަފައިން ކުރާ ފާފަތަކަށްވުރެ ބޮޑެތި ފާފަތައްކުރާ ޝައިޚަކަށެވެ.

ބައެއް މައިންބަފައިންނަކީ ފާހިޝް ޢަމަލުތަކާއި އެނޫންވެސް ބޮޑެތި ފާފަތައް ކުރާ މީހުންނެވެ. އެފަދަ ފާފަތައް ކުރަމުންވެސް އެދެނީ އެމީހުންގެދަރިންނަކީ އިސްލާމް ދީނުގެ ޢިލްމު ރަނގަޅަށް ދަސްކޮށް، ޢަމަލުކުރާ ދީނީ ޢިލްމުވެރިންނަށް ވުމަށެވެ. އިސްލާމް ދީނަށް ޚިދުމަތްކުރާ ޝައިޚުންނަށް ވުމަށެވެ. ﷲ ތަޢާލާގެ ދީން މަތިވެރިކުރާ ބައަކަށް ވުމަށެވެ.

އެމީހުން ހީކުރަނީ އެމީހުން ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އަދި ކޮންމެ ކަމެއް ކުރި ނަމަވެސް ދަރިންނަށް ކިޔަވައިދޭ ޝައިޚުންނަށް އެމީހުންގެ ދަރިން ޝައިޚުންނަށް ހެދޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް މޮޔަވިސްނުމެކެވެ. އެހެނީ ދުނިޔޭގައި ޢާންމު ގޮތެއްގައި ކަންކަން ހިނގަމުން އަންނަނީ އެގޮތަށް ކަމަށް ނުވާތީއެވެ. ތަޖުރިބާ ކުރެވެމުން އަންނަނީ އެގޮތަށް ކަމަށް ނުވާތީއެވެ.

އެފަދަ މީހުންނަށް ބުނަން އޮތް ބަހަކީ ތިމާ ފާފަކުރަމުން ދަރިން ޝައިޚުންނަށް ވުމަށް އެދޭނަމަ އެދަރިން ވާނީ ފާފަކުރާ، ފާފައިގެ ޝައިޚުންނަށް ކަމަށެވެ. އެއީ ބައްޕަ ނޫނީ މަންމަ މިވެނި އެވެނި ފާފަތައްކުރާކަން ދަރިންނަށް އެނގޭނެތީއެވެ.

މިސާލަކަށް ބައެއް މައިންބަފައިންނަކީ ނައިޓްކްލަބްތައް ފަދަ ތަންތަނަށްދާ މީހުންނެވެ. އެތަނުގައިކުރާ ކަންތައްތައް ދަރިންނަށް ރަނގަޅަށް އެނގެއެވެ. ބަނގުރާ ބޮނީކަމާ ފާހިޝް އަމަލުތައް ކުރަނީކަންވެސް އެނގެއެވެ. އެނބުރި ގެއަށް ވަންނަ ޙާލުވެސް ދަރިންނަށް ފެނެއެވެ.

އެހެންކަމަށްވާއިރު އެކަންކަން އެއީ ކުރަން ނުވާނެ ކަންކަންކަމަށް ދަރިންނަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ އެކަންކަން ކުރަން ދަރިން ޝައުޤުވެރި ނުވާނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ކަންކަން ޢާންމުކޮށް ހިނގަމުން އަންނަ އުޞޫލަށް ބަލައިފިނަމަ މައިންބަފައިން ކުރާ އެފަދަ ކަންކަމަށް ޝައުޤުވެރިވެ ދަރިންވެސް އެފަދަ ކަންކަން ކުރެއެވެ.

މިވާހަކަ މިހެން ބުނުމުން ތިމަންނަ ނައިޓްކްލަބަކަށް ނުދަމޭ އެހެންވީމާ މިއީ ތިމަންނައާ ނުބެހޭ ވާހަކައެއް ކަމަށްބުނެ ނިންމައިނުލާށެވެ. އެއަށްވުރެ މިބަހުގެ މާނަ ވަނީ މާބޮޑަށް ފުޅައުވެގެންނެވެ. ކޮންމެ ނުބައިކަމެއް ކުރަމުން ގެންދާ މީހަކުވެސް މިކަމަށް ފުންކޮށް ވިސްނާށެވެ. މައިންބަފައިން ކުރާ ކަންކަން އެއީ ރަނގަޅު ކަންކަމުގެ ގޮތުގައި ދަރިން ބަލައިގަންނާނެއެވެ. ވީމާ އެފުރުޞަތު ދަރިންނަށް ނުދޭށެވެ. ރަނގަޅު ނަމޫނާ ނޫނީ ދަރިންނަށް ނުދައްކާށެވެ. ދަރިންނަކީ ރަނގަޅު ހެޔޮލަފާ ދަރިންނަށް ވާނީ ނަމޫނާ ދެއްކި ވަރަކުންނެވެ.

ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ﷲ ތަޢާލާ އަޅުއްވަވާފައިވަނީ މައިންބަފައިންގެ ކިބައިގައެވެ. ވީމާ އެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބައަކަށް ވާށެވެ. މަސްއޫލިއްޔަތު އަދާކުރަމުން އެހެން މީހުންގެ އެހީތެރިކަމަށް އެދޭށެވެ. ޝައިޚުންގެ އެހީތެރިކަމަށް އެދޭށެވެ. އެދުރުންގެ އެހީތެރިކަމަށް އެދޭށެވެ. ކާމިޔާބުވާނީ އެއިރުންނެވެ.

ޒަމާނަށް މިހާރުވެސް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ނަމަވެސް ފާފަނުކުރާ ތަޤްވާވެރި މައިންނަށްވެސް މިއުޅެނީ ދަރިންނަކީ އެމީހުން ފަދަ ބައަކަށް ހަދަން ހުރަސްތައް ކުރިމަތިވާތީއެވެ. ވީއިރު ތިމާމެން ނަމޫނާ ނުދައްކާނަމަ ދަރިންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ 100 ފަހަރުވެސް ފުންކޮށް ވިސްނައިލާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން