އަހަރެމެންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުރިހަމަ ގޮތުގައި ނަމާދު ނުކުރެވުން ކަމުގައިވާއިއރު ނަމާދު ފުރިހަމަ ކުރަން މަސައްކަތްކުރާ މީހާއަށް ހަމަ އެންމެ ޢަމަލަކުން އެކަން ކުރެވެން އެބައޮތެވެ. އިން ޝާ ﷲ
އެއީ ﷲއަކްބަރު ގެ މާނަ ހިތުގައި ބާއްވައިގެން ނަމާދުކުރުމެވެ. އެންމެ މަތިވެރިފަރާތަކީ ﷲ ތަޢާލާ ކަމާއި އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށް ދުލުން ކިޔަމުއެވެ. މައްސަލައަކީ ހިތުން އެކަން ޤަބޫލު ނުކުރެވޭކަމެވެ. ހިތުން އެކަން ޤަބޫލުކުރެވޭނަމަ ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރެވޭނެއެވެ.
ނަމާދުގައި ހުންއިރު ނަމާދުން ބޭރު އެހެން ކަމަކަށް ނުވިސްނާނެއެވެ. އަވަސްއަރުވާލައިގެން ނަމާދުކުރާނެއެވެ. މިހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަމާއި ތިމާއަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރެވި އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާނެއެވެ.
އެންމެ މުހިންމު އެއްކަމަކީ އެމީހަކަށް ކުރެވުނުހައި ފުރިހަމައަށް ނަމާދުކުރަން ޢަޒުމް ކަނޑައަޅައިގެން ނަމާދުކުރުމެވެ. ތިބާގެ ނިޔަތާއި ޢަޒުމް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ހަމައެކަނި ވީހައި ފުރިހައަށް ނަމާދުކުރަން ނިޔަތް ގަތުމަކުން ނުފުދޭނެއެވެ. އެކަމަށް މަސައްކަތްވެސް ކުރަންވާނެއެވެ. ﷲއަކްބަރު ގެ މާނަ ހިތަށް ގެނެވުނުކަމަށްވާނީ އެއިރުންނެވެ.
ފުރިހަމަ ގޮތުގައި ނަމާދުކުރަން މަސައްކަތްކުރާ މީހާގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ. އުފުއްލަވާނެތެވެ! ވީމާ މިބުނި މަގުން ނަމާދުކުރަން މަސައްކަތްކުރާ މީހާއަށް ދެނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވާެތެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން