ނަމާދު ނުކުރުމަށްޓަކާ ދޮގު ބުނުމަކީ އިތުރަށް ފާފަވެރިވާނެ ކަމެއްކަން ދަރިންނަށް އަންގައިދޭންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ނަމާދު ނުކުރުމަށްޓަކާ ދޮގު ބުނުމަކީ އިތުރަށް ފާފަވެރިވާނެ ކަމެއްކަން ދަރިންނަށް އަންގައިދޭންޖެހޭނެ!

ނަމާދުކުރަން ބުނުމުން ބައެއް ކުދިން ނަމާދު ނުކުރުމަށްޓަކައި އެކުދިން ތިބީ ނަމާދު ނުކުރެވޭ ޙާލަތުގައި ކަމަށްބުނެ ޢުޒުރުދައްކާ ކަމުގެ ވާހަކަ ޓީޗަރުން ދައްކައެވެ. އަދި ނަމާދުކުރާ ދަރިވަރުން ނުކުރާ ކުދިންގެ ޝަކުވާވެސް ކުރެއެވެ.

މައިންބަފައިންނާއި ޓީޗަރުން އެފަދަ ދަރިވަރުންނަށް ވިސްނައިދޭންވީ ދޮގު ބުނުމަކީ ފާފައެއް ކަމާއި ނަމާދު ނުކުރުމަށްޓަކައި ދޮގު ބުނުމަކީ އިތުރަށް ފާފަވެރިވާނެ ކަމެއް ކަމެވެ. އަދި އޭނާ ހުރި ޙާލަތު މުދައްރިސުންނަށް އޮޅުވައިލެވުނު ނަމަވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ކަމެވެ.

އެފަދަ ކަންކަން ކުރުމުން އެކަމުގެ ޝަޒާ މިދުނިޔޭގައިވެސް ފެނިދާނެ ކަމާއި ފެންނާނީ ކޮން ދުވަހަކު ކޮން ގޮތަކަށްކަން އެއްވެސް މީހަކަށް ނުވެސް އެނގޭނެ ކަމެވެ.

ނަމާދުކުރުމަށް އިސްލާމް ދީނުގައި ވަނީ ވަރަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސަވައިދެއްވަވައިފައެވެ. އެމީހެއްގެ ޙާލަތާއި ގުޅޭގޮތުން ކަންކަން ވަނީ ލުއިކޮށް ދެއްވަވައިފައެވެ. އަޅުގަނޑުމެންނަށް އޮތީ 5 ނަމާދު ބަރާބަރަށް ކުރަމުން ގެންދިއުމެވެ.

ކުއްޖަކު ނަމާދުކުރަން ޤަޞްދުގައި ޢުޒުރުދައްކާނަމަ އެކަމުގެ ސަބަބު ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ. އެކަން ކުރިމަތިވަނީ އެކުގައި އުޅޭ އެކުވެރިންގެ ފަރާތުންތޯ ނުވަތަ ކޮންބައެއްގެ ފަރާތުންތޯ ބަލަން މަސައްކަތްކުރަންވާނެއެވެ.

އެކަންކަން ނެލުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ގޭގައި ޤަވާޢިދުން ނަމާދުކުރާނަމަ ސްކޫލުގައި ނަމާދުކުރަން ޢުޒުރެއް ނުދައްކާނެއެވެ. ވީމާ ގިނަކުދިން ނަމާދުކުރަން ޢުޒުރުދައްކާނީ މައިންބަފައިންގެ އިހްމާލުންނެވެ. ވީމާ އެކަން އިޞްލާޙްކުރުމުގެ ބާރުތައްވެސް ލިބިގެންވަނީ މައިންބަފައިންނަށެވެ.

ހުރިހާ ބެލެނިވެރިންވެސް ދަންނަންވާނެއެއްކަމަކީ ދަރިއަކަށް ކޮށްދެވޭނެ އެންމެ ހެޔޮ އެއްކަމަކީ އެކުއްޖާއަކީ ނަމާދުކުރަން އަހުލުވެރިވެފައި ހުރި ކުއްޖަކު ކަމުގައި ހެދުމެވެ. އަދި އެއީ މައިންބަފައިންގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން