މިބުނަނީ އިސްލާމް ދީނުގެ ޢިލްމުވެރިއަކު ބުނެފައިވާ ބަހެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.
"ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންނަމަ ހެނދުނުގެ ވަޤުތަށް ސަމާލުކަންދޭށެވެ! ދެވަނަ ކަމަކަށް ތިމާއަށް ވާހަކަދައްކައި އުޅެވޭ ބަސްމަގާއިމެދު ވިސްނައި ރިވެތިކުރާށެވެ! ކިޔައި އުޅެވޭ ފޮތްތަކާއި ބަލާ ފިލްމްތަކަކީ ތިބާއަށް ފައިދާކުރާނެ ތަކެތި ކަމުގައި ހަދާށެވެ! ކައިބޮއި ހެދޭ މިންވަރަށެވެ! ކިތަންމެ މަދުން ކެއިނަމަވެސް ޞިއްޙަތަށް ފައިދާ ކުރާނެ ތަކެތި ކައިބޮއިހަދާށެވެ! އަދި ތިބާ އެބައަކާއިއެކު ވަޤުތު ހޭދަކުރަނީ އެކަމުން ތިބާއަށް ފައިދާކުރާނެ ބައަކާއިއެކުގައިކަން ޔަޤީންކުރާށެވެ! ހަމައެކަނި މިކަންކަމަށް ބަލައިގެން އުޅުނަސް އެމީހެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެއެވެ."
މިވާހަކަކޮޅަށް ބަލައިލާއިރު އޭނާއަކީ މުސްލިމަކަށް ނުވާތީ ފަތިސްވަޤުތާއި ފަތިސްނަމާދު ކުރުމުގެ ވާހަކަ ނުދެއްކިނަމަވެސް ފުރަތަމަވެސް ބުނެފައި އެވަނީ ފަތިހު ހޭލައި މަސައްކަތަށް ފެށުމުގެ މުހިންމު ކަމުގެ ވާހަކައެވެ.
މީގެ އިތުރުންވެސް ބުނެފައި އެހުރީ ހަމަ އިސްލާމް ދީނުގައި އެކަންކަމަށް ބާރުއަޅާ ކަންކަމުގެ ވާހަކައެވެ. ރިވެތި ބަސްމަގު ބޭނުންކުރުމެވެ. ހަޑިހުތުރުބަހުރުވައިން މުޢާމަލާތު ނުކުރުމެވެ. ފައިދާ ނުކުރާނެ ފޮތްތައް ނުކިޔައި އެފަދަ ފިލްމްތައް ބަލަން ވަޤުތުތައް ބޭކާރު ނުކުރުމެވެ. ކައިބޮއިހަދަންވީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކަމާއި ކައިބޮއިހަދަންވީ ޞިއްޙަތަށް ފައިދާކުރާނެ ތަކެތިކަމެވެ. ބަގުރާ ބުއިމާއި އޫރުމަސް ނުވަތަ އެނޫންވެސް ޞިއްހަތަށް ގެއްލުންދޭ ތަކެތި ކައިބޮއި ހަދައިގެން ނުވާނެކަމެވެ. ނުބައި އެކުވެރިން ގެންގުޅެގެން ނުވާނެކަމެވެ. އެކަމުން ލިބޭނީ ގެއްލުންކަމެވެ.
މީސްތަކުންނޭވެ! ކޮންމެ ދީނެއްގެ މީހަކުވެސް އެމީހަކީ ހެޔޮ ވިސްނޭ މީހަކު ނަމަ ކޮންމެ ޢިބާރާތަކުންވެސް ބުނަންޖެހޭނީ މީސްތަކުން އުޅެން އޮތް އެންމެ ރަނގަޅު ގޮތް އެނގެން އޮތީ އިސްލާމް ދީނުގައި ކަމަށެވެ. އެެހން ނުވާންވީ ކީއްވެގެންހެއްޔެވެ؟ ދުނިޔޭގައި ލައްވަވާފައިވާ އެންމެހައި އިންސާނުންނާއި އަދި ޖިންނީން އެކުވިނަމަވެސް އިސްލާމް ދީނުގައިވާ ޙުކުމްފުޅުތަކަސްވުރެ މަތިވެރި ޙުކުމްފުޅެއް ނުނެރެވޭނެއެވެ. އެއީ އެނގިޘާބިތުވެފައިވާ ކަމެކެވެ.
- އަލަފް / މިއަދުނޫސް