ދާދިފަހުން ހިނގިކަމެކެވެ. މީހަކު ބުނީ އޭނާ ދެވަނަ ކައިވެންޏެއް ކުރަން އަނބިމީހާ ނުރުހޭ ކަމަށާއި އަނބިމީހާއަށް ވިސްނައިދީގެން އޭނާ ރުއްސަން މަސައްކަތްކޮށްދިނުމަށެވެ.
އޭނާ ދެއްކި ވާހަކައާއި ގުޅިގެން އެގެއަށް ގޮސް ދެމަފިރިންނާއި ބައްދަލުކުރީމެވެ. އަނބިމީހާ ބުނީ، "އަހުރެންނާއިއެކު މިހާރުވެސް އެއްދާންކުރަނީ 2 މަސްދުވަހަކުން 1 ރޭ ކަމަށެވެ. އެހެންވީމާ ދެވަނަ ކައިވެންޏެއް ކޮށްފިނަމަ 4 މަހުން 1 ރެއަށް ބަދަލުވާނެތީ ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން ރުހެވެން ނެތް ކަމަށެވެ."
މިވާހަކަ މިހައި ގިނައިން ދައްކަން މިޖެހެނީ އެފަދަ ކަންކަން ކުރިމަތިވާތީއެވެ. ފިރިމީހާ ގެއަށް ނުއަންނާތީ އަނބިމީހާއަށް ނިދަންޖެހެނީ އެކަނި އޮވެގެންނެވެ. އެއްދާން ކުރެވެނީ އެތައް ދުވަހެއްވަންދެން އިންތިޒާރުކުރާފަހުންނެވެ. އެކަމަކުވެސް އިތުރު އަނބިން ހޯދަން އެބަ ބޭނުންވެއެވެ؟ އެއީ ކީއްކުރަން ހެއްޔެވެ؟ އެކަކަށް އަނިޔާ ކުރެވޭތީ މަދުވެގެން 2 އަންހެނަކަށް އަނިޔާކުރަން ބޭނުންވާތީ ހެއްޔެވެ؟
މިރޭވެސް ފާހަގަކޮށްލާނަމެވެ. ނިދާފައި ނުހޭލެވުމަކީ ދަމުނަމާދުކުރަން ޢުޒުރެއް ކަމުގައި ދެއްކިދާނެއެވެ. ނަމަވެސް ދެމަފިރިން ކުރެ ކޮންމެ މީހަކު ބޭނުންވި ނަމަވެސް ޞިއްޙީ މައްސަލައެއް ހުރުން ފިޔަވައި އެއްދާން ނުކުރަން ދެއްކޭނެ ޢުޒުރެއް ނެތްވެ. މީގެ އިތުރުން މުޅިރޭ އަޅުކަމުގައި އިންނަން ބޭނުންވެގެންވެސް އަނބިމީހާ އާއި އެއްދާން ނުކޮށް އަޅުކަމުގައި އިނުމެއް ނެތެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ސަމާލުކަންދޭށެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ! މުހިންމީ އަނބިން ގިނަކުރުމެއް ނޫނެވެ. އެންމެ އަންތބަކާއިއެކުވެސް އުފަލުގައި ދިރިއުޅެވުމެވެ. އިން އެންމެ އަނބިމީހާގެ ޙައްޤުތައް އަދާކޮށް ނުދެވޭ ފިރިއަކަށްވެހުރެގެން އިތުރު އަނބިން ހޯދުމެއް ނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން