ބައެއް ފިރިންނަކީ ގެއަށް އައުމަށްފަހު އަނބިމީހާއަށް މާބޮޑު ސަމާލުކަމެއްދޭ ބައެއް ނޫނެވެ. އެކަމަކު އެމީހުންގެ ދަރިންނަށް ސަމާލުކަން ދެއެވެ. ދަރިންގެ ކަންކަން ނުކުރެވިހުރިނަމަ ޝަކުވާ ކުރެއެވެ.
މިޘާލަކަށް އަނބިމީހާ ފެންނުވަރައި ގައިންތާހިރުނުވެ ހުރިނަމަވެސް އެއީ ކީއްވެގެންތޯ ސުވާލެއް ނުކުރާނެއެވެ. ދަރިން ފެންނުވަރުވައިތިބިނަމަ ސުވާލުކުރާނެއެވެ. ޝަކުވާކޮށް އެއީ ބޮޑު މައްސަލައަކަށް ހަދާނެއެވެ.
ދަރިންގެ ކަންކަން ނުކުރެވިހުރިނަމަ ޝަކުވާ ނުކުރާކަށް ނުބުނާނަމެވެ. ނަމަވެސް އެއިގެ ކުރިން ވިސްނާލަންޖެހޭ ކަމެއް އެބައޮވެއެވެ. އެއީ އެދަރިންނަށް ޚިދުމަތްކުރަންހުރި އެކުދިންގެ މަންމަ އާއިމެދު ވިސްނައިލުމެވެ. އޭނާއަށް ބޭނުންވާ ސަމާލުކަންދީ އަޅައިލުމެވެ. އޭނާއަށް ހިތްހަމަޖެހުން ހޯދައިދީ އުފަލުގައި ބަހައްޓަން މަސައްކަތްކުރުމެވެ.
ދަރިން ދެކެ ކިތަންމެ ލޯބިވާ މަންމައަކަށް ނަމަވެސް އޭނާއަށް ބޭނުންވާ ލޯތްބާއި އަޅައިލުން ނުދެވޭނަމަ އޭނާ ހުންނާނީ ހިތްހަމަޖެހިގެނެއް ނޫނެވެ. ކަންބޮޑުވުމުގައެވެ. އެޙާލަތުގައި ހުންނަން ޖެހުމުން އަޅައިލަން ޖެހޭ މިންވަރަށް އޮންނާނީ ދަރިންނަށް އަޅައިނުލެވިފައެވެ.
އެކަން ޤަބޫލުކުރެވިގެން ނޫނީ ދަރިންނަށް އުފާވެރިކަން ހޯދައިނުދެވޭނެކަން ބައްޕައިންނަށް ޤަބޫލުކުރެވިގެން ނޫނީ ދަރިންނާއިމެދު ކުރާ އުންމީދުތައް ފުރިހަމަނުކުރެވޭނެކަން ޤަބޫލުކުރަން އެބަޖެހެއެވެ. މައްސަލަ ޙައްލުކުރެވޭނީ އެއިރުންނެވެ.
- އަލަފް / މިއަދުނޫސް