ޖިހާދަކީ އޮތް ކަމެއްކަމާއި ޖިހާދުކުރުމުގެ ރަނގަޅު ގޮތް ކިޔާދެންޖެހޭ: ޑރ.ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޖިހާދަކީ އޮތް ކަމެއްކަމާއި ޖިހާދުކުރުމުގެ ރަނގަޅު ގޮތް ކިޔާދެންޖެހޭ: ޑރ.ޝަހީމް

ޖިހާދަކީ އޮތް ކަމެއްކަމާއި ޖިހާދުކުރުމުގެ ރަނގަޅު ގޮތް ކިޔާދެންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިފަދައިން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ހަރުކަށި ފިކުރު ނައްތާލަން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

ޑރ.ޝަހީމް ވިދާޅުވީ ހުޅަނގުން ހަރުކަށި ފިކުރު ނައްތާލުމަށް ކުރާކަންކަމުގެ ތެރެއިން ޖިހާދުގެ ފަރުޟު ނައްތާލުން ހިމެނޭ. މިކަން ކިޔާދެންޖެހޭ. ޖިހާދަކީ އޮތް ކަމެއްކަމާއި ޖިހާދުކުރުމުގެ ރަނގަޅު ގޮތް ކިޔާދެންޖެހޭ. ދީނުގައި އޮންނަނީ ޖިހާދުގެ ފަރުޟު އޮންނަނީ ފަރުދެއްގެ އަތްމަތީގައެއް ނޫން އެއީ ހާކިމްގެ އަތްމަތީގައި އޮންނަކަމެއް" ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި އޮތް ހަރުކަށި ފިކުރު އިސްލާހު ކުރުމަށްޓަކައި ރާއްޖެއަށްވުރެ ކާމިޔާބު މަސައްކަތެއް ކުރާ ގައުމެއް މަދުވާނެ ކަމަށާއި އަދި މިއީ ފިކުރީ މައްސަލައެއް ކަމަށާއި މި މައްސަލައަށް ހައްލެއް ގެނެވޭނީ އިލްމީ ގޮތުން މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.

ހަރުކަށި އަދަބު ދީގެންނާއި ހަމައެކަނި ޖަލު ބަންދުކޮށްގެން މި މައްސަލަ ހައްލުނުވާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެ ކުރިން މި ފިކުރު ނައްތާލުމަށް ކުރެވުނު މަސައްކަތުގެ ސަބަބުން އެ ފިކުރުގެ ކިތަންމެ ބަޔަކު އިސްލާހުވެފައިވާކަންވެސް ޑރ. ޝަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ހަރުކަށި ފިކުރަކީ ޤާނޫނުއަސާސީގެ ރޫޙާއި ޤާނޫނީ ހަމަތަކާއި، އާންމު އިޖްތިމާޢީ އުޞޫލުތަކަށް ބަހާއި އަމަލުން އިންކާރުކޮށް، އެކަންކަމާ ދެކޮޅަށް ވަކާލާތު ކުރުމުގައި ހަރުކަށިވެ، އަނިޔާވެރިވުމާއި، އިހާނެތިކޮށް ހިތުމުގެ ފިކުރެއްކަމަށް ރާއްޖޭއިން ހަރުކަށި ފިކުރު ހުއްޓުވުމަށް އުފައްދާފައިވާ ނެޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީން) ވަނީ ބަޔާންކޮށްފައެވެ.

 

މިއަދު އޮންލައިން