އަންހެނުންނަށް ޙައިޟުގެ ދުވަސްވަރު ކުރިމަތިވާތީ އެއީ އަންހެނުންނަށް ﷲ ތަޢާލާ ދެއްވަވާ ނިކަމެތިކަމެއްކަމަށް ދެކޭ ބައަކު އެބައުޅެއެވެ. އެމީހުންނަށް ހަމަ ނުއެނގެނީއެވެ.
ޙަޤީޤަތަށް ބަލާށެވެ. އެދުވަސްވަރު އަޅަންޖެހޭ ވޭން ބޮޑުކަމުން އެނދުން ނުތެދުވެވޭ ބައަކުވެސް އުޅެއެވެ. އެކަމަށް ފުންކޮށް ވިސްނައިލާށެވެ. އެޙާލަތަކީ އެޙާލަތު ކުރިމަތިކުރެއްވެވީތީ ﷲ ތަޢާލާއަށް ޝުކުރުކުން އިތުރުކުރަން ދެއްވަވާ ފުރުޞަތެކެވެ. އެމީހެއްގެ ޢަމަލުތައް އިޞްލާޙްކޮށް ކިޔަމަންތެރިކަން އިތުރުނުކޮށް ﷲ ތަޢާލާ ހުއްދަ ނުކުރައްވަވާ މަގުން ކުރިއަށްދާނަމަ ދެއްވަވާނެ ގަދަފަދަ ޢަޛާބާއިމެދު ވިސްނާލަން ލިބޭ ވަރަށް އަގުހުރި ފުރުޞަތެކެވެ.
ހަމަ އެއާއިއެކު މައްސަރު ކަންތަކުގައި ގެއްލިގެންދާ ނަމާދުތައް ޤަޟާކުރަން ނުޖެހޭކަން އެއީ ދެއްވަވާފައިވާ ކޮންފަދަ ބޮޑު ލުޔެއް ހެއްޔެވެ؟ އަދިވެސް ވިސްނައިލާށެވެ! މައްސަރުކަންތައް ޖެހިގެން ހުންނަ ދުވަސްތަކުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކޮށް ހެދުން ވަނީ ހުއްދަކުރައްވަވައިފައެވެ.
އެކަމުން އެނގެނީ އަހުރެމެން އަބަދުވެސް ތިބެންޖެހޭނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރުން މަތީގައި ކަމެވެ. ހަމައެއާއިއެކު އަންހެނުންނަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ބައަކު ކަމެވެ.
އަދި ދުނިޔަވީ ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ބައެއް އަންހެނުންނަކީ ޞިއްޙީ ގޮތުން ތަފާތު މައްސަލަތައް ހުންނަ ބައެކެވެ. އެއްދާން ކުރުމަށް ހުރަސްތައް ކުރިމަތިވާ ބައެކެވެ. ޙައިޟުގެ ދުވަސްވަރަކީ އެކަނބަލުންނަށް އެކަމުގައި ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ޗުއްޓީއެކެވެ.
ވީމާ ހަމައެކަނި މިކަންކަމަށް ވިސްނައިލި ނަމަވެސް ޙައިޟްވުމަކީ ﷲ ތަޢާލާ އަންހެނުންނަށް ލައްވަވާ ވަރަށް ބޮޑު ރަހްމަތެއްކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން