ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބިރުވެތިވާ މީހާ ކުރަންޖެހޭ 3 ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބިރުވެތިވާ މީހާ ކުރަންޖެހޭ 3 ކަމެއް!: މުފްތީ މެންކް

މީސްތަކުންނޭވެ! ދެން އެންމެ އަވަހަށް ޖެހިގެން އަންނަ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެވޭނެކަން އެނގޭ މީހަކު ނެތެވެ. މިރޭ ނިދާފައި ހޭލެވޭނެކަމުގެ ޔަޤީންކަން އޮތް މީހަކު ނެތެވެ. މާނައަކީ ހިނދުކޮޅަކުވެސް ދުނިޔޭގައި ތިމާ ހުންނާނެ ޔަޤީންކަން އޮތް ހަމައެކަކުވެސް ނެތެވެ. އެކަން ހިތުން އެބަ ޤަބޫލުކުރަމުއެވެ. ނަމަވެސް މައްސަލައަކީ އެކަން ޤަބޫލުކުރާކަން ޢަމަލުން ނުދެއްކޭކަމެވެ. 

ވިސްނައިލާށެވެ! މަރުވާނެ ވަގުތެއް އެނގެނީއެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވަނީ އަބދުވެސް މަރަށް ތައްޔާރުވެގެން ތިބުމަށެވެ. އަދި މަރަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ ކަންކަންވެސް ވަނީ އަންގަވައިފައެވެ. ސުވާލަކީ މިތަނަށް އެއްވެ މިތިބަ އެތައް ހާސް ބައެއްގެ ތެރެއިން ހަމަ އެކަކަށްވެސް އެކަމަށް އެބަ ތައްޔާރުވެވޭހެއްޔެވެ؟ 

އަދިވެސް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުވުމަށް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ، އެކަމަށް ތިބާއެދޭކަން އިޚްލާޞްތެރިކަމާއިއެކު އެމީހާގެ ޢަމަލުތަކުން ދައްކާ ކޮންމެ މީހަކާއި ބައްދަލުކުރެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

މީސްތަކުންނޭވެ! ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައިދެއްވަވާފައި ވީއިރުވެސް، އެންމެ ފާފައެއް ނުކުރައްވަވާއިރުވެސް އަހުރެމެންގެ ލިބުވެތި ނަބިއްޔާ، މުޙައްމަދު ޞައްލަށ ޢަލައިހި ވަސައްލަމަ ކޮންމެ ރެއަކާއި ދުވާލެއްގެތެރޭގައި 70-100 ފަހަރު ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވީ ކީއްވެގެން ހެއްޔެވެ؟

އެވާގޮތް ކުޑަގޮތަކަށް ބުނެލާނަމެވެ. އަހުރެމެންނަކީ އިންސާނުން ކަމުގައިވީތީ ކުށެއް ކުރެވިދާނެއެވެ. މީހަކަށް ގެއްލުމެއްވެސް ދެވިދާނެއެވެ. އެފަދަ ކަމެއް ކުރެވުމުން އަނެކާގެ ކިބައިން މަޢާފަށް އެދުނީއެވެ. މާފަށް އެދޭއިރަށް އޭނާ މާފުކުރީއެވެ. އެއިގެ ދުވަސްތަކެއް ފަހުން ދެމީހުން ބައްދަލުވުމުން އަނެއްކާވެސް މާފަށް އެދުނީއެވެ. އެއިގެ ދުވަސްކޮޅެއްފަހުން އަނެއްކާވެސް މާފަށް އެދުނީއެވެ. އެކަމުގެ ސަބަބުން ވެގެންދާނެ ގޮތަކީ މާފަށް އެދޭމީހާގެ އިޚްލާޞްތެރިކަން އިތުރަށް ހާމަވެ އަނެކާގެ ހިތުގައި އެމީހަކަށް ލޯތްބާއި ޤަދަރު އިތުރުވުމެވެ.

ދެން މިއޮތީ ﷲ ތަޢާލާގެ ޙަޟްރަތުގައި ތައުބާވުމެވެ. އަހުރެމެންނަކީ އިންސާނުން ކަމުގައިވީތީ އަބަދުވެސް ދާނީ ކުށްތައް ކުރެވެމުންނެވެ. ޤަޞްދުގައިވެސް ކުރެވޭނެއެވެ. ޤަޞްދަކާއި ނުލައިވެސް ކުރެވޭނެއެވެ. ނުއެނގިހުރެވެސް ކުރެވޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ވީހައިގިނައިން ތައުބާވުންމަތީގައި ތިބުމެވެ. ތައުބާވުން ގިނަކުރި ވަރަކަށް އެމީހެއްގެ ދަރަޖަ ދާނީ ﷲ ތަޢާލާގެ ޙަޟްރަތުގައި މަތިވެރިވަމުންނެވެ. އިން ޝާ ﷲ

ވީމާ ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމަށް ވިސްނާނަމަ ތައުބާވުން ގިނަކުރާށެވެ. ހެޔޮޢަމަލުކުރުން ގިނަކުރާށެވެ. އެއްވެސް މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭފަދަ ކުށެއް ކުރެވިފައިވާނަމަ އަވަހަށް އެމީހެއްގެ ކިބައިން މާފުހޯދާށެވެ. މި 3 ކަންތައް ކުރުމުގައި ދެމިހުންނާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން