ޢަލީ އިޙްޞާން ފިރާޤް
يُوشَعُ عليه السّلام
يُوشَعُ عَلَيْهِ السَّلامُ އަކީ، مُوسى عَلَيْهِ السَّلامُ އާއި ހާރޫނުގެފާނު އަވަހާރަވުމަށްފަހު ބަނީއިސްރާއީލު ބާގައިގެ މީސްތަކުންގެ ގާތަށް ފޮނުއްވުނު ނަބީބޭކަލެކެވެ. އެކަލޭގެފާނުގެ ސީރަތު ބަޔާން ކުރައްވަމުން އަލްޙާފިޡު އިބްނު ކަޘީރު އޭނާ ލިޔުއްވި އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ޔޫޝަޢުގެފާނުގެ ފުރިހަމަ ނަސަބުފުޅަކީ، يُوشَعُ بْنِ نُونٌ بْنِ أفْرائِيمُ بْنِ يُوسُف بن يعقوب بن إسحاق بن إبراهيم الخليل عَلَيْهِ السَّلامُ އެވެ. އަދި އިބްނު ކަޘީރު ލިޔުއްވައިވެއެވެ. އަހުލުކިތާބުންގެ މީސްތަކުން ޔޫޝަޢުގެފާނަކީ، ހޫދުގެފާނާ ދެބެއިންގެ ދެދަރި ބޭކަލެއްކަމަށް ދަޢުވާކޮށް އުޅެއެވެ.
ޔޫޝަޢުގެފާނަކީ، ކަނޑައެޅިގެން ޤުރްއާނުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާންވެގެންވާ ނަބީބޭކަލެއް ނޫނެވެ. ނަމަވެސް ޤުރްއާނުގެ ބައެއް އާޔަތްތަކުން އެކަލޭގެފާނަށް އިޝާރާތް ކުރައްވައިފައިވާކަމަށް ޢިލްމުވެރިން ލިޔުއްވައެވެ. އެގޮތުން އަލްކަހުފުސޫރަތުގެ 60 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾
މާނައީ: [ موسى ގެފާނު އެކަލޭގެފާނުގެ خادم ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ.]
މިދެންނެވި އާޔަތުގައި އެ ބަޔާން ކުރައްވައިފައިވާ ޚާދިމު ކުއްޖާއަކީ يوشع بن نون ކަމަށް މުފައްސިރުން އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި މި ވާހަކަ ތަފްޞީލުކޮށް ބަޔާންވެގެންވާ ޞައްޙަ ޙަދީޘުތަކުގައިވެސް ޞަރީޙު ޢިބާރާތުން އެއީ ޔޫޝަޢުގެފާނު ކަމުގައި ބަޔާންވެގެން އައިސްފައިވެއެވެ. މިނޫނަސް ޤުރްއާނުގެ އެހެން އާޔަތްތަކުގައިވެސް ޔޫޝަޢުގެފާނުގެ ވާހަކަ ބަޔާން ކުރައްވައިފައިވާކަމަށް ތަފްސީރު ޢިލްމުވެރިންގެ ލިޔުއްވުންތަކުން ދޭހަވެއެވެ.
- އަދި ނުނިމޭ