ދަރިން ނުލިބި ލަސްވާތީވެސް، ދަރިން ނުލިބުނަސް ކަންބޮޑުނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދަރިން ނުލިބި ލަސްވާތީވެސް، ދަރިން ނުލިބުނަސް ކަންބޮޑުނުވާށެވެ!

ދަރިން ނުލިބި ލަސްވުމަކީ ގިނަ ބައަކު އެންމެ ބޮޑަށް މާޔޫސްވާ ޙާލަތެވެ.

ޒަވާޖީ ހަޔާތެއް ފަށައިގަނެވުމުން ވަރަށް މަދު ދެމަފިރިއަކު ފިޔަވައި ހަމަ ހުރިހާ ދެމަފިރިންވެސް ބޭނުންވާނީ ވީހައި އަވަހަށް ދަރިއަކު ލިބުމަށެވެ. އިންދުނު ގަހުގައި މޭވާއެޅުމަށެވެ. ދެމަފިރިން އެކުގައި ތިބޭއިރު މެދުގައި ބާއްވައިލައިގެން މަޖާކުރާނެ ދަރިއަކަށެވެ.

އެހެނަސް ﷲ ތަޢާލާގެ ނިޔާފުޅުގައިވަނީ ކޮންމެ ދެމަފިރިއަކަށް ކައިވެނިކުރާތަނުން ދަރިން ލިބޭކަށް ނޫނެވެ. އެހެންކަމުން އެއްބައަކަށް ވަރަށް އަވަސްއަވަހަށް ދަރިން ލިބޭއިރު އަނެއްބައަކަށް ދަރިން ލިބެނީ ލަހުންނެވެ. އަދި ބައެއް ޙާލަތްތަކުގައި ނުލިބިވެސް އެބަދެއެވެ.

ދަރިން ނުލިބުމުގެ މާޔޫސްވާ ޙާލަތަކީ މިއުޅޭ "ސިކުނޑިކާ"ތަކަށް އެމީހުން ބޮލަށް ސަވާރުވާން އެންމެ ފަސޭހަވަގުތުކަމުގައިވެގެންދެއެވެ. އާބަހެއް ބޭނުންކުރެވިއްޖެ ދޯއެވެ. "ސިކުނޑިކާ" އަހަރެން އެބަސް މާނަކުރަނީ ސެކިޔުލާއަށެވެ!

އިންސާނުން އުފެއްދެވީ ﷲ ތަޢާލާ ނޫން ކަމަށް ސިކުނޑިކާތައް ބުނެފާނެއެވެ. އެހެން ބުނާ މީހާ ގާތު އެމީހާ އުފެދުނީ ކިހިނެއްތޯ އަހައިބަލާށެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިބަޔާންކުރި ސަބަބުތކަށް ވިސްނައިލުމުން ދަރިން ލިބުމަކީ ﷲ ތަޢަލާ ދެއްވަވާ ނިޢުމަތެއްކަން އެނގިގެންދާނެއެވެ.

ދަރިން ލިބެނީ ނިޒާމަކުން ކަމަށް ބުނެފާނެއެވެ. ދަރިން ލިބެނީ ނިޒާމަކުން ނަމަ ހުރިހާ އަންހެނުންނަށް ދަރިން ނުލިބެނީ ކީއްވެތޯ ސުވާލުކޮށްބަލާށެވެ!

އެސުވާލުގެ ޖަވާބުގައި އެއީ ކޮންމެވެސް ސެލް އެއްގެ ނުވަތަ އެނޫންވެސް ޞިއްޙީ މައްސަލައެއް ހުރެގެން ކަމަށް ބުނެފިނަމަ އެ ބުނާ މައްސަލަ ހުރެގެން ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ނިންމައި ލިޔުން ދީފައި ތިބޭ މީހުންނަށް ދަރިން ލިބެނީ ކީއްވެގެންތޯ ސުވާލުކޮށްބަލާށެވެ!

އެއްވެސް ދެމަފިރިއަކު ދަރިން ލިބުން ލަސްވެގެން ޝަކުވާ ނުކުރާށެވެ! ޞިއްޙީ ފަރުވާ ހޯދުމާއި ދުޢާކުރުން ނޫން އެއްވެސް ކަމެއް ނުކުރާށެވެ. ހިންމަވައި ދެއްވަވަން އޮތް އަޅަކަށް އެކަން މެދުވެރިވުމުގެ ވަގުތު ޖެހުމުން ހިންމަވައި ދެއްވަވާނެތެވެ.

މިއީ ފޮތެއްގައި ލިޔެވިފައިވާ ވާހަކައެއް ނޫނެވެ. މިއީ ގިނަ ބައެއްގެ ތަޖުރިބާއަށް ބުރަވެ ބުނާބަހެކެވެ. ޔަތީމް، މިސްކީން ކުދިންނަށް އެހީތެރިވެދީ ، ޚާއްޞަކޮށް އަމިއްލަ ދަރިން ފަދައިން ގެންގުޅުމަކީ ދަރިން ދެއްވަވާ ސަބަބެއްކަމަށް ބުނެވޭހައި ގިނައިން މިކަން ވަނީ މެދުވެރިވެފައެވެ. އަދި މިހާރުވެސް ދަނީ މެދުވެރިވަމުންނެވެ.

ދަރިންނަށް ބޭނުންވެގެން ތިބި ނަމަ ނިކަން ތަޖުރބާކޮށްލައިބަލާށެވެ! އެހެން މިބުނަނީ އަހަރެންގެ ވަރަށް ގާތް ބައެއް މީހުންނަށް މިކަން އެގޮތަށް ތަޖުރިބާކުރެވިފައިވާތީއެވެ!ހެޔޮ އަމަލުތައް ކުރުން ގިނަކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން