އެކުގަ ޢުމުރަށް ދިރިއުޅެން ބޭނުންނަމަ ސަމާލުކަންދޭންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެކުގަ ޢުމުރަށް ދިރިއުޅެން ބޭނުންނަމަ ސަމާލުކަންދޭންޖެހޭނެ ކަމެއް!

ކައިވެންޏަށްފަހު ކުރިމަތިވާ ބައެއް މައްސަލަތައް ކުރިމަތިވަނީ ވަކިކަމަކަށް ގޮސްހުސްވާތީއެވެ. އެހެން ހުރިހާ ކަމެއްގެ ކުރިއަށް އެއް ކަމެއް ނެރެވޭތީއެވެ. އެކަމުގެ ކުޑަ މިޘާލެއް ބުނެލާނަމެވެ. 

ބައެއް ފިރިހެނުންގެ ހުރިހާ ސަމާލުކަމެއް ހުންނަނީ އަނބިމީހާގެ ރީތިކަމަށެވެ. އަނބިމީހާއަކީ އޭނާ ބޭނުންވާ ފަދަ ރީތި އަންހެނަކަށްވެއްޖެނަމަ އޭނާކުރާ އެހެން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. އޭނާކުރާ އެއްވެސް ކުށެއް ފާހަގައެއް ނުކުރެއެވެ. ޚަރަދުކުރަން ބޭނުންވާވަރަކަށް ފައިސާދެއެވެ. 

ހަމައެފަދައިން ބައެއް އަންހެނުންގެ ހުރިހާ ސަމާލުކަމެއް ހުންނަނީ ފިރިމީހާގެ ތަނަވަސްކަމަށެވެ. ފިރިމީހާއަކީ ތަނަވަސް މީހަކުކަމަށްވެފައި ޚަރަދުކުރާނެ ވަރަކަށް ޚަރަދުކުރަން ފައިސާދޭނަމަ ފިރިމީހާގެ އެއްވެސް ކުށެއް ފާހަގައެއް ނުކުރެއެވެ. އުޅޭނެ ގޮތަކަށް އުޅެން ރުހެއެވެ.

އެކަމަކު ބުނަންހެއްޔެވެ؟ ޙަޤީޤީ ދިރިއުޅުމަކަށް ބަލައިފިނަމަ މިއީ ޒަވާޖީ ހަޔާތް ދެމެހެއްޓޭނެ ގޮތެއް ނޫނެވެ. ކުރެވޭ ކުށް ދެމީހުންވެސް ފާހަގަކުރަންޖެހޭނެއެވެ. އިޞްލާޙްކުރުވަން، އިޞްލާޙްކުރަން ދެމީޙުންވެސް މަސައްކަތްކުރަންޖެހޭނެއެވެ. ފުރަތަމަ ކޮޅުގައި މިކަންކަމަށް ސަމާލުކަން ނުދީފިނަމަ އެކަންކަން އޮންނާނީ ކާމިޔާބުނުކުރެވިފައެވެ. 

މިހެން ބުނަން މިޖެހެނީ އަނބިމީހާގެ ރީތިކަންވެސް އަބަދަކު ނުހުންނާނެއެވެ. ޢުމުރުން ދުވަސްވުމުގެ އިތުރުން ދަރިން ލިބެން ފެށުމުންވެސް ސިފައަށް ބަދަލުތައް އަންނާނެއެވެ. އަދި ފިރިމީހާގެ ތަނަވަސްކަމަކީވެސް އަބަދަކު އެއްވަރަކަށް ހުންނާނެ ނިޢުމަތެއް ނޫނެވެ. 

ކުރިންވެސް މިބުނި ފަދައިން މިކަންކަމަށް އަޅާނުލައި ފުރަތަމަ ކޮޅުގައި ދޫކޮށްލައިފިނަމަ ފަހުން ބަލައިލާއިރު އޮންނާނީ ވަޤުތު ފާއިތުވެފައެވެ. އެހިސާބުން ގިނަ ފަހަރު އޮންނާނީ ދެބަސްވާންޖެހި ވަކިވާންޖެހިފައެވެ. ވީމާ ދެމީހުންގެވެސް ނިޔަތަކީ ޢުމުރަސް އެކުގައި އުޅުންކަމަށްވާނަމަ މިކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ. 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން