އެސްފީނާ ވަރަށް ފަސޭހައިންވެސް ޖެހިދާނެ! މިފަދަ ގޮތެއް މެދުވެރިވާނަމަ ރުޤްޔާކުރަން އަވަސްވެގަންނަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެސްފީނާ ވަރަށް ފަސޭހައިންވެސް ޖެހިދާނެ! މިފަދަ ގޮތެއް މެދުވެރިވާނަމަ ރުޤްޔާކުރަން އަވަސްވެގަންނަން ޖެހޭނެ!

ކުއްލިއަކަށް މީހާ ކަންނެތްވެ ކަންކަން ކުރާ ހިތްނުވުން، ފެންވަރައި ތާހިރުވވެ ޒީނަތްތެރިވާހިތް ނުވުން، ހުވަނދުލާ މީހަކު ހުވަނދުލާހިތްނުވުން، ތިމާއަށް ކުށްތަކެއް ކުރެވޭހެން ހީވުން، އަދި މިފަދަ ކަންކަމުން އަރައިނުގަނެވޭނެ ކަމަށް ޤަބޫލުކުރެވުން ފަދަ ޙާލަތު ކުރިމަތިވާނަމަ ފަރުވާކުޑަނުކުރާށެވެ. އެއީ މިޒާޖަށް ނުވަތަ ޠަބީޢަތަށް އައި ބަދަލެއް ކަމަށް ހީކޮށް އަޅާނުލައި ނުހުންނާށެވެ.  

ދިރިއުޅުމުގައި ކުރިމަތިވާ މާޔޫސްކަމަކާއި ގުޅިގެންވެސް މިފަދަ ކަންކަން ކުރިމަތިނުވާނެ ކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް ގިނަ ފަހަރު މިކަންކަން ކުރިމަތިވަނީ އެސްފީނާގެ ސަބަބުންނެވެ. ވީމާ އެއީ އަޅައިނުލައި ދޫކޮށްލައިގެންވާންއޮތް ކަމެއް ނޫނެވެ.  

ބައެއް މީހުންގެ ކިބައިން އެސްފީނާގެ އަސަރު ވަރަށް ފަސޭހައިންވެސް ކުރެއެވެ. ތިބާއަށް ނިޢުމަތެއް ލިބުނުކަމުގެ ވާހަކަ ދެކެވުމުން އަޑުއަހަންތިބޭ ގާތް މީހުން މާޝާﷲ ނުބުނުމަކީވެސް އެސްފީނާގެ އަސަރުކުރާ ކަމެކެވެ. ޢާންމުގޮތެއްގައި އެސްފީނާ ޖެހެނީ އަނެކާއަށް ލިބޭ ނިޢުމަތަކަށް ޙަސަދަވެރިވުމުންނެވެ. އެއީ ބުނަން އެނގޭ ަކމެއް ނޫނެވެ. މީހެއްގެ ރީތިކަން ފެނުމުން އޭނާއަށްޓަކައި ހެޔޮ ދުޢާނުކޮށް ބެލުމަކީވެސް އެސްފީނާ ޖެހިދާނެ ކަމެކެވެ.  

ވީމާ އަހުރެން ކުރިން މިބުނި ޒާތުގެ އެއްވެސް އުނދަގުލެއް ނުވަތަ ބަދަލެއް އިޙްޞާޞްކުރެވޭނަމަ އަވަހަށް ރުޤްޔާކުރަން ފަށާށެވެ. އެންމެ ރަނގަޅީ އަމިއްލައަށް ރުޤްޔާކުރުމެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅާއިއެކު އެކަމަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން