ސުންނަތް ރޯދައެއް ނަމަވެސް، ފަރުޟު ރޯދައެއް ނަމަވެސް، ހިފާ ރޯދަ، ރޯދައަކަށް ހަދަން ކުރަންޖެހޭ ބައެއް ކަންކަން!: ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ސުންނަތް ރޯދައެއް ނަމަވެސް، ފަރުޟު ރޯދައެއް ނަމަވެސް، ހިފާ ރޯދަ، ރޯދައަކަށް ހަދަން ކުރަންޖެހޭ ބައެއް ކަންކަން!: ނޫމާން ޢަލީ ޚާން

ރަމަޟާން މަހުގެ އިތުރުން އެހެން މަސްތަކުގައިވެސް އަހަރެމެން ސުންނަތް ރޯދަތައްވެސް ހިފަމުއެވެ. ޤަޟާ ރޯދަތައްވެސް ހިފަމުއެވެ. 

އެހެންކަމުން ރޯދަ ހިފާނަމަ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް ބަޔާންކޮށްދޭނަމެވެ. 

ބަނީ އިސްރާއީލުގެ މީހުންވެސް ރޯދަ ހިފިއެވެ. ދުވާލުގެ ވަގުތުތަކުގައި ނުކައި ތިއްބެވެ. އެމީހުން ހިފި ރޯދަ ރޯދައަކަށް ނުވީ ކީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އެންގެވި ގޮތުގައި ރޯދަ ނުހިފުމުންނެވެ. 

މީސްތަކުންނޭވެ! ރޯދަ ރޯދައަކަށް ވަނީ ރޯދައަށް ހުރެ ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުމުންނެވެ. ނަމާދުކުރުމާއި ކީރިތި ޤްރުއާން ކިޔެވުމާއި ޞަދަޤާތް ދިނުމާއި މިހެން ގޮސް ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމުންނެވެ. ހަމައެއާއިއެކު ބަލަން ޖެހޭ ތަންތަން ނުބެލުމަކީވެސް ކުރަން ޖެހޭ ކަމެކެވެ. އަޑުއަހަން ނުޖެހޭ ވާހަކަތައް އަޑު ނުއެހުމާއި ބުނަން ނުޖެހޭ ބަސްތައް ނުބުނުމަކީވެސް ކުރަންޖެހޭ ކަންކަމެވެ. ހަމައެއާއިއެކު ވީހައި ގިނައިން ﷲ ތަޢާލާ ހަނދުމަކުރުމަކީ ވީހައި ގިނައިން ކުރަން ޖެހޭ ކަމެކެވެ. 

ބައެއް މީހުން ރޯދައަށް ހުރެ މުޅި ދުވަސް ފިލްމް ބަލަން އެބަ ހޭދަކުރެއެވެ. ނަމުގައި ބަލަނީ ކޮންމެވެސް ނަމެއް ކިޔާ ފިލްމެކެވެ. ކަމުގައި ބެލެނީ ﷲ ތަޢާލާ ބެލުން މަނާކުރައްވަވާފައިވާ މަންޒަރުތަކެވެ. އަޑު އެހެނީ ޝައިޠާނާގެ ދުންމާރިތަކުގެ އަޑުތަކެވެ. މިގޮތުގައި ހިފާ ރޯދައަކީ ރޯދައަކަށް ނުވާނެއެވެ! އަދި ބައެއް މީހުން މުޅި ދުވަސް ޗެސް ކުޅުން ފަދަ ކަންކަމުގައި އެބަ ހޭދަކޮށްލައެވެ. ވިސްނުމުގައި 32 ކުޅި ބެއިންދީމާ ﷲ ތަޢާލާއަށް އޮތީ ކޮން ޖާގައެއް ހެއްޔެވެ؟ ޗެސް ނޫން ނަމަވެސް އެއްވެސް ކުޅިވަރެއް ކުޅެން ހުންނައިރު ނުވަތަ އިންނައިރު ﷲ ތަޢާލާ މަތިން ހަނދާނެއް ނުކުރެވޭނެއެވެ. ވީއިރު ދެން ހިފޭނީ ކޮން ރޯދައެއް ހެއްޔެވެ؟ 

މީސްތަކުންނޭވެ! ސުންނަތް ރޯދައެއް ނަމަވެސް ފަރުޟު ރޯދައެއް ނަމަވެސް ހިފާ ރޯދަ ރޯދައަކަށް ހަދާށެވެ! ރޯދައަށް އެހައިމަތިވެރި ސަވާބެއް ދެއްވަވަނީ ބަނޑު ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ނުކައި ހުންނާތީއެވެ. ކިތަންމެ ވަރަކަށް ކަރު ހިއްކި ނަމަވެސް ފެން ނުބޮއި ހުންނާތީއެވެ. ލޯ ކިތަންމެ ވަރަކަށް އެދުނު ނަމަވެސް ބަލަން ނުވާ ތަންތަނަށް ނުބަލައި ހުންނާތީއެވެ. އަދި ކީއްހެއްޔެވެ؟ މިފަދަ ހުރިހާ ކަމެއް ނުކޮށް ހުންނަނީ ﷲ ތަޢާލާއަށްޓަކައި ކަމުގައި ހަދާތީއެވެ. ވީމާ ރޯދައިގެ މަޤްޞަދުތައް ގެއްލުވާލައިފިނަމަ ރޯދަ ރޯދައަކަށް ނުވާނެއެވެ.

 

- ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން