ވަކި ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ތިމާ ކައިބޮއި ހަދަންޖެހެއެވެ. އެހެން ބޭނުންތައްވެސް ފުއްދަންޖެހެއެވެ. އަދި ސަލާމަތް ޞިއްޙަތަކަށްވެސް ބޭނުންވެއެވެ. އަދި ދިރިއުޅުމުގެ ކަންކަމަށް ކުރިއެރުންވެސް ބޭނުންވެއެވެ.
އެކަންކަމަށް ބޭނުންވާއިރު ކޮންމެ މީހަކުވެސް ކޮންމެ ދުވަހަކުވެސް ކުރަންޖެހޭނެ ކަމެއްވެސް އޮވެއެވެ. އެއީ އީމާންކަން އިތުރަށް ވަރުގަދަކުރަން މަސައްކަތްކުރުމެވެ. އަޅުކަންކުރުން ގިނަކުރަން މަސައްކަތްކުރުމެވެ.
މިބުނި ކަންކަމަށް ސަމާލުކަންދީގެން މަސައްކަތް ނުކުރާނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެހެނީ އެކަންކަން ޙާޞިލްކުރެވެން އޮތީ އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރިވަރަކުން ކަމަށް ވާތީއެވެ. އަދި ކުރަން އޮތް މަސައްކަތަކީ މިބުނި ކަންކަން ކަމުގައިވާތީއެވެ.
ދުނިޔޭގައި ހުރެވޭ ކޮންމެ ދުވަހަކު ކޮންމެ މީހަކަށް ނަމަވެސް އެހުރެވެނީ ވަޒީފާއެއްގައެވެ. އެވަޒިފާއަކީ ކޮންމެ ދުވަހަކު އަދާކުރަން ﷲ ތަޢާލާ ޙަވާލުކުރައްވަވާ މަސްއޫލިއްޔަތުތަކެވެ. އެއީ މަރުވުމާއި ހަމައަށްވެސް ދޫކޮށްލެވޭނެ ވަޒީފާއެއް ނޫނެވެ.
ދުނިޔޭގައި މީހާއަށް އަދާކުރަން ލިބޭ ވަޒިފާ ހަދަންޖެހޭނީ ދެވަނަ ވަޒީފާއަށް ކަމަށެވެ. ފުރަތަމަ ވަޒިފާއެއް ކަމަށް ދެކެންޖެހޭނީ ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ކަންކަމެވެ. ކުރަންޖެހޭ އަޅުކަމެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ.
ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވުން އޮތީ އެއިރުންނެވެ. ފަހަރެއްގައި ދުނިޔޭގައި އުފަލުގައި އުޅެވުނަސް ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވެން އޮތް ހަމައެކަނި މަގަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން