ބަރުޒަޚުގެ ޢާލަމުގަ ޤިޔާމަތާހަމައަށް އަމިއްލަ މޫނުން އަމިއްލައަށް މަސްނޮޅަން ޖެހޭނެ މީހުން-: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ބަރުޒަޚުގެ ޢާލަމުގަ ޤިޔާމަތާހަމައަށް އަމިއްލަ މޫނުން އަމިއްލައަށް މަސްނޮޅަން ޖެހޭނެ މީހުން-: އިމާމް ޢުމަރު ސުލައިމާން

މިޢްރާޖެގެ ދަތުރުފުޅުގައި ރަސޫލް () އަށް ފެނިވަޑައިގެންނެވި އެންމެ ބިރުވެރި އެއްކަމަކީ އެމީހުންގެ ލޯމޮހޮރުތަކެއް ފަދަ ނިޔަފަތިތަކުން އެމީހުންގެ މޫނުގެ މަސް ނޮޅަން ތިބި ބައެކެވެ. އެމީހުންނަށް އެ ގަދަފަދަ އަޒާބު ލިބެމުން ދިއައީ ހަމަ އެމީހުން އަމިއްލައަށް އެކަން ލިބިގަތުމުންނެވެ.

އެމީހުންނަކީ އެހެންމީހުން ފަޟީޙަތްކޮށް ދެބައުޑުވައި ފިތުނަ އުފެދޭފަދަ ވާހަކަތައް ދައްކައި މީހުންގެ އަބުރު ކަތިލަމުން ދުނިޔޭގައި އުޅުނު މީހުންނެވެ. 

ސުވާލަކީ މިއަދު މިފަދަ ކަންކަން މިވަރަށް ޢާންމުވެފައި މިވަނީ އެކަމަށް ހުރި ގަދަފަދަ ޢަޛާބު ހަމަ ނުއެނގޭތީ ހެއްޔެވެ؟ ހަމައެކަނި ހުކުރަށް ގޮސް ޚުޠުބާ އަޑުއަހާ މީހަކަށް ވެސް މިކަންކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.  

މީސްތަކުންނޭވެ! އިންސާނާގެ އެންމެ އަގު ބޮޑު އެއްޗަކީ އެމީހާގެ މޫނެވެ. އެހެންކްމަށްވާއިރު ޙައްޤަކާއި ނުލައި މީހަކަށް މަގުމައްޗަށް ނުކުންނަން ލަދުގަންނަން ޖެހޭ ފަދަ ކަމެއް ކުރުމަކީ އެމީހެއްގެ މޫނަސް އަރައިގަތުމެވެ. އެފަދަ ކަންކަން ކުރާ މީހުންނަކީ ދިރިތިއްބައި މީސްތަކުންގެ ނަފްސް ކަތިލާ މީހުން ކަމުގައި ޢިލްމުވެރިން ބަޔާން ކުރައްވަނީ އެ ސަބަބަށްޓަކައެވެ.  

"ހަމަ ދާދި ފަހުން ހިނގައި ދިއަ ކަމެކެވެ. ވަރަށް އެކުގައި އުޅުނު 3 އަންހެނުންނެވެ. އެތަނުން އެކެއްގެ ކައިވެނި ރޭ އެއް އަނހެނަކަށް އަނެއް އަނެއް ރަޙްމަތްތެރިޔާ ގާތު ބުނެވުނީ ކައިވެނި ކުރެވުނު މީހާއަކީ ވަރަށް ރީތި މީހެއް ކަމަށެވެ. ހިތްކިޔާ ގޮތްތަކެއް ހުރި މީހެއް ކަމަށެވެ.

އެއިގެ 10 އަހަރު ފަހުން ޖެހުނު މައްސަލައެއްގައި އައި ރުޅިން އެވާހަކަ ބޭޒާރުކޮށްލީއެވެ. އެކަން ބޮޑު ފިތުނައަކަށްވެ އެކައިވެނި ނުރޫޅުނީ ހަމަ ކިރިޔާއެވެ. އެވާހަކަ އަޑުއިވުނު ހިސާބުން ވިސްނުން ދިއައީ މުޅިން ބަދަލުވެގެންނެވެ. ފާއިތުވި 10 އަހަރު ތެރޭގައި ރަހްމަތްތެރިޔާ އޭނާގެ ފިރިމީހާއަށް ބެލުނު ބެލުންވެސް ސިފަކުރެވުނީ ބޭއްވި ގުޅުމެއްގެ ގޮތުގައެވެ.  

ކަމުގެ ޙަޤީޤަތް ރަނގަޅަށް އެނގި ރަހްމަތްތެރިޔާ ހިތް ހަލާލު ދެންދެން އެހެން ބުނެވުނު އަންހެން މީހާ ވީދެރައިންނާއި ގަތް ލަދުން ހުރީ ގެއިން ވެސް ނުނުކުމެ އަމިއްލައަށް ގޭގައި ބަންދުވެގެންނެވެ." 

މީސްތަކުންނޭވެ! މިހުންނަނީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ ބޮޑެތި ފާފަތަކެވެ. ދެމީހަކު އެކުވެރިންގެ ގޮތުގައި އުޅޭއިރު ދެމީހުންގެ ސިއްރުތައް އެކަކު އަނެކަކަށް އެނގޭނެއެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ރުޅިވާ ދުވަހު އެފަދަ ކަންކަން ބޭޒާރުކޮށްލުމުން އެކުރެވޭ ކަމަކީ މީހުންގެ މަސް ކެއުން ފަދަ ކަމެކެވެ. ދަރިން ޔަތީމް ކުރުމެވެ. އެހެނީ މި ބަޔާންކުރި މައްސަލައަސް ބެލި ނަމަވެސް އެއިރު އެ ދެމަފިރިންގެ 3 ދަރިން ތިއްބެވެ. ކައިވެނި ރޫޅުނު ނަމަ ދެންވާނީ ކިހިނެއްޔެވެ؟ ދަރިންކޮޅު ގޮތަކަށް ނިކަމެތިވީ ނޫން ހެއްޔެވެ؟ ވީމާ މިފަދަ ކަންކަން ކުރާއިރު ފުރަތަމަވެސް ވިސްނައިލަންވީ ތިމާއަށް މިފަދަ ކަމެއް މެދުވެރިވެއްޖެނަމަ ތިމާއަށް ކުރިމަތިވާނެ ހާލަތަށެވެ.  

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން