ޢަލީ އިޙްޞާން ފިރާޤް
ބައިތުލް މަޤުދިސް ފަތަޙަ ކުރެއްވުން
މޫސާގެފާނުގެ ޙަޔާތްޕުޅުގައި އަރަހުށި މާތްﷲ، ބަނީއިސްރާއީލުންގެ މީސްތަކުންނަށްވަނީ ބައިތުލްމަޤުދިސަށް ގޮސް އެތަން ފަތަޙަ ކުރެއްވުމަށް އަމުރު ކުރައްވައިފައެވެ. ނަމަވެސް އެބައިމީހުން އެކަމަށް ކަނޑައެޅިގެން އިންކާރުކުރިއެވެ. މި ވާހަކަ މޫސާގެފާނުގެ ސީރަތުގައި ބަޔާންވެގެން ހިނގައްޖެއެވެ.
އަލް ޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ބަނީއިސްރާއީލުން ޖިހާދުކުރުމާ ދެކޮޅު ހެދުމުގެ ސަބަބުން މޫސާގެފާނުގެ އެބައިމީހުންގެ މައްޗަށް ދުޢާފުޅު ކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަރަހުށި މާތްﷲ އެބައިމީހުން އެރަށަށްވަނުން ސާޅީސް އަހަރުގެ މުއްދަތަށް ޙަރާމް ކުރެއްވިއެވެ. އެބައިމީހުންނަށް ދެވޭނުދެވޭ ތަނެއް ނޭނގި ތީހުގައި ތިބެން ޖެހުނެވެ. ތީހުގެ މުއްދަތުގެ ތެރޭގައި އެބައިމީހުންނަށް ވަރަށް ގިނަ މުޢުޖިޒާތްތައް ދެއްކެވިއެވެ. އޭގެ ތެރޭގައި، ވިލާގަނޑަކުން ހިޔާ އެޅުއްވުމާއި، މަންނާއި، ސަލްވާ ބާވައިލެއްވުމާއި، ހިލަގަނޑެއްގެ ތެރެއިން ފެންއާރުތައް ހިނގެވުން ހިމެނެއެވެ. ތައުރާތު ބާވައިލެއްވުނީވެސް ބަނީއިސްރާއީލުބާގައިގެ މީސްތަކުން ތީހުގައި ތިބި ދުވަސްވަރުގައެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 3 ވަނަ ޖިލްދު، ޞަފްޙާ 147}
އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. [ތީހުގެ ސާޅީސް އަހަރު ނިމުމަށްފަހު، ޔޫޝަޢުގެފާނު ބަނީއިސްރާއީލުންނާގެން ވަޑައިގެން ބައިތުލްމަޤުދިސް ޙިޞާރުކުރެއްވިއެވެ. އެބައިމީހުންނަށް އެތަން ފަތަޙަ ކުރެއްވުނީ ހުކުރު ދުވަހެއްގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހުގެ އިރު އޮއްސޭން ފެށުމުން ޔޫޝަޢުގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެހެނީ ހޮނިހިރު ދުވަހަކީ އެބައިމީހުން އަޅުކަން ކުރުމަށް ޢައްޔަންކޮށްފައިވާ ދުވަހެވެ. އެހެންކަމުން އެ ދުވަހުގެ އިރު އޮއްސިގެން ދާންފެށުމުން، ޔޫޝަޢުގެފާނު އިރާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.
[ކަލެއަކީވެސް އަމުރުވެވިގެންވާ އެއްޗެކެވެ. ހަމަ އެފަދައިން އަހަރެންނަކީވެސް އަމުރުވެވިގެންވާ ފަރާތަކީމެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިރުގެ ހިނގުން ހުއްޓޭނެ ގޮތް މެދުވެރި ކުރައްވާންދޭވެ.]
ދެންފަހެ، އަރަހުށި މާތްﷲ އެކަލޭގެފާނަށްޓަކައި، އިރުގެ ހިނގުން ހުއްޓުވައި ދެއްވިއެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީސްތަކުން ބައިތުލްމަޤުދިސް ފަތަޙަކޮށްފުމަށް ދާންދެނެވެ. ދެން މާތްﷲ ޔޫޝަޢުގެފާނަށް އަމުރުކުރެއްވީ، ބަނީއިސްރާއީލުބާގައިގެ މީސްތަކުން ސަޖިދަކުރާ ޙާލު އެ ރަށުގެ ދޮރޯށިން އެތެރެއަށް ވަދެގެން ދިޔުމަށެވެ. އެރަށުގެ ދޮރޯށިން ވަދެގެން ދަމުން حِطَّةٌ އޭ ކިޔަމުން ވަނުމަށެވެ. މި ލަފްޒުގެ މާނައަކީ އަޅަމެން އެދެނީ އަޅަމެންގެ ފާފަތައް ފުއްސެވުމަށެވެ. މިއެވެ. ނަމަވެސް އެބައިމީހުން ކަންތައް ކުރީ އެއާ ދިމާ އިދިކޮޅަށެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 3 ވަނަ ޖިލްދު، ޞަފްޙާ- 148 147}
މި ދެންނެވި ވާހަކަތައް ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 58 ވަނަ އާޔަތާއި، 59 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
وَإِذْ قُلْنَا ادْخُلُوا هَـٰذِهِ الْقَرْيَةَ فَكُلُوا مِنْهَا حَيْثُ شِئْتُمْ رَغَدًا وَادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَّغْفِرْ لَكُمْ خَطَايَاكُمْ ۚ وَسَنَزِيدُ الْمُحْسِنِينَ ﴿٥٨﴾ فَبَدَّلَ الَّذِينَ ظَلَمُوا قَوْلًا غَيْرَ الَّذِي قِيلَ لَهُمْ فَأَنزَلْنَا عَلَى الَّذِينَ ظَلَمُوا رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ ﴿٥٩﴾
މާނައީ: [އަދި ތިޔަބައިމީހުން މިއޮތް ރަށަށް ވަންނާށޭ ތިމަންރަސްކަލާނގެ وحى ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، ތަނަވަސްކަމާއެކުގައި ތިޔަބައިމީހުން އެދޭ ފަދައަކުން އެރަށުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން سجدة ކުރާ حال (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ حال އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. އަދި إحسان ތެރިންނަށް ތިމަންރަސްކަލާނގެ (ހެޔޮކަން) އިތުރު ކުރައްވާހުށީމެވެ.ދެން (އޭގެތެރެއިން) އަނިޔާވެރިވި މީހުން، އެއުރެންނަށް ކިޔާށޭ އެންގެވި ބަސް އެނޫން ބަހަކަށް ބަދަލުކޮށްފޫއެވެ. ދެން އެ އަނިޔާވެރިވި މީހުންގެ މައްޗަށް، އެއުރެން فاسق ވި ކަމުގެ ސަބަބުން، އުޑުން عذاب އެއް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ.]
--އަދި ނުނިމޭ