ކަންކަން ކުރިމަތިވުމުން ހަމައެކަނި މިފިލާވަޅަށް ވިސްނައިލި މީހަކަށްވެސް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކަންކަން ކުރިމަތިވުމުން ހަމައެކަނި މިފިލާވަޅަށް ވިސްނައިލި މީހަކަށްވެސް މާޔޫސްވާކަށް ނުޖެހޭނެ! އިން ޝާ ﷲ: ޝައިޚް ޢާޞިމް އަލްޙަކީމް

އަހުރެމެން ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި ޞަލަވާތް ކިޔަވަމުއެވެ. އެ ބަލަވާތުގައި އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިތުރުން އިބްރާހީމްގެފާނުގެ  ވާހަކަ އަންނަނީ ކީއްވެގެން ހެއްޔެވެ؟ ނޫޙުގެފާނު ، އާދަމްގެފާނު ނުވަތަ އެހެންވެސް ބޭކަލެއްގެ ވާހަކަ ނައީ ކީއްވެގެން ހެއްޔެވެ؟  

ކަނުލައި ރަނގަޅަށް އަޑުއަހާށެވެ! އިބްރާހީމްގެފާނަށް ދަރިކަލަކު ލިބިވަޑައިގަތީ އެކަމަށް އޮތް އުންމީދުގެއްލިވަޑައިގެންނެވި ފަހުންނެވެ. ބުނެވޭ ގޮތުން އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅުންވަނީ  80 އަހަރަށްވުރެ މައްޗަށް ގޮސްފައެވެ. އަނބިކަނބަލުންވެސް ޢުމުރުފުޅުން ގިނަދުވަސްވެ އިންނެވީ ދަރިކަލަކު ލިބިވަޑައިގަންނަވާ ޙާލަތެއްގައެއް ނޫނެވެ. 

ޢުމުރުފުޅުން އެހައި ދުވަސްވީފަހުން ލިބިވަޑައިގެންނެވި ދަރިކަލުން ބޮޑުފުޅުވެ އެދަރިކަލުންގެ އެހީތެރިކަން ލިބިވަޑައިގަންނަވާ ޢުމުރުފުޅުގައި އެދަރިކަލުން ޤުރްބާން ކުރެއްވެވުމަށް އަމުރުފުޅު އައިހިނދު އެއްވެސް ޝަކުވާއެއް ނުކުރައްވަވައި އެކަން ކުރެއްވެވީއެވެ. ހުރަސް އެޅުއްވެވީ ﷲ ތަޢާލާއެވެ.  

މިއީ ކިޔަމަންތެރި ވެވަޑައިގަތުމުގައި ކޮންފަދަ މަތިވެރި ނަމޫނާއެއް ހެއްޔެވެ؟ މިއީ ކޮންމެކޮންމެ އިންސާނަކަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ހަމަ އެކަނި މިއިމްތިޙާނެއް ނޫނެވެ. އެފަދަ ވަރުގަދަ އެތައް އިމްތިޙާންތަކެއް ކުރިމަތިކުރެއްވެވިއެވެ. ކުރިމަތިފުޅު ކުރެއްވެވި ހުރިހާ އިމްތިޙާންތަކުން އެންމެ ފުރިހަމަ ގޮތުގައި ފާސްވެވަޑައިގެންނެވިއެވެ.  

ބުނެލަން ބޭނުންވަނީ ދުނިޔޭގައި އުޅޭއިރު އިމްތިޙާންތައް ކުރިމަތިވާނެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޮޑުވާވަރަކަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑުވެފައި ވަރުގަދަވާނެއެވެ. ފާސްވެއްޖެނަމަ އެމީހެއްގެ ދަރަޖަ އުފުލިގެންދާނެއެވެ. އުފުއްލަވާނެތެވެ.  

ވީމާ ދިރިއުޅުމުގައި ދަތިކަންކަން ކުރިމަތިވުމުން ހަމައެކަނި މިކިޔައިދިން ވާހަކަކޮޅަށް ވިސްނައިލި ނަމަވެސް ކެތްތެރިވުމުގެ ބާރު އެމީހަކަށް ލިބޭނެއެވެ. އިން ޝާ ﷲ. ވީމާ އޮތީ ޘާބިތުވުމެވެ. ކެތްތެރިވުމެވެ. ޝަކުވާ ނުކުރުމެވެ.   

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން