ފުރާނަ ހިއްޕަވާ ވަޤުތު ގިނަ ބައަކަށް ޝަހާދަތް ނުކިޔޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ފުރާނަ ހިއްޕަވާ ވަޤުތު ގިނަ ބައަކަށް ޝަހާދަތް ނުކިޔޭ ސަބަބު-

މަރުމަތީގައި ޝަހާދަތް ކިޔައިލެވިއްޖެ މީހަކު ސުވަރުގެ ވައްދަވާނެ ކަމަށް ޙަދީޘްފުޅުގައި އޮންނާތީ އެބަސްފުޅުގެ މާނަ ބައަކަށް ވަނީ އޮޅިފައެވެ. އެހެންވެ އެމީހުން ދުނިޔޭގެ ޙަޔާތް ވޭތިކޮށްލަނީ ހިތަށްއެރި ގޮތަކަށެވެ.  

މަރުވުމުގެ ވަގުތުގައި ގިނަ ބައަކަށް ޝަހާދަތް ނުކިޔޭކަން މަރުމަތި ފެންނަ މީހުންނަށް ރަނގަޅަށް އެނގޭނެއެވެ. މީހަކު ބުނާ ބުނުމެއް ނޫނެވެ. ވަރަށް ގިނަ ޑޮކްޓަރުންނާއި އަހަރެން އަމިއްލައަށް ސުވާލުކޮށްފީމެވެ. މަރުވުމުގެ ވަގުތުގައި ޝަހާދަތް ކިޔޭ ކަމަށްވަނީ ވަރަށް މަދު މީހަކަށެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެކެވެ.  

ސަބަބުތަކަށް ވިސްނައިލަމާހެއްޔެވެ؟  

ފުރިހަމަ މުސްލިމެއްގެ ގޮތުގައި މަރުވުމަށްޓަކައި ނުވަތަ އެކަމަށް އެދޭނަމަ އަބަދުވެސް ހުންނަން ޖެހޭނީ މަރަށް ތައްޔާރުވެގެންނެވެ. ނަމަވެސް ބައެއް މުސްލިމުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މަރަށް ތައްޔާރުވުމަކީ ހަމަ އެކަނި ރޭގަނޑު ނިދަމުން ޝަހާދަތް ކިޔުން ކަމަށެވެ. އެއްގޮތަކަށްވެސް އެހެނެއް ނުވާނެއެވެ. މަރަށް ތައްޔާރުވުމަކީ އެއަށްވުރެ މާބޮޑުކަމެކެވެ. 

މިސާލަކަށް ރޭގަނޑު ނިދަން މި އޮށޯންނަނީ ދުވާލު ނިމި ރޭގަނޑުން ބައެއް ފާއިތުވުމުންނެވެ. ވީއިރު ފަޖުރުލީންސުރެ އަދާކުރަންޖެހޭ ފަރުޟުތައް ކޮބައިހެއްޔެވެ؟ ކުރަންޖެހޭ 5 ނަމާދު ކޮބައި ހެއްޔެވެ؟ އެ ނޫންވެސް އަޅުކަން ކުރެވުނު ހެއްޔެވެ؟ އެހުރިހާ ކަމަކަށް އިންތިހާއަށް އިހްމާލުވެގެން ހުރެ ނިދަން އޮށޯންނަމުން ޝަހާދަތް ކިޔުމަކީ މަރަށް ތައްޔާރުވުން ކަމަށް ބެލެވޭނީ ކިހިނަކުންހެއްޔެވެ؟  

މީސްތަކުންނޭވެ! ބޮޑު ބައްޔެއް ނުވަތަ މަރުބަލި ޖެހޭނީ ބުނެ އަންގައިފައެއް ނޫނެވެ. އެކްސިޑެއްގައި ނުވަތަ ކުއްލި މަރަކުން މަރުވާނީވެސް ކުރިން ބުނެ އަންގައިފައެއް ނޫނެވެ! ވީމާ މަރަށް ފުރިހަމައަށް ތައްޔާރތުވެގެން ހުންނާށެވެ! އެއިރުން މަރުވާނީ އެންމެ ހެޔޮ ގޮތުގައެވެ! މަރުމަތީގައި ޝަހާދަތްވެސް ކިޔޭނެއެވެ! އިން ޝާ ﷲ! 

ދާދިފަހުން ޝައިޚަކު ޢިޝާ ނަމާދުން ނިމިވަޑައިގެން ގެއަށްވަޑައިގެން ގެއާއި ދާދި ގާތްވެފައި ވަނިކޮށް ހަށިކޮޅަށް 3 ފަހަރު ވަޅިހަރައި ޝަހީދުކޮށްލިއެވެ. މާތް ﷲ ޝައިޚަށް ޝަހީދެއްގެ ދަރަޖަ ދެއްވަވާށި! އާމީން.  

ފާހަގަކުރަން ބޭނުންވަނީ އެ ހާދިސާ ހިނގި ހިސާބުގައި ތިބި މީހުންނަށް އިވުނީ ޝައިޚުގެ ކަންބޮޑުވެވަޑައިގަތުމުގެ އަޑު ނޫން ކަމަށެވެ. އެހެން މީހެއްގެ އެހީތެރިކަމަށް އެދިވަޑައިގެން ގޮވާލެއްވެވި އަޑެއްވެސް ނޫން ކަމެވެ. އެންމެންނަށް ވެސް އިވުނީ ޝަހާދަތުގެ ދެކަލިމަ ބާރަށް ވިދާޅުވިއަޑެވެ. މީސްތަކުން ދުވެ ދިއައިރު އެންމެ ފަހު ނޭވާ ދޫކުރައްވަނީއެވެ. އެއިރުވެސް ގެންދެވީ ޝަހާދަތް ވިދާޅުވަމުންނެވެ.  

ވިސްނައި ޢިބްރަތް ޙާޞިލުކުރާށެވެ! އެގޮތަށް އެކަން އެ ކުރެއްވެވުނީ މަރަށް ތައްޔާރުވެގެން ހުންނެވުނީތީއެވެ. އެ ފުރުޞަތު ﷲ ތަޢާލާ އެ ދެއްވެވީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބައްލަވައިގެން ޝައިޚް ޢަމަލުކުރައްވަމުން ގެންދަވާފައިވާތީ ކަމަށްވުމަކީ ކިތަންމެހައިވެސް ކައިރި ކަމެކެވެ. 

މަރަށް ތައްޔާރު ނުވެ ހުއްޓައި ބަލިވެގެން ނުވަތަ އެނޫންވެސް ގޮތަކުން މަރާއި ކުރިމަތިލާން ޖެހިއްޖެ ނަމަ އެމީހަކު މަރުވެގެން އެދަނީ އިސްލާމް ދީނުގައި އޮތްގޮތަކަށް ނޫނެވެ. އެހެނީ މުޅި އިސްލާމް ދީނުގެ އަސްލަކީ އަބަދުވެސް މަރަށް ތައްޔާރުވެގެން ހުރުން ކަމުގައިވާތީއެވެ. ދިރިއުޅުމުގެ އެންމެ ބޮޑު މަޤްޞަދަކީ ވެސް މަރަށް ތައްޔާރުވުން ކަމުގައިވާތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން