ޢާއިޝަތު ރަފާޙް ޢަލީ
މުއްޒަމިލް ސޫރަތަކީ ކީރިތި ޤުރްއާނުގެ 73 ވަނަ ސޫރަތެވެ. މިއީ މައްކީ ސޫރަތެކެވެ. މިސޫރަތުގައި 20 އާޔަތްވެއެވެ. މި ލިޔުމުގައި މިބަޔާން ކޮށްލަނީ މި ސޫރަތުގައިވާ ބައެއް ވާހަކަތަކެވެ.
· ދަމުނަމާދު ކުރެއްވުމަށް ﷲ ތަޢާލާ ނަބިއްޔާ ޞައްލަ ﷲ އަލައިހި ވަސައްލަމަށް އަމުރު ކުރެއްވުން:
އެގޮތުން ﷲ ތަޢާލާ މުއްޒަމިލް ސޫރަތުގެ ފުރަތަމަ އާޔަތުން 4 ވަނަ އާޔަތަށް ވަޙީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾
މާނައީ: "އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! (1) ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. (2) އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ! (3) ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ! (4)"
· ﷲ ތަޢާލާއަށް ޛިކުރު ކުރުމާއި ﷲ ތަޢާލާ ހަނދުމަ ކުރުމަށް އެންގެވުން:
އެގޮތުން ﷲ ތަޢާލާ މުއްޒަމިލް ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاذْكُرِ اسْمَ رَبِّكَ وَتَبَتَّلْ إِلَيْهِ تَبْتِيلًا ﴿٨﴾
މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ! އަދި (އެހެންހުރިހާ ފަރާތަކުން އެއްކިބާވެ، ހަމައެކަނި) އެކަލާނގެ حضرة އަށް إخلاص ތެރިކަމާއެކު ކުއްތަންވެވަޑައިގަންނަވާށެވެ! (8)"
· ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް މުޝްރިކުން ބުނާ ބަސްތަކަށް ކެތްތެރިވުމަށް އެންގެވި:
ﷲ ތަޢާލާ މުއްޒަމިލް ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاصْبِرْ عَلَىٰ مَا يَقُولُونَ وَاهْجُرْهُمْ هَجْرًا جَمِيلًا ﴿١٠﴾
މާނައީ: "އަދި އެއުރެން ބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ރިވެތިވެގެންވާ ވަކިވުމަކުން، ކަލޭގެފާނު އެއުރެންނާ ވަކިވެވަޑައިގަންނަވާށެވެ! (10)"
· ޤިޔާމަތް ދުވަހުން ކާފިރުންނަށް ވާނެ ގޮތް ބަޔާން ކޮށްދެއްވުން:
ﷲ ތަޢާލާ މުއްޒަމިލް ސޫރަތުގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَوْمَ تَرْجُفُ الْأَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيبًا مَّهِيلًا ﴿١٤﴾
މާނައީ: "އެދުވަހުން ބިމާއި، ފަރުބަދަތައް ހެލިގެންދާނެތެވެ. އަދި ފައިބައިގެންދާ ވެލިފުންޏަކަށް އެ ފަރުބަދަތައް ވާހުށްޓެވެ. (14)"