އަހަރެމެންނަށް އެދުވަހުގެ ފުރާޤް ލިބި ނިދައިލާނެ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ އެހުރީ ފުދިފައެއް. ތަނަވަސްކަމުގައެވެ. ނަމަވެސް އެވަރުން ހިތްހަމަޖެހުން ލިބެނީ ކާކަށްހެއްޔެވެ؟ އިތުރު ތަނަވަސްކަމަށް ނޭދެނީ ކާކުހެއްޔެވެ؟ ގެދޮރު ބުރިބުރިއަށް މައްޗަށް އުފުލައި އެންމެ ތަނަވަހުގައި ދިރިއުޅެން ބޭނުންނުވަނީ ކާކު ހެއްޔެވެ؟
މިފަދަ ނިޢްމަތްތައް ލިބެން މިއޮތީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ނަމަވެސް ނަމާދުކޮށް ނިމޭއިރަށް އިރަށް ފުދުނީކަމަށް ބަލައި އަވަސްއަވަހަށް އެބަ މިސްކިތުން ފައިބަމުއެވެ. ދެއްވަވަން ހުރި ބޯނަސްތައް ލިބިއެއް ނުގަންނަމުއެވެ.
މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރާތީ އެކަމަށް ހިތްވަރުދެމެވެ. ނަމަވެސް ވިސްނައި ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންކަމުގެ ވާހަކަ ކުޑަކޮށް ދައްކައިލާނަމެވެ!
މިފެންނަނީ އިމާމް މީހާ ސަލާމް ދިނުމަށްފަހު ޢީދު ތަކްބީރު ކިޔައިލާއިރަށް މިސްކިތުން ބައަކު ފައިބައިގެންދާ ތަނެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ނަމާދުކުރުމުން އެ އަދާކުރެވުނީ ފަރުޟެވެ. ޛިކްރް ތަސްބީޙަ އާއި ސުންނަތް ނަމާދަކީ ބޯނަސްއެވެ. ވީމާ ލިބެން އޮތް ބޯނަސް ނަގައިނުލާށެވެ!
ދުނިޔަވީ ކަންކަން ފަހުން ކުރެވިދާނެއެވެ. އަބަދުވެސް ނުކުރެވިފައި އޮންނާނީ އާޚިރަތަށްޓަކައި ކުރަންޖެހޭ ކަންކަމެވެ. އާޚިރަތް ބޭނުން ނަމަ ބަދަލެއް ގެންނަން އެބަ ޖެހެއެވެ. އެއީ އާޚިރަތަށްޓަކައި ކުރާ ކަންކަމަށް އެންމެ ބޮޑަށް ސަމާލުކަން ދިނުމެވެ. ދުނިޔަވީ ހުރިހާ ކަންކަން އެއިގެ ފަހަތަށް ޖައްސައިލުމެވެ.
މީސްތަކުންނޭވެ! ޛިކްރްތަސްބީޙަ ނުކިޔައި ނަމާދުން ނުފައިބާށެވެ! ރަވާތިބު ސުންނަތް ދޫކޮށްލާފައި ފައިގައިގެން ނުދާށެވެ. ޛިކްރް ތަސްބީހަ ކިޔައި ރަވާތިބު ސުންނަތް ކޮށްލަން ނަގާނީ ގާތް ގަނޑަކަށް 5 މިނިޓާއި 7 މިނިޓާއި ދެމެދުގެ ވަގުތުކޮޅެވެ. އެވަރުގެ މަދު މިނިޓުކޮޅެއް އާޚިރަތަށްޓަކައި ހޭދަ ނުކޮށް ނަމާދު ނިންމާފައި ފައިބަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް މަރުވުމަށްފަހު އުޅެން ޖެހޭނީ އާޚިރަތަށްޓަކައި ކުރެވުނު ހެޔޮ އަމަލުތައް މަދުވެގެންނެވެ.
اللَّهُـمَّ أَعِـنِّي عَلـَى ذِكْـرِكَ وَشُكْـرِكَ وَحُسْـنِ عِبَـادَتِـكَ
މިއީ ކޮންމެ ނަމާދެއްގެ ފަހުގައި ކިޔަން ޙަދީޘްފުޅުގައި ބަޔާންވެގެންވާ ޛިކުރުތަކުގެ ތެރެއިން ޛިކުރެކެވެ. މިފަދަ ޛިކުރުތައް ކިޔައި އިތުރު ޘަވާބު ހޯދަން މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން