ދަތިތައް ފިލައި ނިޢުމަތްތައް އިތުރުވުމަށް އެދޭނަމަ ރޭއަޅުކަންކުރުން ގިނަކުރަން ޖެހޭނެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދަތިތައް ފިލައި ނިޢުމަތްތައް އިތުރުވުމަށް އެދޭނަމަ ރޭއަޅުކަންކުރުން ގިނަކުރަން ޖެހޭނެ-

ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ އެންމެ ގިނަވާނީ ނިކަމެތިންނެވެ. ފަޤީރުންނެވެ. އެހެންކަމާއިއެކުވެސް އެތައް މިލިއަން ބައަކަށް ވަނީ ތަނަވަސްކަމާއި މަތިވެރިކަން ދެއްވަވާފައެވެ. އަހުރެން މިރޭ ފާހަގަ މިކުރަނީ މިބުނި މީހުންގެ ވާހަކައެވެ.  

ﷲ ތަޢާލާ ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާފައިވާކަމާއި އަދި ސުވަރުގޭގެ އެންމެ މަތީދަރަޖަ ދެއްވަވާނީ އިތުރު އެކަލޭގެފާނަށްކަން އެނގިވަޑައިގަންނަވައި ހުންނަވައިވެސް ރޭގަނޑު އަރާމު ނުކުރައްވަވައި ކޮންމެ ރެއަކު ދެފައިންޕުޅު ދުޅަވަންދެން ރޭއަޅުކަން ކުރައްވަވަނީ ކީއްވެގެންތޯ އަނބިކަނބަލުން ޢާއިޝަތުގެފާނު ކުރެއްވެވި ސުވާލަށް ދެއްވެވި ޖަވާބު މިބުނި މީހުންނަށް ހަަމ ނުއެނގެނީހެއްޔެވެ؟  

ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެހައި ގިނަ ނިޢުމަތްތައް ދެއްވެވުމުން ޝުކުރުވެރިވެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވާކަން ނޫންހެއްޔެވެ؟  

މިބަޔާންކުރި ޙަދީޘްފުޅު މުސްލިމުންނަށް އެނގޭނެއެވެ. އަހުރެން ޤަބޫލުކުރާ ގޮތުގައި ޚުޠުބާތަކުގައި އަބަދުހެން ކިޔާތީ އެންމެންނަށްވެސް އެނގޭނެއެވެ. ދެން ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ ކަލޭމެންނަށް ނިޢުމަތްތައް ދެއްވެވުމުން ޝުކުރުވެރިވާން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ލުއި ގޮތަކަށް ނަމަވެސް ރޭއަޅުކަން ކުރަމު ހެއްޔެވެ؟  

އަޚުންނާއި އުޚުތުންނޭވެ! ތަނަވަސްކަމާއި މަތީ ދަރަޖަތައް ދެއްވެވުމުން އަޅުކަންކުރުން ގިނަކުރަންވާނެއެވެ. ރޭއަޅުކަންކުރުން ވެސް ގިނަކުރަންވާނެއެވެ. އަދި އެނޫން މީހުންވެސް ރޭއަޅުކަންކުރަންވާނެއެވެ. ކޮންމެ މީހަކަށްވެސް ވަނީ އެތައް ބައިވަރު ނިޢުމަތްތައް ދެއްވަވައިފައެވެ. ނުދެއްވަވާބަނަ އަހުރެމެންނަށް ދުނިޔޭގައި ދިރިތިބެވޭނެ ހެއްޔެވެ؟  

ކުރިން މިބުނި ފަދައިން ނިޢުމްތައް ގިނައިން ލިބުނު ވަރަކަށް ޝުކުރުވެރިވުން ގިނަކުރާށެވެ! އަދި ނިޢުމަތްތައް އިތުރުވުމަށް އެދިގެންވެސް ޝުކުރުވެރިވުން ގިނަކުރާށެވެ. ހަމަ ކަށަވަރުން ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ނިޢުމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން