ޢަލީ އިޙްޞާން ފިރާޤް
ބަނީއިސްރާއީލުބާގައިގެ މީސްތަކުން، އެބައިމީހުންނަށް ޢަމަލުކުރުމަށް މާތްﷲ އެންގެވި ގޮތާމެދު ބަހާއި ޢަމަލުންވެސް ފާޅުކުރީ ނުކިޔަމަންތެރިކަމެވެ. އެބައިމީހުން ސަޖިދަ ކުރާ ޙާލު އެރަށުގެ ދޮރާށިން ވަނުމަށް އެންގެވުމުން އެބައިމީހުން އެރަށަށްވަނީ ސަޖިދަނުކޮށް ފަހަތަށް ފަހަތަށް ފޫކޮޅުކާތަމުންނެވެ. حِطَّةٌ އޭ ކިޔުމުގެ ބަދަލުގައި އެބައިމީހުން ކިޔަމުން ގެންދިޔައީ، [حبة في شعرة] އެވެ. މިއީ އެބައިމީހުންގެ ނޭއްގާނީކަމާއި، ނުކިޔަމަންތެރިކަމުގެ ކޮޅުނެތްކޮޅު ހާމަކޮށްދޭ ދަލީލެކެވެ. އެހެންކަމުން އަރަހުށި މާތްﷲ އެބައިމީހުންގެ މައްޗަށް އުޑުން ޢަޛާބެއް ބާވައިލެއްވިއެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، 1 ވަނަ ޖިލްދު، ޞަފްޙާ 240}
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ.
" قِيلَ لِبَنِي إِسْرَائِيلَ {ادْخُلُوا الْبَابَ سُجَّدًا وَقُولُوا حِطَّةٌ نَغْفِرْ لَكُمْ خَطَايَاكُمْ} فَبَدَّلُوا فَدَخَلُوا يَزْحَفُونَ عَلَى أَسْتَاهِهِمْ وَقَالُوا حَبَّةٌ فِي شَعَرَةٍ ". {صحيح البخاري، كتاب التفسير، ޙަދީޘް ނަންބަރު 4641}
މާނައީ: [ބަނީއިސްރާއީލުބާގައިގެ މީސްތަކުންނަށް އެންގެވުނެވެ. އަދި ތިޔަބައިމީހުން سجدة ކުރާ حال (އެބަހީ: މަޑުމައިތިރިވެ، ކިޔަމަންވެގެންވާ حال އެރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި އަޅަމެންގެ އެދުމަކީ ކުށްފާފަތައް ފުއްސަވައި عفو ކުރެއްވުމޭ ދަންނަވާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ކުށްފާފަތައް ފުއްސަވާހުށީމެވެ. ނަމަވެސް އެބައިމީހުން އެކަލިމަތައް ބަދަލުކުރިއެވެ. އެބައިމީހުން އެރަށުގެ ދޮރާށިންވަނީ ބިމުގައި ފޫކޮޅުކާތަމުންނެވެ. އެބައިމީހުން ދޮރާށިންވަންނަމުން ކިޔަމުން ގެންދިޔައީ، حَبَّةٌ فِي شَعَرَةٍ ތިމަންމެންނަށް ގޮދަނުގެ އޮއްޓަރު ދެއްވާންދޭވެ. މިފަދައިންނެވެ.]
އެބައިމީހުންގެ މި ނުކިޔަމަންތެރިކަމުގެ ނަތީޖާއެއްގެ ގޮތުން އުޑުން ޢަޛާބެއް ބާވައިލެއްވި ވާހަކަ ކުރިން ދެންނެވިފައިވާނެއެވެ. އެ ޢަޛާބަކީ ޠާޢޫނުގެ ވަބާކަމަށް މުފައްސިރުން ވިދާޅުވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ.
އަލް އިމާމުލް އާލޫސީ، ރޫހުލްމަޢާނީގައި ލިޔުއްވައިފައިވެއެވެ. [އެ ވަބާގެ ސަބަބުން އެބައިމީހުންގެ ތެރެއިން ސައުވީސް ހާސް މީހުން މަރުވިއެވެ. އަނެއް ރިވާޔަތެއްގައި ވާގޮތުން، ހަތްދިހަ ހާސް މީހުން މަރުވެގެން ދިޔައެވެ.] {އިމާމު އާލޫސީ، ރޫހުލްމަޢާނީ، ފުރަތަމަ ޖިލްދު، ޞަފްޙާ 422}
- އަދި ނުނިމޭ