ފުރަތަމަ ހަފްތާ ތެރޭ އިންޑިޔާ ސިފައިން ފައިބަން ބޭނުންވޭ: ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ފުރަތަމަ ހަފްތާ ތެރޭ އިންޑިޔާ ސިފައިން ފައިބަން ބޭނުންވޭ: ޑރ. މުޢިއްޒު

މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ވެރިކަމުގެ ފުރަތަމަ ހަފްތާ ތެރޭ ފައިބަން ބޭނުންވާ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭނުގައި ވަރަށް ބާރަށް އިންޑިޔާ މިލިޓަރީ އައުޓް ހަރަކާތަށް ފޯކަސްކޮށްގެން މަސައްކަތްކުރައްވާފައިވާތި އެކަމާ ގުޅޭގޮތުން އަލްޖަޒީރާ ނޫހުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. 

އެމަނިކުފާނު އިތުރަށް ފާހަގަ ވިދާޅުވީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިއްމު ކަމެއް ދެއްވާ އަސާސްކަމުގައެވެ. އިންޑިޔާ ނޫނަސް އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ އެދެވިގެން ވާނެކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ޑރ. މުޢިއްޒު ވިދާޅުވީ ބޭރު އެއްވެސް ޤައުމެއްގެ ސިފައިން (ދާއިމީ ގޮތަކަށް) ރާއްޖޭގައި ތިބުމަކީ ޤައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ރައްޔިތުން ނުއެދޭކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ސިފައިންނަށް ބޭނުންވާ އަސްކަރީ ތަމްރީނު ޕްރޮގްރާމްތައް އެކަމަށް އޮންނަ ހަމަތަކުގެ މަތިން ކުރިއަށް ގެންދެވޭނެކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހުވެސް އިންޑިޔާ ސިފައިން ރާއްޖޭން ބޭރުކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް  ވިދާޅުވަމުން އިތުރަށް ވިދާޅުވީ މިހާރުވެސް އެމަސައްކަތް ކުރައްވާކަމަށާ އެމަނިކުފާނުވާނީ އިންޑިޔާ އެބްސަޑަރާއި ބައްދަލުކުރައްވާ މި މައްސަލަ ހުށައަޅުއްވާފައިކަމަށެވެ. ވީމާ ދެޤައުމު ގުޅިގެން މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރެއްވޭނެކަމަށް ފާހަގަކުރެއްވިއެވެ.

މިއީ އެމަނިކުފާނު ހޮވުނުފަހުން ބައިނަލްއަގުވާމީ މީޑިޔާއަށް ދެއްވި ފުރަތަމަ އިންޓަވިއުއެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޢަދަދު އަދިވެސް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި ޑރ. މުޢިއްޒު ވިދާޅުވީ އެމަޢުލޫމާތު ޙޯދަން ނޫސްވެރިން އެންމެ މަތީ ކޯޓަށް ދިއުމުންވެސް ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.

 

މިއަދު އޮންލައިން