ކައިވެނި ރަނގަޅު ގޮތުގައި ދަމަހައްޓަން ބޭނުންވާނަމަ ތިމާގެ އަމިއްލަ ޙައްޤުތަކަށްވުރެ އަނެކާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކަށް އިސްކަންދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކައިވެނި ރަނގަޅު ގޮތުގައި ދަމަހައްޓަން ބޭނުންވާނަމަ ތިމާގެ އަމިއްލަ ޙައްޤުތަކަށްވުރެ އަނެކާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކަށް އިސްކަންދޭށެވެ!

ކައިވެނިތައް ރޫޅެމުން އަންނަކަން ގިނަބައަކު ފާހަގަކުރެއެވެ. އެކަމަށް ކަބޮޑުވެ ވާހަކަވެސް ދައްކައެވެ. ވީމާ އެއީ ކުރިމަތިވެފައިވާ މައްސަލައެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. މައްސަލައަކަށްވަނީ ޙައްލުކުރަން ޢަމަލުކުރާނެ ގޮތެކެވެ. ކުރަންވީ ކަންކަމެވެ. 

މިކަމުގައި އަހުރެންވެސް ވަރަށް ބޮޑަށް ވިސްނައިފީމެވެ. ޙައްލުކުރެވިދާނެ ގޮތަކީ ކޮބައިކަން ދެނެގަންނަން ވަރަށް ގިނަ މަސައްކަތްކޮށްފީމެވެ. އެމަސައްކަތުގެ ތެރެއިން ދަސްވި އެއްކަމެއް ބުނެލާނަމެވެ. 

އުފާވެރިކަމާއިއެކު ކައިވެނި ދެމަހައްޓަން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ތިމާގެ އަމިއްލަ ޙައްޤުތަކަށްވުރެ އަނެކާއަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް ކުރިއަށް ނެރުމެވެ. މާނައަކީ ބައިވެރިޔާ ތިމާއަށް ކޮށްދޭ ކަންކަމަށް ނުވަތަ ތިމާއަށް ކަންކަން ކޮސްދޭ މިންވަރަށް ނުބަލައި ބައިވެރިޔާއަށް ބައިވެރިޔާއަށް ކޮށްދޭންޖެހޭ ކަންކަން ވީހާ ފުރިހަމައަށް ކޮށްދިނުމެވެ. 

ގިނަފަހަރަށް އެއިރުން ވާގޮތަކީ ބައިވެރިޔާއަކީ ހައްޤު ޤަބޫލުކުރާ މީހަކުނަމަ ނުވަތަ އިންޞާފަށް ލޯބިކުރާ މީހަކުނަމަ ބަލައިގަންނަން ބޭނުން ނުވިނަމަވެސް އެކަންކަން ބަލައިގަންނަން މަޖުބޫރުވާނެއެވެ. ބަލައިގަނެވޭނެއެވެ. އެއިރުންވާނެ ގޮތަކީ އެފަދަ ބައިވެރިއަކު ގެއްލޭކަށް ހެޔޮވިސްނޭ ހަމައެކަކުވެސް ނުއެދޭނެއެވެ. ނަތީޖާއަކަށްވާނީ އުފަލުގައި އެކުގައި އުޅެން މަސައްކަތްކުރެވުމެވެ. 

އެއިގެ ބަދަލުގައި "މިނެދޭ ނާޅިން މިނެދޭނަމަ" އެމީހެއްގެ ކިބައިގައި އެއްވެސް ޚާއްޞަކަމެއް ނުއޮންނާނެއެވެ. މާދަމާވެސް ބަދަލުކޮށްލުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަކަށް ނުވިސްނޭނެއެވެ. ޤަބޫލެއް ނުކުރެވޭނެއެވެ. ވީމާ ކައިވެނި ރޫޅާލަން ޖެހުން އޮންނާނީ ދާދިގާތުގައެވެ. 

މިއީވެސް ޒަވާޖީ ޙަޔާތުގެ ކަންކަން ދިރާސާކުރާ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ. ވިސްނައިލުން މުހިންމު ބަސްކޮޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ. 

- އަލަފް / މިއަދުނޫސް

 

މިއަދު އޮންލައިން