ކައިވެންޏަށްފަހު ދެމަފިރިންނަކީ ވަކިވަކި 2 ފަރުދުން ނަމަވެސް ވާންޖެހޭނީ އެކަކަށެވެ. މަސައްކަތްކުރަންވާނީ އެއް އަމާޒަކަށް ދަތުރުކުރުމަށެވެ. ޙާޞިލްކުރަންޖެހޭ ލަނޑުދަނޑިއަކީ އެއް ލަނޑުދަނޑިއެއް ކަމަށް ހަދަންޖެހޭނެއެވެ.
ދިރިއުޅުމުގެ ކޮންމެ ކަމެއް ކުރިނަމަވެސް ދެމީހުންގެ މެދުގައި މަޝްވަރާކުރަންވާނެއެވެ. ކުރިއަސް ގެންދާނެ ގޮތަކާއިމެދު ދެމީހުން އެއްބަސްވާންވާނެއެވެ. މަގުޗާޓެއް ކުރަހަންވާނެއެވެ. އެކަންކަން ކުރުމަށްފަހު އެމީހެއްގެ ދައުރު އަދާކުރާނެ ގޮތް ކަނޑައެޅުމުގެ ޙައްޤު ދެމީހުންނަށްވެސް ދޭންވާނެއެވެ.
އަނެކާ ކުރާ ކަމަކުން ދެމީހުންގެ ނިންމުމަށް ބަދަލެއް ނުއަންނަނަމަ ނުވަތަ ގެއްލުމެއް ނުލިބޭނަމަ އެކަމަށް ފާޑުކިޔައި ހެދުން ރަނގަޅެއް ނޫނެވެ. ސަބަބަކީ އެއީ ހަމަ ވަޒިފާގެ މަސްއޫލިއްޔަތު ފަދަ ކަމެކެވެ. ވަޒީފާގެ މަސްއޫލިއްޔަތުގައިވެސް ކަނޑައަޅާފައި އޮންނަނީ ކުރަންވީ ކަންތައްތަކަކާއި ޙާޞިލްކުރަންޖެހޭނެ ލަނޑުދަނޑިތަކެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްކުރުމުގެ މިނިވަންކަން އެވައްޒިފެއްގެ އިޚްތިޔާރަށް ދޫކޮށްލެވެއެވެ.
އަމިއްލަ ދިރިއުޅުމުގައިވެސް ބޭނުންކުރަން އޮތީ ހަމަ އެއުޞޫލެވެ. ނޫންނަމަ ތިމާއަށް މިހުރެވެނީ އިޚްތިޔާރާއި ބާރުލިބިގެންކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. އެއިރުން ސިކުނޑި އަބަދުވެސް އޮންނާނީ ވަރުބަލިވެފައެވެ.
އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން ވީހާ ރަނގަޅަކަށް ކޮށްދެމުން ގެންދިއުމެވެ. އަނެކާއަށް ވަފާތެރިވެ، ކޮށްދެޏްޖެހޭ ކަންކަން ފުރިހަމައަށް ކޮށްދެމުން ގެންދާއިރުވެސް އެކަން އަނެކާ ބަލައި ނުގަންނަނަމަ، އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙް ނުކުރާނަމަ ދެން އޮންނާނީ ވަކިވުމެވެ. ނަމަވެސް އެގޮތަށް މެދުވެރިވާނީ ވަރަށް މަދުންނެވެ.
ވީމާ އުފާވެރި ޒަވާޖީ ޙަޔާތަކަށް އެންމެ މުހިންމު އެއްކަމަކީ ވަފާތެރިވުމެވެ. އެއް މިސްރާބަކަށް ދަތުރުކުރަން މަސައްކަތްކުރުމެވެ. ދެމީހުންވެސް އަނެކާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމެވެ. އެއްވެސް ކަމަކަށް ބޭނުންވެގެން ތަކުރާރުކޮށް އެދެން ނުޖެއްސުމެވެ. އެއިރުން އިން ޝާ ﷲ އަބަދުވެސް ތިބެވޭނީ އުފަލުގައެވެ.
- އަލަފް / މިއަދުނޫސް