ދަރިން ގޮވައިގެން ނިކަމެތިޙާލުގަ އުޅޭ އެކަނިވެރިމައިންނަށް އެހީތެރިވެދޭށެވެ! އެކަމުގެ ފައިޑާ ދެދުނިޔޭގަވެސް ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދަރިން ގޮވައިގެން ނިކަމެތިޙާލުގަ އުޅޭ އެކަނިވެރިމައިންނަށް އެހީތެރިވެދޭށެވެ! އެކަމުގެ ފައިޑާ ދެދުނިޔޭގަވެސް ފެންނާނެ! އިން ޝާ ﷲ

ކަންކަމުގެ ވާހަކަ ދައްކާއިރު ފުރަތަމަ ކަމަކަށް އެންމެ ގޯސްކޮށް ނުވަތަ ނުބައިކޮށް ކަންކަންކުރާ މީހުންގެ ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތެއް ނޫނެވެ. ދުނިޔެ ނިމެންދެން ޝައިޠޯނާ ދުނިޔޭގައިވާނެއެވެ. ޝައިޠޯނާ ވާހާދުވަހަކު ނުބައިކޮށް ކަންކަން ކުރާނެ ބައަކު އުޅޭނެކަން ޤަބޫލުކުރަންވާނެއެވެ. 

ވީމާ ދިރިއުޅުމުގެ ވާހަކަ ދައްކާއިއރުވެސް އެންމެ ގޯސްކޮށް ނުވަތަ ނުބައިކޮށް ކަންކަން ކުރާ މީހުންގެ ޥާހަކަދައްކައި މިޘާލުޖެހުމަކީ ކުރަން ރަނގަޅު ކަމެއް ކަމަކަށް އަހުރެން ނުދެކެމެވެ. އަހުރެންނަށް ވިސްނޭގޮތުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނީ ރަނގަޅަށް ކަންކަންކުރާ މީހުންނަށެވެ. ގިނައިން ދައްކަންވީ އެންމެ ރަނގަޅު މީހުންގެ ވާހަކަތަކެވެ. 

މިޘާލަކަސް ބުނާނަމަ ގިނަ އިމާމުންނަކީ ވަރަށް ރަނގަޅު ބައެކެވެ. ތަޤްވާވެރި ބައެކެވެ. ނަމަވެސް އިމާމަކަށްވެސް ގޯސްކޮށް ކަމެއް ކުރެވިފައި އޮވެދާނެއެވެ. ފާފައެއް ކުރެވިފައި އޮވެދާނެއެވެ. އެއީ ހުރިހާ އިމާމުންގެ އަގުވެއްޓޭ ގޮތަށް، އިތުބާރު ގެއްލޭގޮތަށް އިމާމުންގެ ވާހަކަ ދައްކަން ޖެހެންވީ ސަބަބެއް ނޫނެވެ. 

ހަމައެފަދައިން ޒަވާޖީ ޙަޔާތުގައި ފިރިއަކު ނުވަތަ އަންތބަކު ވަރަށް ގޯސްކޮށް ކަމެއްކޮށްފައި އޮވެދާނެއެވެ. މިޘާލަކަށް ބައިވެރިޔާ ވަރަށް ރަނގަޅަށް ކަންތައްތައް ކުރަމުން ގެންދަނިކޮށްވެސް ވަރަށް ގޯސްކޮށް ކަންކަން ކޮށްފާނެއެވެ. ބޭވަފާތެރިވެ ވަކިވެގެންވެސް ހިނގައިދާނެއެވެ. އަނިޔާވެރިވެސް ވެދާނެއެވެ. 

އެކަމަކު ބުނަންހެއްޔެވެ؟ އަނބިންނަށް ހެޔޮކޮށް ހިތައި އަނބިންގެ އަގުވަޒަންކުރާނަމަ ވަކިވެގެންދާނީ ވަރަށް މަދު އަންހެނެކެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވަނިކޮށް ދަރިންކޮޅު އުކާލާފައި އަމިއްލަ އެދުމަށް ހެއްލިގެންދާނީވެސް ވަރަށް މަދު އަންހެނެކެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ މައިމީހާ އާއި ދަރިންނާއިމެދުގައި އޮންނަ ރޫޙާނީ ގުޅުމެވެ. އެގުޅުން ކަނޑައިލުމަކީ ކުރަން އެހައިފަސޭހަކަމެއް ނޫނެވެ.

ކައިވެނި ރޫޅުމުން ކިތަންމެ ނިކަމެތި ޙާލެއްގައި އުޅެންޖެހުނަސް ދަރިން ބެލުމުގެ ޒިންމާ މައިން އުފުލަނީ އެހެންވެގެންނެވެ. ދަރިންގެ ބައްޕަ ޚަރަދެއް ނުކުރުމުން ސަލާންޖަހަން ޖެހުނަސް ދަރިންކޮޅު ގޮވައިގެން އުޅެން މަސައްކަތްކުރަނީ އެހެންވެގެންނެވެ. ދަރިފުޅާއި މަންމަ އާއި ދެމެދުގައި އޮންނަ ރޫޙާނީ ގުޅުން ބޮޑުކަމުންނެވެ. 

އަހުރެން ވަޞިއްޔަތް ކުރާނީ ދަތިޙާލުގައި ދަރިން ގޮވައިގެން ދިރިއުޅެން މަސައްކަތްކުރާ އެކަނިވެރި މައިންނަށް އެހީތެރިވުމަށެވެ. ހިތްވަރު ދިނުމަށެވެ. އެމީހުންގެ ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް ނުބުނުމަށެވެ. އަހުރެމެންގެ ދީނުގައި އޮތީ އެގޮތެވެ. އެގޮތަށް ޢަމަލުކުރުމުން ދެދުނިޔޭގައިވެސް އެކަމުގެ ފައިދާ ފެންނާނެއެވެ. އިން ޝާ ﷲ

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން