ދުނިޔެ ނިމެން ގާތްވަމުން އަންނަ ކަމުގެ ޢަލާމާތްތަކުގެ ތެރޭގައި ސީރިޔާ އާއި އިރާޤާއި އަދި މިޞުރާއިމެދު ދަތިކުރުމުގެ ފިޔަޅުއެޅުން ހިމެނެއެވެ. މިތަނުން އިރާޤައި ސީރިޔާ އާއިމެދު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. ދަތިކުރުމުގެ ފިޔަވަޅު ނާޅައި އޮތީ މިޞުރަށެވެ.
ފުރާތުކޯރުގެ ފެންގަނޑު އަދި ނުހިކެއެވެ. ނަމަވެސް ދަނީ ހިނދެމުންނެވެ. މަހްދީގެފާނާއި ހަނގުރާމަކުރަން އަންނަ ލަޝްކަރު ބިމަށް ގަންބަވައިގަންނަވާނީ މަހްދީގެފާނު ފައުޅުކުރެއްވެވުމުންނެވެ.
ކޮންމެއަކަސް ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޔަހޫދީން ޣާޒާއަށް އަރައިގަނެ ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތަކާއި ގުޅިގެން ކަންބޮޑުވުން ފައުޅުކުރަން ގިނަ ޤައުމުތަކެއްގައި މިހާރުވެސް ގެންދަނީ ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ. އެއިގެ ތެރޭގައި މުސްލިމް ޤައުމުތަކުގެ އިތުރުން ހުޅަނގުގެ ޤައުމުތައްވެސް ހިމެނެއެވެ.
މިފަދަ ބައެއް އެއްވުންތަކުގެ ބައިވެރިން ވަނީ އިސްލާމީ އުންމަތް ސަލާމަތްކޮށްދެއްވަވަން މަހްދީގެފާނު ފައުޅުކުރެއްވެވުން އަވަސްކޮށްދެއްވެވުން އެދި ދުޢާކޮށްފައެވެ. ފަލަސްޠީނުގެ ކުޑަކުދިންނާއި ބޮޑެތި މީހުން ގެންދަނީ އެކަމަށް އެދި މަދަޙަ ހަދައިގެންވެސް ކިޔަމުންނެވެ. އެލަވަތައް ގެންދަނީ ސޯޝަލްމީޑިއާގައި ޢާންކުރަމުންނެވެ.
މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ޤިޔާމަތްވުން އަވަސްކުރެއްވެވުމަކަށް އެކަކުވެސް ނުއެދޭނެއެވެ. ނަމަވެސް ފުރާނަ ސަލާމަތްކުރެވޭނެ އެހެން ގޮތެއް ނުފެނި މާޔޫސްވުމުން މިފަދަ ބަސްތައް ބުނެވެނީއެވެ. މިފަދަ ކަންކަން ކުރެވެނީއެވެ.
މިހާބޮޑު މާޔޫސްކަމެއް މީސްތަކުންނަށް ލިބިގެން މިދިއައީ ފަލަސްޠީނުގެ އެތައް މިލިއަން މުސްލިމުންނަށް ކޮންމެ ދުވަހަކު ޓެރަރިސްޓް ޙަމަލާތައްދީ ގިނަބައަކު ޝަހީދުކުރަމުން ގެންދާއިރު އެކަން ހުއްޓުވަން މަސައްކަތްކޮށްދޭނެ ބައަކު ނުފެނުމުންނެވެ. ގޮތް ހުސްވެ މާޔޫސްކަން އިންތިހާއަށް ދިއުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން