ކިތަންމެ މުސްކުޅިނަމަވެސް، ކިތަންމެ ފަލަ ނަމަވެސް، ކިތަންމެ ސިފަ ހުތުރު ނަމަވެސް އަތުގައި ފައިސާހުރިނަމަ ވަސައިގެން އެނބުރޭނެ އަންހެނުންތަކެއް ތިބޭނެއެވެ. އެއިގެ ތެރޭގައި ޒުވާން އަންހެންކުދިންވެސް ތިބޭނެއެވެ. ޒުވާން، ރީތި އަންހެންކުދިންވެސް ތިބޭނެއެވެ. ހަމައެގޮތަށް ތަނަވަސް އަންހެނުންގެ ވަށައިގެން އެނބުރޭނެ ޒުވާން، ރީތި ފިރިހެންކުދިންވެސް ތިބޭނެއެވެ.
އެމީހުން އެނބުރެނީ އެމިހެއްގެ ވަށައިގެނެއް ނޫނެވެ. އެމީހެއްގެ އަތުގައިހުރި ފައިސާގެ ވަށައިގެންނެވެ. އެކަމަށް ނުވިސްނައި މާރީތި، މާޒުވާންކުދިންނާއި ކައިވެނިކޮށްފައި ފަހުން ޝަކުވާކުރަން ނުހަދާށެވެ. އެކުދިން ބޭނުންވާ ކަންކަން ޙާޞިލުކުރެވުމުން ދާދި އަވަހަށް ވަކިވެގެންދާނެ ކުދިންވެސް ތިބޭނެއެވެ. އަދި ފައިސާގެ ދަހިވެތިކަމުގައި އެކުގައި އުޅޭނެ ކުދިންވެސް ތިބޭނެއެވެ.
މިފަދަ ވާހަކަތައް ވަރަށް ގިނައިން ދައްކަމެވެ. ވިސްނައިދެވޭތޯއެވެ.
މިފަދަ ކައިވެނިތަކުގައި މައްސަލަ ޖެހުމުން ލަފައަކަށް އެދި ގިނަ ބައަކު މަޝްވަރާކުރެއެވެ. ކިތަންމެ ވަރަކަށްވެސް ބުނަން އޮތީ ހަމައެއް ވާހަކައެކެވެ. އެއީ ޖެހޭނެ މައްސަލަތަކަށް ވިސްނަންވީ ކައިވެނިކޮށް މައްސަލަ ޖެހުމަކުން ނޫނެވެ. މައްސަލަ ޖެހޭނެކަން އެނގޭ ކައިވެނި ނުކުރުން ނޫން ޙައްލެއް މިކަމުގައި ނެތެވެ.
އެހެނެއް ނޫނެވެ. ޢުމުރު ތަފާތު ނަމަވެސް އުޅެވޭކަން އެނގެން އޮތް ގޮތެއްވެސް އެބައޮތެވެ. އެއީ ޢުމުރުތަފާތުނަމަވެސް ނިކަމެތި، ސިފަ އެހައި ރީތި ނޫން ކުދިންނާއި ކައިވެނިކުރުމެވެ. އެއިރުން އެކުދިން ލޯބިދީގެން އެކުގައި އުޅުމުގެ ފުރުޞަތު ބޮޑުވެގެންދާތީއެވެ.
ޢުމުރުން ތަފާތު ނަމަވެސް ވިސްނުންތެރިކަމާއިއެކު ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ. ވިސްނުންތެރިކަން އިސްކޮށްގެން ކައިވެނިކުރުމުން މައްސަލަތައް ޙައްލުކުރެވޭކަން ތަޖުރިބާއިން އެނގެއެވެ. ވީމާ އެންމެ މުހިންމުކަމަކީ ވިސްނުން އިސްކުރުމެވެ.
މިއީ ޢުމުރު ތަފާތުކޮށް ކައިވެނިކުރުމާއިމެދު ތަޖުރިބާކާރު މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.
- އަލަފް / މިއަދުނޫސް