ޢަލީ އިޙްޞާން ފިރާޤް
ޚަޟިރުގެފާނުގެ ވާހަކަ އާއި ޔޫޝަޢުގެފާނު
މިދެންނެވުނު ޙާދިޘާގެ އިތުރުން އެހެން ޙާދިޘާއެއްގައިވެސް يوشع عليه السّلام ގެ ވާހަކަ އައިސްފައިވެއެވެ. އެއީ موسى عليه السّلام އާއި خضر عليه السّلام ގެ ވާހަކައިގައެވެ. މި ދަންނަވަނީ ކީރިތި ޤުރްއާނުގައި އެ ވާހަކަ މާތްﷲ ބަޔާން ކުރައްވައިފައިވާ ގޮތެވެ. އަލްކަހުފުސޫރަތުގެ 60 ވަނަ އާޔަތުން ފެށިގެން އެ ސޫރަތުގެ 62 ވަނަ އާޔަތުގެ ނިޔަލަށް އަރަހުށި މާތް މިވާހަކަ ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَحُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَيْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾ فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾ فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا﴿٦٢﴾
މާނައީ: [موسى ގެފާނު އެކަލޭގެފާނުގެ خادم ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ. ފަހެ، އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް واصل ވެވުނު ހިނދު، އެ ދެކަލުންގެ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ. ފަހެ، އެ ދެކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވިހިނދު، އެކަލޭގެފާނުގެ خادم ކުއްޖާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ.]
މިދެންނެވި ތިން އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތާއި ފަހު އާޔަތުގައި ބަޔާން ކުރައްވާފައިވާ فَتَاهُ ނުވަތަ خادم ކުއްޖާއޭ އޮތީ يوشع عليه السّلام އަށް ކަމުގައި علاّمة إبن كثير رحمه اللّـه ވިދާޅުވެފައިވެއެވެ. އަދި މިއީ ވަރަށް ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ކަމެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ. موسى عليه السّلام އާއި خضر عليه السّلام ގެ ވާހަކައިގެ ތެރޭގައި يوشع عليه السّلام ގެ ވާހަކަ ބަޔާންވެފައިވަނީ މި ދެންނެވި މިންވަރަށެވެ. ޙަދީޘްތަކުގައި މި ޙާދިޘާ ތަފްޞީލުކޮށް އައިސްފައިވެއެވެ.
އިމާމް މުސްލިމާއި އިމާމުލް ބުޚާރީ ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުން އުބައްޔު ބުން ކަޢުބު ރަޞިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. އެއްދުވަހެއްގައި موسى عليه السّلام، ބަނީއިސްރާއީލުންގެ ތެރޭގައި ޚުޠުބާއެއް ދިނުމަށް ތެދުވެ ވަޑައިގަތެވެ. އެކަލޭގެފާނު ދެއްވި ޚުޠުބާގެ ފުރިހަމަކަމުގެ ސަބަބުން ބަނީއިސްރާއީލުންގެ މީސްތަކުންގެ ލޯތަކުން ކަރުނުހިލި ހިތްތަށް މަޑުމޮޅިވެގެން ދިޔައެވެ. އެކަލޭގެފާނު ޚުޠުބާ ދެއްވައި ނިމުމުން އެބައިމީހުން ސުވާލުކުރިއެވެ. [މީސްތަކުންގެ ތެރެއިން އެންމެ ޢިލްމުވެރި މީހަކީ ކާކުތޯއެވެ؟ މޫސާގެފާނު ޖަވާބު ދެއްވިއެވެ. [ތިމަންކަލޭގެފާނެވެ.]
އެހެންނަމަވެސް މާތް اللّـه سبحانه وتعالى، އެކަލޭގެފާނަށް އެންގެވިއެވެ. [އެހެނަކުންނޫނެވެ. ތިމަން ރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ކަލޭގެފާނަށް ވުރެ ޢިލްމުވެރި އަޅަކު ދެ ކަނޑު ގުޅޭ ހިސާބުގައި ވެއެވެ. ކަލޭގެފާނު މަހެއް ހިއްޕަވައިގެން އެމަސް ވަށިގަނޑަކަށް ލައްވައިގެން އެތަނަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނަށް އެމަސް ގެއްލިވަޑައިގަންނަވާނީ އެތަނާ ހިސާބަށް ވަޑައިގެންނެވުމުންނެވެ.]
ދެން موسى عليه السّلام އާއި އެކަލޭގެފާނާއި އެކުގައިވީ ޒުވާނާ يوشع عليه السّلام އާއި ދެބޭކަލުން ، މަހެއް ހިއްޕަވައިގެން އެމަސް ވަށިގަނޑަށް ލައްވައިގެން ދަތުރުފުޅު ފައްޓައިފިއެވެ. މިހެން ވަޑައިގަންނަވަމުން ގޮސް އޭގެދެކަލުންނަށް ބޮޑު ހިލަގަނޑަކާއި ހިސާބަށް ވަޑައިގެންނެވުމުން އެ ހިލަގަނޑުގައި އިސްތަށިފުޅު އަޅުއްވައިގެން އޭގެދެކަލުން އޮށޯވެވަޑައިގެންފިއެވެ. އެވަގުތު އެދެބޭކަލުންނަށް އެނގިވަޑައިގެންނެވުމަކާ ނުލައި، ވަށިގަނޑުގައި އޮތް މަސް ތެޅިގެންފައި މާތް اللّـه سبحانه وتعالى، ގެ އިޒުނަފުޅާއެކު ކަނޑުގެ ތެރެއަށް ގޮސް ނިމިއްޖެއެވެ. މިކަމަށް އިޝާރާތްކުރައްވައި، އަލްކަހުފުސޫރަތުގެ 61 އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا ﴿٦١﴾
މާނައީ: [ފަހެ، އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެބޭކަލުންނަށް ވާޞިލުވެވުނު ހިނދު، އެ ދެބޭކަލުންގެ މަހުގެ މަތިން އެ ދެބޭކަލުން ހަނދުމަނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނިމަގަކުން ލައިގެން ކަނޑުގެތެރެއަށް ހިނގައްޖެއެވެ.]
- އަދި ނުނިމޭ