ކޮންމެ މީހަކަށްވެސް ﷲ ތަޢާލާގެ ހިނިތުންވެވޮޑިގަތުން ޙާޞިލުކުރެވެން އޮތް ފުރުޞަތުގެ ބޭނުން ނުހިފުނީތީ ޤިޔާމަތް ދުވަހު ކަރުނައަޅަން މަޑުނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކޮންމެ މީހަކަށްވެސް ﷲ ތަޢާލާގެ ހިނިތުންވެވޮޑިގަތުން ޙާޞިލުކުރެވެން އޮތް ފުރުޞަތުގެ ބޭނުން ނުހިފުނީތީ ޤިޔާމަތް ދުވަހު ކަރުނައަޅަން މަޑުނުކުރާށެވެ!

މިއަށްވުރެ ބޮޑު އުފާވެރިކަމަކީ ކޮބައިހެއްޔެވެ؟ 

ﷲ ތައާލާ ހިނިތުންވެވޮޑިގަންނަވާނެ 3 މީހުންގެ ތެރެއިން އެކަކީ ރޭގަނޑުގެ އަރާމު ނިންޖާއި އަރާމު ތަންމައްޗާއި ލޯބިވާ ބައިވެރިޔާ ދޫކޮށްލައި ﷲ ތަޢާލާއަށް ލޯބިން ތެދުވެ ދަމުނަމާދުކުރާ މީހާއެވެ. ﷲ ތައާލާގެ ހިނިތުންވެ ވޮޑިގަތުން ލިބުމުގެ މަތިވެރިކަމާއިބެހޭ ގޮތުން އިމާމް އަޙްމަދު ރިވާ ކުރައްވަވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. " މިދުނިޔޭގައި މިހަކަށް ތަޢާލާ ހިނިތުންވެވޮޑިގެންފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމެއް ނެތެވެ." 

މިދުނިޔޭގައި މިހަކަށް ﷲ ތަޢާލާ ހިނިތުންވެވޮޑިގެންފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ހިސާބު ބެއްލެވުމެއް ނެތެވެ. މާނައަކީ އެމީހަކީ ޤިޔާމަތްދުވަހުގެ ހުރިހާ ބިރުވެރިކަމަކުން ސަލާމަތްވެގެންވާ މީހެއް ކަމެވެ. ވީއިރު އެފަދަ މީހަކަށް ވެވުމަށްވުރެ ބޮޑު އުފަލަކީ ކޮބައިހެއްޔެވެ؟ 

ﷲ ތައާލާ އާއި ކުއްތަންވުމަށް އޮތް އެންމެ ފަސޭހަ އަދި އެންމެ ކުރުމަގަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފިނަމަ އެކަމަށް އަރަން ހުރި ސިޑި ފެންނާނީ ރޭގަނޑުގެ ފަހުބައިގައި ހޭލައިގެން ކަމަށެވެ. އަދި އެ ސިޑިއަކީ ދަމު ނަމާދު ކަމަށެވެ. 

ދަމުނަމާދުކުރާ މީހުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭ ސަބަބަކީ މި ހަރުގަނޑުން އަރާތީ ކަމަށް ބެލެވެއެވެ. ދަމުނަމާދުކުރާ ވަރަކަށް އެ ހަރުގަނޑުން މައްޗަށް އެރޭތީއެވެ. ﷲ ތައާލާ އާއި ކުއްތަންވެވޭތީއެވެ. 

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ހާލު އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ." 

"ފަހެ، އެއުރެންނަށްޓަކައި ފޮރުއްވަވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢްމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."

(ސަޖްދަ: 16،17) 

މީސްތަކުންނޭވެ! ﷲ ތައާލާ ވަޙީ ކުރައްވަވާފައި އެވަނީ "އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ހާލު އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާއި ފޭވާ" ކަމަށެވެ. ވީއިރު ދަމުނަމާދުކުރަން ނިދީން ނުހޭލައި އެނދުގައި ނިދާފައި އޮންނަ މީހާއަކީ އޭނާގެ ވެރި ﷲ ތަޢާލާގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ މީހަކަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ 

"އެއުރެންނަށްޓަކައި ފޮރުއްވަވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢްމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ." އޮތް ބަސްފުޅާއި ގުޅިގެން އިމާމް އިބްން ޤައްޔިމް ވިދާޅުވެފައިވެއެވެ. ދަމުނަމާދުކުރާ މީހާއަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ނިޢްމަތްތައް ﷲ ތަޢާލާ ވަންހަނާ ކުރައްވަވާފައިވަނީ މީސްތަކުން ދަމު ނަމާދުކުރަނީ ރޭގަނޑު ވަންހަނާގައި ތެދުވެ އެހެން މީހުންނަށް ނުއަންގައި ސިއްރުން ކަމުގައިވާތީ ކަމަށެވެ. 

ކޮންމެއަކަސް ދަމުނަމާދުކުރުމަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ. ދަމުނަމާދުކުރާ މީހަކަށްވެވިއްޖެނަމަ އެއޮތީ ﷲ ތަޢާލާގެ ހިނިތުންވެވޮޑިގަތުން ޙާޞިލުކުރެވިފައެވެ. އެމަތިވެރި ނިޢްމަތް ޙާޞިލުކުރެވެން އޮވެމެ، އެކަން ޙާޞިލުނުކޮށް ޤިޔާމަތްދުވަހު މަހްޝަރު މައިދާނުގައި ތިވެންޖެހޭ ބައަކަށް ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!   

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

 

މިއަދު އޮންލައިން