ޙާލުގަ ހުރި ކުއްޖަކު ފެންތަށްޓަކަށް އެދުމުން ކިރުތަށްޓެއް ދިން އަންހެނަކަށް އޭނާގެ ފުރާނައާ ތިރީސް ހާސް ޑޮލަރު ލިބުނު ގޮތުގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ޙާލުގަ ހުރި ކުއްޖަކު ފެންތަށްޓަކަށް އެދުމުން ކިރުތަށްޓެއް ދިން އަންހެނަކަށް އޭނާގެ ފުރާނައާ ތިރީސް ހާސް ޑޮލަރު ލިބުނު ގޮތުގެ ވާހަކަ

ދަތިޙާލުގައިވާ މީހަކު ފެނިއްޖެނަމަ ވެވެންއޮތްވަރަކުން އެހީތެރިވެދޭށެވެ. ޚާއްޞަކޮށް ކުޑަކުދިންނަށާއި ނިކަމެތި އަންހެނުންނަށް ސަމާލުކަންދޭށެވެ. އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ފަހަރަކު ދުނިޔެއިން ބޮޑު ބަދަލެއް ނުލިބިދާނެއެވެ. ނަމަވެސް ތިބާގެ ފަތުގައި ކޮންމެ ފަހަރަކުވެސް ލިޔުއްވަވާނެތެވެ. އެކަމަށް ޙައްޤު ޖަޒާ ޤިޔާމަތް ދުވަހު ދެއްވަވާނެތެވެ.

މިއީ އެކަމަކަށް ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަމަކަށްވާތީ ޢިބްރަތްތެރި ވާހަކައެއްގެ ހަނދާން އައުކޮށްލައިދޭނަމެވެ. 

އޭނާއަކީ ކުޑަކުއްޖެކެވެ. ސްކޫލަށް ދެވޭނެފަދަވެސް ނެތުމުން ފައިސާ ހޯދަން އެ ކުއްޖާ ކުރާ މަސައްކަތަކީ ގޭގެއަށް ހިނގައި ފިހާރަތަކުގެ މުދާ ވިއްކައިދިނުމެވެ. ސްކޫލްޚަރަދާއި އެހެން ހުރިހާ ޚަރަދުތަކެއް ކުރަމުންގެންދިއައީ އެކަމުން ލިބޭ ފައިސާއިންނެވެ. 

އެއްދުވަހެއްގެ މެންދުރެވެ. ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެގެންނެވެ. ނަމަވެސް ކާނެ އެއްޗެއް ގަނެވޭވަރަށް އަތުގައި ފައިސާ ނެތުމުން ކެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެހާލުގައި ހުރެ ގެއެއްގެ ދޮރުގައި ޓަކިޖަހާފައި ބޯފެން ތަށްޓަކަށް އެދުނެވެ. 

ދޮރުހުޅުވި ޒުވާން އަންހެނާއަށް ކުއްޖާގެ މޫނުމަތިން އޭނާގެ ޙާލު އެނގޭތީ ފެންތަށްޓެއްގެ ބަދަލުގައި ދިނީ ކިރުތަށްޓެކެވެ. ކިރުތަށިބޯލުމަށްފަހު ކިރުތަށީގެ އަގަށް ދޭންވީ ކިހައިވަރެއްތޯ ސުވާލުކުރުމުން އަންހެން ކުއްޖާ ބުނީ މީހަކަށް ހެޔޮކަމެއް ކޮށްދީފައި ބަދަލުގައި އެއްވެސް އެއްޗެއް ނުހޯދަން މަންމަ ބުނެފައިވާ ކަމަށެވެ. 

އެޖަވާބު ލިބުމުން އަންހެންކުއްޖާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި ހެޔޮދުޢާކުރަމުން ކުއްޖާ ދިއައީއެވެ. 

އަހަރުތަކެއް ފަހެވެ. އަނހެން ކުއްޖާ ވަނީ މުސްކުޅި އަންހެނަކަށް ވެފައެވެ. ވަރަށް ބޮޑަށް ބަލިވެގެން އަވަށުގެ ހޮސްޕިޓަލްތަކުން ފަރުވާ ނުކުރެވިގެން މައިސިޓީގައި ހުރި ބޮޑު ހޮސްޕިޓަލަކަށް ގެންދެވުނެވެ. އެހޮސްޕިޓަލުގެ ގިނަ ޑޮކްޓަރުންނަށްވެސް އަނހެން މީހާއަށް ފަރުވާކުރުން ފަސޭހަކަމަކަށް ނުވިއެވެ. 

އެންމެފަހުން ހޮސްޕިޓަލުގެ އެންމެ އިސް ޑޮކްޓަރުގެ ސަމާލުކަމަށް ކޭސް ގެނައުމުން ޑޮކްޓަރު ގޮސް ބަލި މީހާ ބެލިއެވެ. އަދި އުމުރުން ދުވަސްވެފައިވީނަމަވެސް އެއީ އޭނާ ކުޑައިރު ބަނޑުހައިވެގެން ހުއްޓާ ކިރުތަށިދިން އަނހެން މީހާކަންވެސް އެނގުނެވެ.

ޑޮކްޓަރުގެ ވަރަށް ބުރަ މަސައްކަތުންނާއި މާތް ﷲ ގެ ރަޙްމަތްފުޅުން އޭނާއަށް ޝިފާ ލިބުމުން ބިލް ގެންގޮސްދިނުމުން އަންހެން މީހާ ދިއައީ ތުރުތުރުއަޅައިގެންނެވެ. 30،000 ޑޮލަރު ހޯދާނެ ގޮތަކާއިމެދު ކަންބޮޑުވީވަރުން ހާތްއެޓޭކެއް ނުޖެހުނީވެސް ކިރިޔާއެވެ.

ބިލުގެ ކަނުގައި އިން ކުޑަކުޑަ ނޯޓެއް ކިޔައިލިއިރު ލިޔެފައިވަނީ މިބިލަށް ދައްކަންޖެހޭ ފައިސާ  މީގެ އަހަރުތަކުން ވަނީ ކިރުތަށްޓަކުން ދައްކާފައި ކަމަށެވެ! އެހެންކަމުން ބިލަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

އޭނާގެ އެދުމުގެމަތިން ޑޮކްޓަރު އޭނާއާއި ބައްދަލުކުރިއެވެ. އެވަގުތުކޮޅުވެގެންދިއައީ ވަރަށް ޚާއްޞަ ވަގުތުކޮޅަށެވެ. ކިރުތަށީގެ އަގަށް ދޭންވީ ކިހާވަރެއްތޯ ކުއްޖާ ސުވާލުކުރުމުން "މީހަކަށް ހެޔޮކަމެއް ކޮށްދީފައި ބަދަލުގައި އެއްވެސް އެއްޗެއް ނުހޯދަން މަންމަ ބުނެފައިވާ ކަމަށް" އަންހެން ކުއްޖާ އެދުވަހު ބުނިއިރު އޭނާގެ މޫނަށް ގެނައި ހިނިތުންވުން އެވަގުތު ފެންނަންހުރީ ޑޮކްޓަރުގެ މޫނުންނެވެ.  

މިފަދަ ޙާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! މިއީ ޢިބްރަތްތެރިވާހަކަތަކެވެ. ޙާލުގައި ހުރި މީހަކަށް އެހީތެރިވުމުގެ ފުރުޞަތު ލިބިއްޖެނަމަ މާތް ﷲ އަށްޓަކައި އެހީތެރިވާށެވެ! އެކަމުގެ ދަރުމަ އަނބުރައި ތިބާ އާއި ބައްދަލުކުޜާނެ ގޮތް ނުވެސް އެނގޭނެއެވެ. އިން ޝާ ﷲ 

ފުރާނަ ދެއްވަވަނީވެސް ގެންދަވަނީވެސް މާތް ﷲ އެވެ. " ޙާލުގަ ހުރި ކުއްޖަކަށް ކިރުތަށްޓެއް ދިން އަންހެނަކަށް އޭނާގެ ފުރާނަ ލިބުނުކަމަށް" މިބުނީ މާތް ﷲ ގެ ވާގިފުޅާއިއެކު އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރީ ކިރުތަށި ލިބުނު ކުއްޖާކަމުގައިވާތީ ރަމްޒީގޮތުގައެވެ.  ތިރީސް ހާސް ޑޮލަރު ލިބުނު ކަމަށް މިބުނީ އެކުއްޖާ އޭނާގެ ބިލަށް އެރި 30،000 ޑޮލަރު ދައްކައިދިނުމުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން