ބޭސްވެރިކަން ކުރިއަރައި ހިނގައްޖެއެވެ. ފެންވަރު ރަނގަޅު ބޭސްތައް އުފެއްދިއްޖެއެވެ. ވެކްސިންތަކެއް ތަޢާރަފް ކުރެވިއްޖެއެވެ. ބައެއް ބަލިތައް ނައްތައިވެސް ލެވިއްޖެއެވެ. ނުވަތަ ބޮޑުތަނުން މަދުކުރެވިއްޖެއެވެ. އެހެންކަމާއިއެކުވެސް މުޅިދުނިޔެއަށް ނިކަން ބަލައިބަލާށެވެ!
ބަލިތައްވީ މަދުހެއްޔެވެ؟ ބަލިޖެހިގެން ތިބި މީހުން މަދުވިހެއްޔެވެ؟ ނުރައްކައުތެރި ބޮޑެތި ބަލިތަކުގައި ފުރާނައަށް ނުރައްކައުވެފައި ތިބި މީހުން މަދުވިހެއްޔެވެ؟ އެހެންކަމަށްވާއިރު އުފެއްދުނު މޮޅު ބޭސްތަކާއި ބަލި ދެނެގަންނަން ތަޙްލީލް ކުރުމުގައާއި އޮޕަރޭޝަންތައް ކުރުމުގައި ކުރިއަރައިދިއަކަމުން މިކުރީ ކޮންފައިދާއެއް ހެއްޔެވެ؟
މިވީގޮތަކީ ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު ދެ ނިޢުމަތަށް ފަރުވާކުޑަކޮށްލެވުނީއެވެ. އެއީ ލިބޭ ހުސްވަޤުތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާއި ޞިއްހަތާއިމެދު ފަރުވާކުޑަކޮށްލެވުމެވެ.
މިވީގޮތަކީ ހަރާމް ކުރެއްވެވިތަކެތި ކައިބޮއިހެދުން ގިނަވީއެވެ. ޙަރާމް ގޮތުގައި ތަކެތި ހޯދައިގެން ކައިބޮއިހެދުން ގިނަވީއެވެ. ދުވާލު މަސައްކަތްކޮށްފައި ރޭގަނޑު ނިދައި އަރާމުކުރަން އޮތް އޮތުން އެކޮޅުކޮޅުންޖެހީއެވެ.
މިވީގޮތަކީ މަސްތުވުން ގިނަވީއެވެ. ފާޙިޝް ޢަމަލުތައްކުރުން ގިނަވީއެވެ. ލިބިދާނެ ޞިއްޙީ ގެއްލުމަކަށް ނުބަލައި ވަޤުތީ ހިތްހަމަޖެހުމަށް އިސްކަންދިނީއެވެ.
މީސްތަކުންނޭވެ! ޞިއްހަތު ސަލާމަތުން ބަހައްޓަން ބޭނުންނަމަ މިކަންކަމަށް ސަމާލުކަންދޭށެވެ. ބަލިތަކުން ސަލާމަތްވެ ހުރެވޭނީ ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުންނެވެ. ޝިފާލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އެއީ ހަމައެކަނި ބޭހަކުން ނުވަތަ ކުރާ ފަރުވާއަކުން ޙާޞިލްކުރެވެން އޮތްކަމެއް ނޫނެވެ.
ރަނގަޅަށް ބަލާށެވެ! އެމީހެއްގެ ޢަމަލުތަކާއި ދިރިއުޅުމުގެ ކަންކަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ބަހައްޓާ މީހުން ޢާންމުގޮތެއްގައި ތިބޭނީ ބޮޑެތި ބަލިތަކުން ސަލާމަތްވެގެންނެވެ. އެމީހުންގެ އެތެރެރހަށީގެ ގުނަވަންތަކަށް ނުރައްކައުތެރި ބަލިތައް ޖެހުން މަދުވާނެއެވެ. ގައިންގައަށް އަރާ ބަލިތައް ޖެހުން މަދުވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން