ލިބޭ މުސާރައިން ދަރިންނަށް ޚަރަދުނުކުރުމަކީ ﷲ ތަޢާލާއަށް ޚިޔާނާތްތެރިވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ލިބޭ މުސާރައިން ދަރިންނަށް ޚަރަދުނުކުރުމަކީ ﷲ ތަޢާލާއަށް ޚިޔާނާތްތެރިވުން!

އަޅުގަނޑަކީ 5 ދަރިންގެ މަންމައެކެވެ. ކައިވެންޏަށް 20 އަހަރުގައި ފިރިމީހާ އަޅުގަނޑު ވަރިކޮށްލާފައި ދެވަނަ ކައިވެނިކޮށްފިއެވެ. ފިރިމީހާއަކީ ތަނަވަސް މީހެއް ނޫނެވެ. ލިބޭ އާދައިގެ މުސާރަކުން ޚަރަދުތައް ހަމަޖައްސަމުން އަންނަ މީހެކެވެ. 

މިހާރުވާގޮތަކީ މިހާރުގެ އަނބިމީހާއަށް ޚަރަދުކޮށްފައި ދަރިންނަށް ޚަރަދުކުރާނެ ފައިސާއެއް އަތަކު ނުހުރެއެވެ. އެހެންވެ ހުންނަނީ ރުޅިގަދަވެފައެވެ. ޙާލަކުން ފަހަރަކު ގުޅާލާފައިވެސް ފުރަތަމަވެސް ދައްކާނީ މިމަހު ދަރިންނަށް މިހައި ޚަރަދުކުރެވިއްޖެކަމުގެ ކަމުގެ ވާހަކައެވެ.

އެބާވަތުގެ ވާހަކަ ދައްކާއިރު ވަރިކުރީންސުރެ ދަރިންނަށާއި ގެއަށް ޚުރަންޖެހޭ ޚަރަދުގެ ދެބައިކުޅައެއްބައަށްވުރެ ގިނައިން ޚަރަދުކޮށްދެނީ އަޅުގަނޑުގެ ބޭބެއެވެ. ބޭބެ އެކަންކޮށްލައި ނުދޭނަމަ ތިބެންޖެހޭނީ ނުކައެވެ. 

ފިރިމީހާއަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭކަން ކައިވެނިކޮށްގެން އުޅުނުއިރުވެސް އޭނާއަށް އެނގޭނެއެވެ. ވީމާ ދެވަނަ ދިރިއުޅުމެއް އެފެށީ ދަރިންކޮޅު ނިކަމެތިވާނެކަން އެނގިހުރެއެވެ. 

އޭނާއަށް ލިބޭ މިންވަރު މަދުވެގެން ދުވަހަކުވެސް ޝަކުވާއެއް ނުކުރަމެވެ. މިހާރަކުވެސް ޝަކުވާއެއް ނުކުރަމެވެ. އަޅުގަނޑު ބޭނުންވަނީ ސުވާލެއް ކޮށްލާށެވެ. އެސުވާލަކީ އޭނާއަށް މިހާރުވެސް ލިބޭ މިންވަރުން ދަރިންނަށް ޚަރަދުނުކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ﷲ ތަޢާލާ ދެއްވެވި ދަރިންނަސް ޚަރަދުކޮށް ބެލެހެއްޓުމަށްވުރެ ވަކިން ބޮޑު މަސްއޫލިއްޔަތެއް ބައްޕައިންނަކަށް ނެތެވެ. އަދި ލިބޭ ދަރިންނަށް ޚަރަދުކުރަނީ ތިބާގެ އަމިއްލަ ފައިސާ ކަމަށް ހީނުކުރާށެވެ! ﷲ ތަޢާލާ ހަމައެކަނި ދަރިން ދެއްވަވަނީއެއް ނޫނެވެ. ދަރިންނާއިއެކު ދަރިންގެ ރިޒްޤް ވެސް ﷲ ތަޢާލާ ޙަވާލުކުރައްވަވަތެވެ. އެފައިސާ ރަނގަޅު ގޮތުގައި ދަރިންނަށް ހޭދަ ނުކުރުމަކީ އަމާނާތަށް ޚިޔާނާތްތެރިވުމެވެ. 

ކަންކަން ހުރީ ކިޔުންތެރިޔާ ތިއަބުނާ ޙާލުގައިކަން އެނގިހުރެ، ދަރިންނަށް އެހީތެރިނުވެވޭނެގޮތަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ އަތްމައްޗަށް ﷲ ތަޢާލާ ދެއްވަވާ ފައިސާ، ދަރިންނަށް ޚަރަދުނުކޮށް އޭނާގެ އުފަލަށްޓަކައި ޚަރަދުކުރާނަމަ އޭނާއަށް ޢަމަލުއެކުރެވެނީ ދީނުގައި އޮތްގޮތަކަށް ނޫނެވެ. 

ކިޔުންތެރިޔާ މާޔޫސްނުވާށެވެ! ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ! ދަމުނަމާދުކުރާށެވެ! ދުޢާކުރާށެވެ! މާއުފާވެރި ދިރިއުޅުމެއް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން