ކައިވެންޏަށް އަހަރުތަކެއްވެ ދަރިންތަކެއް ލިބުމުންވެސް މައްސަލަޖެހޭނަމަ ވަޙީދާގެ ތަޖުރިބާއިން ފިލާވަޅެއް ޙާޞިލްކޮށްލުން ބުއްދިވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކައިވެންޏަށް އަހަރުތަކެއްވެ ދަރިންތަކެއް ލިބުމުންވެސް މައްސަލަޖެހޭނަމަ ވަޙީދާގެ ތަޖުރިބާއިން ފިލާވަޅެއް ޙާޞިލްކޮށްލުން ބުއްދިވެރި!

ކައިވެންޏަށް ސިލްވަރޖުބިލީ ފުރެންކައިރިވެގެން އަންނައިރު ނުވަތަ ސިލްވަރޖުބިލީ ފުރުމުން ދެމަފިރިން ދެއަތަށް މޫނު އަނބުރާލައި ކައިވެނި ރޫޅައިލުމުން ވާނީ ކޮން މޮޅެއް ހެއްޔެވެ؟ ޚާއްޞަކޮށް ދަރިން ލިބިފައިވާނަމަ އެކަން ވާނީ ދެމީހުން އަމިއްލައަށް ލިބިގަންނަ ބޮޑު އަނިޔާއަކަށް ނޫންހެއްޔެވެ؟ 

އެހެންވެ އަހުރެމެން ދެމަފިރިން ވަރަށް ކުރިންސުރެ ކުރާ ކަމެއް އޮވެއެވެ. އެކަން ކުރަންފެށީ ކައިވެންޏަށް 15 އަހަރު ފުރުނު ދުވަހުން ފެށިގެންނެވެ. އެއިރު 4 ދަރިން ތިބުމާއިއެކުގައެވެ. އެކަމަކީ އެކަކު ރުޅި އައިސް ޒުވާބުކުރަން އުޅޭނަމަ އުފާވެރި ސިލްވަރޖުބިލީއެއް ފާހަގަނުކުރެވިދާނެކަން ހަނދާންކޮށްދިނުމެވެ. 

ކޮންމެއަކަސް ސަމާސައަށް ކުރަން ފެށުނު މިކަންތައްވީ ވަރަށް ކާމިޔާބު ކަމަކަށެވެ. އެކަން ހަނދާންކޮށްދެވޭއިރަށް މައްސަލަ ފިނިވެގެންދެއެވެ. މޫނުން ރުޅިވެރިކަން ފިލައި ހިނިތުންވުމަކަށް ބަދަލުވެގެންދެއެވެ. 

ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވިނަމަވެސް އަހުރެމެން ދެމަފިރިން ވާހަކަދައްކަނީ ވަރަށް މަޑުންނެވެ. ދަރިންނަށް އަޑު ނުއިއްވަންވެގެންނެވެ. އެކަމަކުވެސް ދުވަސްކޮޅެއްވީއިރަށް ދަރިންނަށް ކޮންމެވެސް ގޮތަކުން މިއަޑު އިވި ތިއަ ކިޔަނީ ކޮން ސިލްވަރޖުބިލީއެއްގެ ވާހަކަތޯ ސުވާލުކުރަން ފަށައިފިއެވެ. 

ދޮގުނުބުނަންވެގެން ތެދަށް ކިޔައިދިނުމުން މިކަންވީ އެކުދިންނަށް މާމަޖާ ވާހަކައަކަށެވެ. ބޮޑަށް ހުންނަނީ އަންހެން ކުއްޖެކެވެ. އެދަރިފުޅު ބުނީ ސިލްވަރ ޖުބިލީގެ ވާހަކަނުދެއްކުމަށެވެ. ގޯލްޑަން ޖުބިލީގެ ވާހަކަވެސް ނުދެއްކުމަށެވެ. އުފާވެރި ޕްލެޓިނަމް ޖުބިލީއަކަށް އުންމީދުކުރުމަށެވެ. 

ދަރިފުޅުގެ އެވާހަކަ އަޑުއިވުމުން ދެމަފިރިންނަށް ވަރަށް އަސަރުކުރިއެވެ. އެއިގެފަހުން އެފަދަ އެއްވެސް ވާހަކައެއް ދައްކާކަށް ނުޖެހެއެވެ. ނަމަވެސް ކުދިން ހެއްވާލަން ދޭތެދޭތެރެއިން ޕްލެތިނަމް ޖުބިލީގެ ވާހަކަމިހާރުވެސް ދައްކަމެވެ. 

އަހުރެން މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. އަހުރެންގެ ވަރަށް ގާތް އެކުވެރި ދެމަފިއަކު، ކައިވެންޏަށް 20 އަހަރު ފުރިފައިވާ ދެމަފިރިއަކު، ދެމަފިރިންނަށް 6 ދަރިން ލިބިފައިވާ ދެމަފިރިއަކު މިހާރު އުޅެނީ ވަރިފަށަށް އަރައިގެންނެވެ. 

އެދެމަފިރިންނާއި އެހެންވެސް މިފަދަ ގޮތްގޮތަށް އުޅޭ ދެމަފިރިންނަށް ބުނެލަން ބޭނުންވަނީ ޢުމުރުން އެހައިދުވަސްވެ، ކައިވެންޏަށް އެހައި ދުވަސްވެ، ދަރިން ލިބުމުން ކައިވެނި ރޫޅައިލުމުގެ ވާހަކަ އެއްގޮތަކަށްވެސް ނުދެއްކުން ކީއްހެއްޔެވެ؟ އެކަމުން ލިބޭނީ އިތުރު އަނިޔާއެއް ނޫންހެއްޔެވެ؟ 

އަހުރެންގެ ނަޞޭޙަތަކީ ކޮންމެ ދެމަފިރިއަކުވެސް މިކަންކަމަށް ވިސްނައިލުމެވެ. ދެމީހުންނަށް ވަކިނުވެ އެކުގައި އުޅެވޭނެ މަގެއް ހޯދުމެވެ. މަސައްކަތްކުރުމުން ހަމަ ކޮންމެ ދެމަފިރިއަކަށްވެސް ފެންނާނެއެވެ. އިން ޝާ ﷲ 

- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން