ރަނގަޅަށް ނިދިނުލިބުމަކީ ފުރާނައަށް ނުރައްކާވުން ކުރިމަތިވާ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ރަނގަޅަށް ނިދިނުލިބުމަކީ ފުރާނައަށް ނުރައްކާވުން ކުރިމަތިވާ ބިރުހުރި ކަމެއް!

ނިދީގައި އާދަޢާ ޚިލާފް މައްސަލަތައް ހުންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަން އަވަސްވެގަންނަން ޖެހެއެވެ. ޑޮކްޓަރުންގެ ޓީމަކުން ކުރި ދިރާސާތަކަށްފަހު ބުނެފައިވަނީ ރަނގަޅަށް ނުނިދޭ ނަމަ އެމީހުންނަށް ނިދޭވަގުތު އެމީހުންގެ ހަށިގަނޑު ހުއްޓުމަކަށް އަންނަ ކަމަށާއި އެފަދަ ވަގުތުތަކުގައި ހިތް ހުއްޓުން ފަދަ މައްސަލަތައް ކުރިމަތިވެ ބައެއް މީހުން އެކަމުގެ ތެރޭގައި ދުނިޔެ ދޫކުރަމުންދާ ކަމަށެވެ. 

ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައިވަނީ ނިދި ހަމައަށް ނުލިބޭނަމަ ގިނަ މީހުންނަށް ބޮޑަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ފިކުރުބޮޑުވުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އެހައި ފަސޭހައިން އަޅާނުލައި ދޫކޮށްލައިގެން ވާން އޮތް ކަމެއް ނޫން ކަމަށާއި އެއީ ސްޕެޝަލިސްޓް ޑޮކްޓަރުނެގެ ލަފާ ހޯދަން ޖެހޭ ކަމެއް ކަމަށެވެ. 

"ބައެއް މީހުން ނިދަން ބޭސް ކާކަށް ބޭނުމެއް ނުވޭ. އެމީހުން ބޭނުންވަނީ އަމިއްލައަށް ނިދި މެނޭޖްކުރަން. އެއީވެސް ހަމަ ރަނގަޅު ވިސްނުމެއް. ނަމަވެސް މުހިންމީ ޑޮކްޓަރަކަށް ދައްކައި ހުރި މައްސަލަތައް ދެނެގަތުން. މައްސަލައެއް ނެތްކަން ކަށަވަރުކުރުން." ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ވީހައި އަވަހަށް ނިދުމާއި ފަތިހު ހޭލައި ހަރަކާތްތެރިވުމުގެ މުހިންމުކަންވެސް ރިޕޯޓް ގައި ވަނީ ފާހަގަކޮށްފައެވެ. 

މިއީ ހަމަ އިސްލާމް ދީނުގައި މިކަން އޮތްގޮތެވެ. ފަތިސްވުމުގެ ކުރިން ހޭލައި ދަމުނަމާދުކޮށް އަދި ފަތިސްނަމާދުގެ އިހުސުންނަތާއި ފަތިސްނަމާދުކުރުމަށާއި އެއަށްފަހު ދުވަހުގެ މަސައްކަތަށް ފަށައިގަތުމަކީ އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ ކަންތަކެވެ! 

ނިންޖަކީ މީހާގެ ޞިއްޙަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. މީގެ އިތުރުން ކުރާ އަޅުކަމާއިވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ. ސަބަބަކީ ނިދި ރަނގަޅަށް ނުލިބޭނަމަ ސިކުނޑި ފުރިހަމައަށް މަސައްކަތްނުކުރާތީ ދޭންޖެހޭ ސަމާލުކަންދީގެން އަޅުކަން ނުކުރެވޭ ކަމެވެ.

ޢިޝާ ނަމާދުކޮށް ކައިހެދުމަށްފަހު ވަގުތުތައް ބޭކާރުނުކޮށް އަވަހަށް ނިދަން އިސްލާމްދީނުގައި އޮތީ މިފަދަ ސަބަބުތަކަށްޓަކައެވެ. ސައިންސްވެރިންގެ ހޯދުންތަކުން އެނގި ސާބިތުވަމުން މިދަނީ މިކަމުގެ ޙަޤީޤަތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން