ޢަލީ އިޙްޞާން ފިރާޤް
ދެން އެދެބޭކަލުން ތެދުވެވަޑައިގެން އެރޭގެ ބާކީބައިގައި، ހިންގަވައިފައި ވަޑައިގެންނެވިއެވެ. އަނެއް ދުވަހަށް އިރު އަރައްޖެއުމަށް ދާންދެނެވެ. މި ވާހަކަ އަރަހުށި މާތްﷲ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ.
فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ﴿٦٢﴾
މާނައީ: [ފަހެ، އެ ދެބޭކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވިހިނދު، އެކަލޭގެފާނާއި އެކުގައިވި ޒުވާނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ދުވާލުގެ ކެއުން ތިމަންމެންނަށް ގެނެސްދޭށެވެ! ހަމަކަށަވަރުން، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ.]
موسى عليه السّلام އަށް މާތް اللّـه سبحانه وتعالى، އަމުރުކުރެއްވި ހިސާބު ފަހަނައަޅައި ވަޑައިގެންނެވުމާއެކު އެކަލޭގެފާނަށް ވަރުބަލިފުޅުކަމުގެ އިޙްސާސު ކުރައްވަން ފައްޓަވައިފިއެވެ. ދެން يوشع عليه السّلام އަށް ވަށިގަނޑަށް ލެއްވި މަސްގެންނެވުނަށް އެންގެވިއެވެ. މި ވާހަކަ ކަހުފު ސޫރަތުގެ 63 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
أَرَأَيْتَ إِذْ أَوَيْنَا إِلَى الصَّخْرَةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا ﴿٦٣﴾
މާނައީ: [އެ ޒުވާނާ ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، ޝައިޠާނާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް ޢަޖާއިބެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ.]
މިވާހަކަ އަޑު އައްސަވައި މޫސާގެފާނު، ޔޫޝަޢުގެފާނަށް ވިދާޅުވިއެވެ. [ތިމަންމެން ދާން ބޭނުންވެގެން މިއުޅެނީ އެތަނެވެ.] ދެން އެ ދެބޭކަލުން ވަޑައިގެންނެވި ފިޔަވަޅު ބައްލަވަމުން އެ ދެބޭކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ.