އަންހެނުންނަކީ ޢާންމުގޮތެއްގައި ކަމަކަށް ބޭނުންވެގެން މަންމަ ނޫން މީހެއްގެ ގާތުގައި ބުނަން ލަދުގަންނަ ބައެކެވެ. އެކަން އެގޮތަށް މެދުވެރިވަނީ އަންހެން ދަރިން އެގޮތަށް ތަރުބިއްޔަތުކުރާތީއެވެ.
މީސްމީހުންގެ ގާތުގައި ކަންކަމު ކިޔުމަކީ އެކުދިންނަށް ތަފާތު މައްސަލަތައް ކުރިމަތިވާ ކަމަކަށްވުމުން މައިންބަފައިންނަށް އެއީ ކުރަންވެސް ޖެހޭ ކަމެކެވެ. ގިނަ މައިން އަނހެން ތަރުބިއްޔަތުކުރާއިރު ބައްޕަގެ ގާތުގައިވެސް ކަންކަމު ނުކިޔަން ބުނާނެއެވެ. އެއީ ތަފާތު ސަބަބަކާއިހުރެއެވެ. ބައްޕަ ގާތުގައި ކިޔަންޖެހޭނީ ބޮޑެތި ކަންކަމުގައިކަން ބުނެދިނުމުގެ ގޮތުންނެވެ.
އެކަން އެގޮތަށް އޮންނާތީ ކައިވެންޏަށްފަހުގައިވެސް ގިނަ އަނބިން މަޖުބޫރުވެގެން ނޫނީ ފިރިމީހާ ގާތުގައި ކަންކަމު ކިޔަން ލަދުގަންނާނެއެވެ. ޚާއްޞަކޮށް ގިނައިން ނުވަތަ އެއްކަމަކަށް ގިނަ ފަހަރު ބޭނުމެއް ނުވާނެއެވެ.
މިއީ ފިރިން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އަނބިމީހާ ކަމަކު ބުނެފިނަމަ ވީހައި އަވަހަކަށް ކޮސްދޭންވާނެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ކޮންމެ ކަމަކު ފިރިމީހާގެ ގާތުގައި ބުނަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމެވެ. އެގޮތުން ކޮންމެވެސް މިންވަރެއްގެ ފައިސާކޮޅެއް ކޮންމެ މަހަކުވެސް އަނބިންގެ އަމިއްލަ ޚަރަދުތަކަށް ޙަވާލުކުރުން ރަނގަޅެވެ. ސަބަބަކީ ގޭގެ ޚަރަދަށް ދޭ ފައިސާއިންވެސް ބައެއް އަނބިން އެމީހުންގެ އަމިއްލަ ޚަރަދުތައް ނުކުރާނެތީއެވެ.
މީގެ އިތުރުން ފާހަގަކޮށްލަން ބޭނުންވާ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ އަނބިން ނުބުނި ނަމަވެސް އެމީހުންގެ ބޭނުންތައް ދެނެގަނެ ކުރިއާލައި (ނުއެދެނީސް) އެކަމެއް ކޮށްދިނުމެވެ. އެކަން އެހައި މުހިންމު ކަމަށްވަނީ އެގޮތަށް ކަންކަން ކޮށްދޭނަމަ އެކަމުން އެ އަންގައިދެނީ ފިރިމީހާ އަނބިމީހާއަށް ވަރަށް ބޮޑަށް ސަމާލުކަންދޭކަން ކަމުގައިވާތީއެވެ. އެހެންކަމުން އެއީ އަނބިމީހާގެ ހިތުގައި ފިރިމީހާއަށް ލޯބިއިތުރުވެގެންދާނެ ކަމެކެވެ.
މިގޮތަށްވެސް ވިސްނައިލާށެވެ! އަނބިމީހާ އެދުމުންވެސް ބޭނުން ފުއްދައިދޭންޖެހޭނެއިރު އެކަމުން ލޯބިއިތުރުވާނެ ގޮތަށް ނުކުރަންވީ ކީއްވެގެންހެއްޔެވެ؟ ޚަރަދުކުރަންޖެހޭނީ ހަމަ އެއްވަރަކަށެވެ.
- އަލަފް / މިއަދުނޫސް