ދެމީހަކު ލޯބިވެ ހަރާމް ގުޅުންތައް ހިންގަނީއެވެ. އެކަމުން އެކަކަށް އުނދަގޫވެ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވެވެން ފަށަނީއެވެ. އެގުޅުން ހުއްޓާލަން، ފާފަކުރުން ހުއްޓާލަން ބޭނުންވަނީއެވެ.
އެވަޤުތު ނިކަން ބާރަށް ޝައިޠޯނާ އަންނާނެއެވެ. އައިސް ބުނާނެއެވެ. "އެއްގޮތަކަސްވެސް ތިއަހެން ކަންކަން ކުރާކަށް ނުވާނެއެވެ. އޭނާ ވަރަށް ދެރަވާނެއެވެ. އެހައި ބޮޑު ހިތްދަތިކަމެއް، އަނިޔާއެއް އޭނާގެ ހިތަށް ދޭކަށްނުވާނެއެވެ!"
ވިސްނައިލާށެވެ! މުހިންމީ ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިވުން ހެއްޔެވެ؟ އަނެކާގެ ހިތަށް ވެދާނެ އުނދަގުލެއް ނުވަތަ އޭނާއަށް ލިބިދާނެ ހިތްދަތިކަމެއް ހެއްޔެވެ؟
ލޮބެވި އެކުވެރިންނޭވެ! އަޚުންނާއި އުޚުތުންނޭވެ! ޝައިޠޯނާއަށް ރަތްކާޑުދައްކާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ﷲ ތަޢާލާއަށްޓަކައި އެގުޅުން ކަނޑައިލާށެވެ! ލޯބިވުން ނިމުމަކަށް ގެންނާށެވެ!
އެކަންކަން ކޮށްފިނަމަ ﷲ ތަޢާލާ ތިބާއަށް ދެއްވަވާނެ ނިޢުމަތްތައް މާބޮޑުވާނެއެވެ. މާއުފާވެރި ހަޔާތެއް، ދިރިއުޅުމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ
ތިމާއަށް ކުރެވެމުން އަންނަ ފާފައެއް ކުރުން ﷲ ތަޢާލާއަށްޓަކައި ހުއްޓާލައިފި މީހަކަށް އެކަމުގެ ބަދަލު ދެދުނިޔޭގައިވެސް ދެއްވަވާނެތެވެ. ދެއްވަވާނެ ދަރަޖަ ނުވެސް ވިސްނޭނެތެވެ. އެމީހަކު އުފަލުން ފުރިގެންދާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން