މިލިޔުމުގައި މިވަނީ މީސްތަކުން މިސްކިތްތަކަށް ގޮސް ހެޔޮކަން ކުރަން ހޭލުންތެރި ކުރައްވަން އަބޫހުރައިރަތުގެފާނު ކުރެއްވެވި ކަމެއްގެ ވާހަކައެވެ.
ރަސޫލް (ﷺ) ސުވަރުގެ ވަޑައިގެންނެވިއިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެތި ބަލާ މިސްކިތަށް ދިއަ މީހުންގެ ވާހަކަ-:
މީސްތަކުން ބާޒާރުމަތީގައި އެންމެ ގިނަވީ ވަގުތަކު އެއް ދުވަހު އަބޫ ހުރައިރަތުގެފާނު ބާޒާރަށް ވަޑައިގެން ވިދާޅުވިއެވެ. "މީސްތަކުންނޭވެ! މިސްކިތުގައި ވަރަށް ބައިވަރުތަކެތި އެބަ ބަހައެވެ. ރަސޫލް (ﷺ) ސުވަރުގެ ވަޑައިގެންނެވި އިރު މީސްތަކުންނަށް ބަހަން ދޫކުރައްވާފައިވާ ތަކެއްޗެވެ.
އެހިސާބުން އެންމެން ދުއްވައިގަތީ މިސްކިތަށެވެ. ފިހާރަތައް ބަންދުކޮށްފައި ވިޔަފާރިވެރިން ވެސް ދުވީ މިސްކިތަށެވެ. ގޮސް ބެލިއިރު މިސްކިތަކު އެފަދަ އެއްވެސް ކަމެއް ނުހިނގައެވެ. އެއްވެސް އެއްޗެއް ބަހާ މީހަކު ނުއުޅެއެވެ.
އައިރުޅީގައި އެންމެން އެކުގައި ގޮސް އަބޫ ހުރައިރަތުގެފާނާއި ބައްދަލުކުރުމުން ވިދާޅުވީ ކުރު ޚުޠުބާއެއް ފަދަ ބަސްކޮޅެކެވެ.
ފުރަތަމަ ސުވާލު ކުރެއްވީ މިސްކިތުން ފެނުނީ ކޮން ތަކެއްޗެއް ކަމާއިމެދުގައެވެ.
ޖަވާބުގައި މިސްކިތުން އެމީހުންނަށް ފެނުނީ "މުޞްޙަފާއި އިސްލާމް ދީނުގެ ކަންކަން" ކަމަށް ދެންނެވުމުން ވިދާޅުވިއެވެ. "މީސްތަކުންނޭވެ. އެއްވެސް ރަސޫލް ބޭކަލަކު ދުނިޔެ ދޫކުރައްވާއިރު ތިއަބައިމީހުން މިސްކިތުން ހޯދަން މިއަދު ތިއަ ދިއަ ފަދަ އެއްވެސް އެއްޗެއް ދޫކުރައްވަވާފައި ވަނިކޮށް ނުފެންނާނެއެވެ. ދޫކުރައްވަވާފައި ވާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރަންވީ ކަންކަމެވެ. އެކަންކަމުގައި ސާބިތުވެއްޖެ ނަމަ ސުވަރުގެ ލިބޭނެ ކަންކަމެވެ. އެކަން ކުރާނެ ގޮތުގެ އިރުޝާދެވެ.
ވީމާ ތިއަބައިމީހުންނަށް މިސްކިތުން މިއަދު ތިއަ ފެނުނީ ތިއަބައިމީހުންނަށް ބަހަން ރަސޫލް (ﷺ) ދޫކުރެއްވެވި ތަކެއްޗެވެ. ދެދުނިޔޭގެ ސަލާމަތްކަން ލިބިގަތުމަށްޓަކައި ތިއަބައިމީހުން ލިބިގަންނަންވީ ތަކެއްޗެވެ.
މިހައި އަވަހަށް ތިއަބައިމީހުން އެކަންކަން ހަނދާން ނެތެމުން ދާތީ އަހަރެން މިކުރި ކަމަކީ ތިއަބައިމީހުންނަށް އެކަން ހަނދާންކޮށްދިނުމެވެ. ގިނަގިނައިން މިސްކިތަށް ގޮސް ރަސޫލް (ﷺ) ދޫކުރެއްވެވި ތަކެތި ލިބިގަނެ އެކަމުން ފައިދާ ލިބިގަންނަ ބައަކަށްވާށެވެ! ސުވަރުގެ ލިބުން އޮތީ އެތަކެތި ލިބިގަތްވަރަކުންނެވެ."
- އިމާމް ޢުމަރު ސުލައިމާނުގެ ދަރުސަކުން